Roadha Mihaaru
ރާއްޖެ-ޕާކިސްތާނު ޖަމިއްޔާގެ ރައީސަކަށް މަސްއޫދު

ރާއްޖެ-ޕާކިސްތާނު އެކުވެރިކަމުގެ ޖަމިއްޔާގެ ރައީސަކަށް މަސްއޫދު، ނައިބަކަށް ހަމްދޫން

14 އޮކްޓޯބަރ 2021

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުން ބަދަަހިކުރަން އުފައްދާފައިވާ ޕާކިސްތާން-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (ޕީއެމްއެފްއޭ) ގެ ރައީސަކަށް ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސް ޕާސަން މަސްއޫދު އިމާދު ރޭ އިންތިހާބުކޮށްފި އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުން ބަދަަހިކުރަން އުފައްދާފައިވާ ޕާކިސްތާން-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (ޕީއެމްއެފްއޭ) ގެ ރައީސަކަށް ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސް ޕާސަން މަސްއޫދު އިމާދު ރޭ އިންތިހާބުކޮށްފި އެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގައި އޮތް ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސަކަށް އިންތިހާބުކުރި މަސްއޫދު، ރައީސް އޮފީހުގެ ސްޕޯކްސް ޕާސަންގެ މަގާމު ފުރުއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. ސަރުކާރުގެ ބައެއް އެހެން މަގާމުތައް ވެސް ކުރިން ފުރުއްވާފައިވާ މަސްއޫދަކީ ޕާކިސްތާނުގެ ހައި ކޮމިޝަންގެ އިސްވެރިންނާ ގުޅުން ބޮޑު ބޭފުޅެކެވެ.

މަސްއޫދުގެ އިތުރުން، ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ ޖަމިއްޔާގެ ނައިބަކަށް އިންތިހާބުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި އަދި ފުލުހުންގެ މުއައްސަސާގެ އެކިއެކި އޮޕަރޭޝަންތަކުގައި އިސްކޮށް އުޅުއްވި ހަމްދޫން ރަޝީދެވެ.

ރާއްްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުން މިއަދު ބުނީ ޕީއެމްއެފްގެ މަގާމުތަކަށް ބޭފުޅުން ނޮމިނޭޓް ކުރީ އޮންލައިންކޮށް ކަމަށް ވިޔަސް އިންތިހާބު ބޭއްވީ ހައި ކޮމިޝަނުގައި ރޭ އޮތް ބައްދަލުވުމެއްގައި ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތިރު މުޚުތާރާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަަރްްނައިން އަހުމަދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. ޕީއެމްއެފްއޭގެ ދިވެހި އަދި ޕާކިސްތާނު މެމްބަރުން ވެސް އެ ޖަލްސާގައި ބައިވެރިވި އެވެ.

ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ ޖަމިއްޔާ އިން ރޭ ބޭއްވި އިންތިހާބަށް ފަހު އެ ޖަމިއްޔާގެ އިސްބޭފުޅުން ޕާކިސްތާނުގެ ހައި ކޮމިޝަންގެ ބައެއް އިސްވެރިންނާ ގުރޫޕް ފޮޓޯއަކަށް ހުއްޓިގެން.

ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ ޖަމިއްޔާ އިން ރޭ ބޭއްވި އިންތިހާބަށް ފަހު އެ ޖަމިއްޔާގެ އިސްބޭފުޅުން ޕާކިސްތާނުގެ ހައި ކޮމިޝަންގެ ބައެއް އިސްވެރިންނާ ގުރޫޕް ފޮޓޯއަކަށް ހުއްޓިގެން.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނު ސަފީރު އާތިިރު މުހުތާރު ވިދާޅުވީ، ޕީއެމްއެފްއޭގެ މަގާމުތަކަށް އިންތިހާބުކުރި ބޭފުޅުންނަށް ފުރިހަމަ އަށް އިތުބާރު ކުރައްވާ ކަމަށާއި ދެ ގައުމުގެ މީހުންނަށް ފައިދާ ހުރި ގިނަ ހަރަކާތްތަކެއް ޖަމިއްޔާ މެދުވެރިކޮށް ހިންގޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ޖަމިއްޔާގެ ރައީސްކަމަށް އިންތިހާބުވި މަސްއޫދު ވިދާޅުވީ، ދިވެހިންނާއި ޕާކިސްތާނު މީހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަަދަހިކުރަން އޭނާގެ ރިޔާސަތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ޖަމިއްޔާ އަށް ޕާކިސްތާނު ސަފީރު ވެދެއްވާ އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.

މި އަހަރަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރޭ އަހަރު ވެސް މެ އެވެ.