Roadha Mihaaru
ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފި

ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރަށް އިތުރުކޮށްފި

17 އޮކްޓޯބަރ 2021

ކްރެޑިޓް ކާޑު ބޭނުން ކޮށްގެން މުއާމަލާތްތައް ހިންގޭ ލިމިޓު 750 ޑޮލަރަށް ބީއެމްއެލް އިން މިއަދު އިތުރު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކްރެޑިޓް ކާޑު ބޭނުން ކޮށްގެން މުއާމަލާތްތައް ހިންގޭ ލިމިޓު 750 ޑޮލަރަށް ބީއެމްއެލް އިން މިއަދު އިތުރު ކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ބޭރުގެ މުއާމަލަތްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭ ލިމިޓެއް ކަނޑައަޅައިފަ އެވެ. ފުރަތަމަ ލިމިޓެއްގެ ގޮތުގައި 250 ޑޮލަރު ކަނޑައެޅި އިރު މިދިޔަ ޖުލައި މަހު ވަނީ އެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފަ އެވެ.

ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އަނެއްކާވެސް ލިމިޓް އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމެރިކަން އެކްސްޕްރެސްގެ ގްރީން އަދި ގޯލްޑް ކާޑު ގެންގުޅޭ ކަސްޓަމަރުންނާއި ވިސާގެ ކްލެސިކް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނާއި މާސްޓަކާޑުގެ ސްޓޭންޑަޑް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނަށް 750 ޑޮލަރާ ހަމައަށް ބޭރު ގައުމުތަކުގައި މުއާމަލާތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. މި ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކާޑުތައް ގެންގުޅޭ ކަސްޓަމަރުންގެ ލިމިޓު ވެސް އިތުރު ކޮށްފައިވާ ކަމަށް ބޭންކުން ބުންޏެވެ. އެ ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ ލިމިޓު މި ހަފުތާ ތެރޭގައި އަންގާނެ އެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް އަދިވެސް ބޭނުން ކުރެވޭނީ މަހަކު 250 ޑޮލަރެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަަށް މަހަކު 750 ޑޮލަރު ބޭނުން ކުރެވޭނެ އެވެ.

ޑޮލަރު އެކައުންޓު ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ބޭނުން ކުރާ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމައަށް ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން ބޭސް ފަރުވާއަށާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ބީއެމްއެލް އިން ކާޑުތަކަށް ވަގުތީ ލިމިޓެއް ދޭނެ އެވެ. މި ލިމިޓު އިތުރު ކުރުމަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ. މިއީ މިހާރު ވެސް ބޭންކުން ދެމުން އަންނަ ހިދުމަތެކެވެ.

ބީއެމްއެލް އިން ބުނީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި ކުރިއަށް އޮތްތާނގައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.