Roadha Mihaaru
ލައިފް ޖެކެޓް ލާޒިމްކުރަން ލަފާ ދިންތާ ދެ އަހަރު!

ލައިފް ޖެކެޓް އަޅަން ލާޒިމްވާ ގޮތަށް ގަވައިދު ބަދަލުކުރަން ލަފާ ދިންތާ ދެ އަހަރު!

17 އޮކްޓޯބަރ 2021

ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް، ކަނޑުދަތުރުކުރާއިރު ލައިފް ޖެކެޓް އަޅަން ލާޒިމުވާ ގޮތަށް ގަވައިދު ބަދަލުކޮށް، އެ އިސްލާހުތައް ގެޒެޓް ކުރުމަށް ލަފާ ދީ މީގެ ދެ އަހަރު ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވި ނަމަވެސް އެކަން އަދިވެސް ނުވެ އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް، ކަނޑުދަތުރުކުރާއިރު ލައިފް ޖެކެޓް އަޅަން ލާޒިމުވާ ގޮތަށް ގަވައިދު ބަދަލުކޮށް، އެ އިސްލާހުތައް ގެޒެޓް ކުރުމަށް ލަފާ ދީ މީގެ ދެ އަހަރު ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވި ނަމަވެސް އެކަން އަދިވެސް ނުވެ އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެކަން މީޑިއާގެ ސަމާލުކަމަށް އައީ މާލެ އިން ވ. އަތޮޅަށް އިއްޔެ ދަތުރުކުރި ލޯންޗަކަށް އެރި ރާޅަކާ އެކު ކަނޑަށް ވެއްޓި އަންހެނަކު މަރުވެ، އޭނާގެ ހަގު ދަރިފުޅު ގެއްލުނު ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާއާ އެކު ލައިފް ޖެކެޓްގެ ވާހަކަ އަނެއްކާވެސް ވަނީ ދައްކަން ފަށައިފަ އެވެ.

އެނގިފައިވާ ގޮތުގައި 2019 ވަނަ އަހަރު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގައި ތިބި ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން "ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީ" ން ވަނީ ކަނޑުދަތުރުކުރާއިރު މޫސުމީ އެލާޓްތަކާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތްތަކެއް ކަނޑައަޅައި، ކަނޑު ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހު ކުރަން ލަފާ ދީފަ އެވެ. އެ ކަންކަމުގެ ތެރޭގައި، ވަކި ސައިޒެއްގެ އަދި ވަކި ބާވަތްތަކެއްގެ އުޅަނދުތަކުގައި ދަތުރުކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރުމާއި ބައެއް ހާލަތުތަކުގައި ބައެއް އުޅަނދުތައް ދަތުރުކުރުން މަނާވުން ވެސް ހިމެނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް އަދި ފުލުހުން ވެސް ހިމެނޭ އެ ކޮމިޓީން ގަވައިދުގައި ހިމަނަންވީ ކަންކަން ޑްރާފްޓް ކުރުމަށް ފަހު، ގެޒެޓު ކުރުމަށް އެ ދުވަސްވަރު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފޮނުވިކަން އެކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް ގަވައިދު ގެޒެޓު ކޮށްފައެއް ނުވެ އެވެ.

ސާޗް އެންޑް ރެސްކިއު ކޮމިޓީން ރެކޮމެންޑޭޝަންތަކުގައި، މޫސުމީ އިންޒާރުތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގެ ފަސިންޖަރުންނާއި ފަޅުވެރިން ލައިފް ޖެކެޓް އަޅަން މަޖުބޫރެވެ.

އިއްޔެ އެ ހާދިސާ ހިނގީ ވައި ގަދަވުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ޔެލޯ އެލާޓް ނެރެފައި ވަނިކޮށެވެ. ނަމަވެސް އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި ބައެއް މީހުން ލައިފް ޖެކެޓެއް ނާޅަ އެވެ.

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ހަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއްގެ ގޮތުގައި ހަމަޖައްސަން ވެސް ކޮމިޓީން ހުށަހެޅި އެވެ. މީގެ އިތުރުން ރެޑް އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ހުއްދަ ލިބިގެން ދުއްވާ އިމަޖެންސީ އުޅަނދުފަހަރު ނޫން އެހެން އެއްވެސް އުޅަނދެއް ދުއްވުން މަނާކުރަން ވެސް އޮތީ ކަނޑައަޅައިފަ އެވެ.

މި ކަންކަމާ ހިލާފުވެއްޖެ ނަމަ އުޅަނދުތަކުގެ ކެޕްޓަނުންނާއި އުޅަނދު ފަހަރުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެ އަދަދުތައް ވެސް ހިމަނާފައި ވެ އެވެ.

"މި މަސް ނިމުމުގެ ކުރިން ގެޒެޓްކުރެވޭނެ"

ލައިފް ޖެކެޓް މަޖުބޫރުވާ ގޮތަށް ގަވައިދު ގެޒެޓުކުރަން ފޮނުވިތާ ދެ އަހަރުވީ އިރު ވެސް އެ މަސައްކަތް ކުރިޔަށް ނުގޮސް އޮތީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ އެކަން ހިނގަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދަށުން ކަމަށެވެ.

ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީ އަކީ ލަފާ ދޭ ތަނެއް ކަމަށާއި އެއީ ރަސްމީ ކޮމެންޓުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ. އެހެންވެ، ގަވައިދު ގެޒެޓް ކުރުމުގެ ކުރިން ސްޓޭކް ހޯލްޑަރުންގެ ރަސްމީ ކޮމެންޓް ހޯދަން ޖެހޭ ކަމަށާއި މިހާތަނަށް ވެސް ގެޒެޓް ނުކޮށް އޮތީ އެ ކޮމެންޓުތައް ނުލިބޭތީ ކަމަށް ހަމަދު ވިދާޅުވި އެވެ.

"މިހާތަނަށް ވެސް ނުވެ އޮތީ އިދާރީ ކަންކަން ހުރި ގޮތުން. އެއީ އަވަސްކުރަން ޖެހޭ ކަމެއްކަން ގަބޫލު ކުރަން. މި މަސް ނިމުމުގެ ކުރިން ގެޒެޓް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޒިންމާދާރު ވެރިޔާ ކެޕްޓަން އާދިލް ރަޝީދު ވެސް ވިދާޅުވިގޮތުގައި، އެ މަސައްކަތް ކުރިޔަށް ނުގޮސް އޮތީ ސްޓޭކް ހޯލްޑަރުންގެ ކޮމެންޓު ނުލިބޭތީ އެވެ. ނަމަވެސް 2019 ވަނަ އަހަރު ނޮޅިވަރަންފަރު ހާދިސާއަށް ފަހު، ލައިފް ޖެކެޓް އެޅުމަށް ބާރު އަޅައި، އިއުލާނެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދަޔާ ހިލާފަށް ވައި ބާރު ދުވަސްވަރު އެއްގޮތަކަށް ވެސް ދަތުރު ނުކުރުމާއި ލައިފް ޖެކެޓް އަޅާތޯ ބަލައި ކަށަވަރު ކުރަން އަޅުގަނޑުމެން ބާރު އެޅިން. ގަވައިދުގެ ކަންކަން ސާފު ނުވިޔަސް އެކަމާ ގުޅޭ އިއުލާނެއް ކުރިން،" އާދިލް ވިދާޅުވި އެވެ.

ލައިފް ޖެކެޓް އަޅަން ބާރު އަޅައި އިއުލާނުތަކާއި އިލްތިމާސްތައް މީގެ ކުރިން ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވީ ނަމަވެސް ލައިފް ޖެކެޓް އަޅަން މަޖުބޫރުވާ އެއްވެސް ގަވައިދެއް ނުވަތަ އުސޫލެއް މިހާތަނަށް ގެޒެޓް ކޮށްފައެއް ނެތެވެ.