Roadha Mihaaru
ސްޕޭސް ޓޫރިޒަމަށް ވިލިއަމް ފާޑުވިދާޅުވެއްޖެ

ބޮޑެތި މަހުޖަނުން ސްޕޭސް ޓޫރިޒަމާ އުޅޭތީ ޕްރިންސް ވިލިއަމް ފާޑުވިދާޅުވެއްޖެ

16 އޮކްޓޯބަރ 2021

ދުނިޔޭގެ ބޮޑެތި މަހުޖަނުން މިހާރު ސްޕޭސް ޓޫރިމަށް ފޯކަސް ކުރައްވައި އެކަމާ ގުޅިން ހުރި މަސައްކަތްތައް ކުރައްވާތީ ޕްރިންސް ވިލިއަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ ބޮޑެތި މަހުޖަނުން މިހާރު ސްޕޭސް ޓޫރިމަށް ފޯކަސް ކުރައްވައި އެކަމާ ގުޅިން ހުރި މަސައްކަތްތައް ކުރައްވާތީ ޕްރިންސް ވިލިއަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ދުނިޔެ އަށް މި ވަގުތު ދިމާވެފައިވާ ތިމާވެށިގެ ބޮޑެތި މައްސަލަތަކާއި މޫސުމީ ބަދަލުތަކާ (ކްލައިމެޓް ޗޭންޖް) ހެދި އެކަންކަމަށް ހައްލު ހޯދަން ވަކާލާތު ކުރައްވައި އަދި މަސައްކަތްތަކެއް ވެސް ކުރައްވާ ވިލިއަމް ބީބީސީގެ ޕޮޑްކާސްޓް ޝޯ "ނިއުސްކާޓް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދުނިޔޭގެ ބޮޑެތި މަހުޖަނުން ކުރަންވީ ކަމަކީ ދުނިޔެ ހިމާޔަތް ކުރުން ކަމަށެވެ.

"ކުރަން އޮތް އެންމެ މުހިއްމު ކަމަކީ އެއީ. ދުނިޔޭގެ ބޮޑެތި ސިކުނޑިތައް، ބޮޑެތި މަހުޖަނުން އިންވެސްޓްކުރަންވީ ދުނިޔެ ސަލާމަތް ކުރަން." އޭނާ ވިދާޅުވި އެވެ.

ވިލިއަން ވިދާޅުވި ގޮތުގައި ތިމާވެށީގެ ބޮޑެތި މައްސަލަތަކާ އެކު ދުނިޔެ ބޮޑު ހަލާކެއްގެ ތެރެއަށް ވެއްޓިފައިވާ ޒަމާނެއްގައި ޖައްވަށް ދަތުރު ކުރުމަކީ އެއްވެސް ވަރަކަށް މުހިއްމު ކަމެއް ނޫނެވެ.

"ޖައްވީ ދަތުރުތަކަށް ދިއުމާއި ޖައްވުގައި މީހުން ދިރިއުޅޭނެ ގޮތްތަކެއް ހޯދުމެއް ނޫން ކުރަން ޖެހިފައި އޮތް ކަމަކީ. ކުރަން އޮތް އެންމެ މުހިންމަކީ އަހަރެމެން މި އުޅެނީ ދުނިޔޭގެ ހިމާޔަތަށް މަސައްކަތްކޮށް އަންނަން އޮތް ޖީލުތައް އުޅޭނެ ރައްކާތެރި ވެށްޓެއް ހޯދައި ދިނުން." ޕްރިންސް ޗާލްސްގެ ދޮށީ ދަރިކަލުން ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސް ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ވިލިއަމްް ވިދާޅުވީ ޖައްވީ ދަތުރަކަށް ވަޑައިގަތުމަކީ އޭނާ އެއްގޮތަކަށް ވެސް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަހަލަ ކަމަކާ ދޭތެރޭ ފިކުރު ވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ވިލިއަމް ވިދާޅުވީ އިންސާނުންގެ އަމަލުތަކާ ވެސް ހެދި ދުނިޔޭގެ ވެށި ނުރައްކަލެއްގެ ތެރޭގައި އޮއްވައި އަނެއްކާ ވެސް ސްޕޭސް ޓޫރިޒަމޭ ކިޔާފައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން އެ ދާއިރާ ފުޅާކުރަން އުޅުމަކީ ދުނިޔެ އަށް ދެވޭ އިތުރު ގެއްލުމެކެވެ. އެގޮތުން އެކަމަށް ބޭނުންވާ އުޅަނދުތަކަކީ ވެސް ކުރިމަތިވާނެ އިތުރު ގޮންޖެހުންތަކެއް ކަމަށް ވިދާޅުވި އެވެ.

"މީގެ އެންމެ އަސާސީ އެއް ސުވާލަކީ ކީއްވެ ހެއްޔޭ ދުނިޔެ މިހާ ނާޒުކު ފައްތަރެއްގައި ވެސް އޮތްވައި އަނެއްކާ ވެސް ޖައްވީ ދަތުރުތަކަށް ބޮޑު ހޭދައެއް ކުރަންވީ؟" ވިލިއަމް ސުވާލު އުފެއްދެވި އެވެ.

ސްޕޭސް ޓޫރިޒަމަށް މިހާރު އެންމެ ފުޅާކޮށް މަސައްކަތްކުރަނީ ދުނިޔޭގެ ބޮޑެތި މަހުޖަނުންވެ. އޭގެ ތެރޭގައި "ބްލޫ އޮރިޖިން" ގެ ނަމުގައި ޖައްވީ މަސައްކަތަށް ހާއްސަ ކުންފުންޏެއް ހިންގަވާ އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޮސް އާއި އިނގިރޭސިވިލާތުގެ ވާޖިން ގްރޫޕްގެ ދަށުން ޖައްވީ ކުންފުނި "ވާޖިން ގެލެކްޓިކް" ހިންގަވާ މަހުޖަނު ރިޗަޑް ބްރޭންސަނާއި މިހާރު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އަދި "ސްޕޭސް އެކްސް" ގެ ގެ ވެރިޔާ އީލޮން މަސްކް ހިމެނެ އެވެ.

މިދިޔަ ޖުލައި މަހުހެ ތެރޭގައި ވާޖިން ގެލެކްޓިކާއި ބްލޫ އޮރިޖިނުން ވަނީ އެ ކުންފުނިތަކުގެ ފުރަތަތަ ޖައްވީ ދަގުރުތައް ބާއްވައިފަ އެވެ. ކުރިއަށް ދެން އޮތީ ވިޔަފާރި އޫސުލުން މިކަން ކުރުމެވެ. ބްލޫ އޮރިޖިނުން ވަނީ އޭގެ ދެވަނަ ދަތުރެއް ވެސް މިދިޔަ ބުދަ ދުވަހު ބާއްވައިފަ އެވެ.

ސްޕޭސް ޓޫރިޒަމް މަހުޖަނުން މާ ބޮޑަށް މަސައްކަތް ކުރާތީ ވިލިއަމް ފާޑުވިދާޅުއިރު އޭނާ ގެންދަވަނީ ދުނިޔެ އަށް މި ވަގުތު ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުތައް ހޯދައިދޭ ފަރާތްތަކަށް "ދި އާތުޝޮޓް ޕްރައިޒް" ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ ބޮޑު ޕްރޮގްރާމެއް ވެސް ހިންގަވަމުންނެވެ.