Roadha Mihaaru
އަމީނަށް އިތުބާރުކޮށް، މުޒާހަރާ ހުއްޓާލައިފި

މިނިސްޓަރު އަމީން ދެއްވި ޔަގީންކަމާ އެކު، ޑްރައިވަރުން މުޒާހަރާ ހުއްޓާލައިފި

04 އޯގަސްޓް 2024

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް މި ވަގުތު ފަށަން ނޫޅޭ ކަމާއި ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވުމުން ޑްރައިވަރުންގެ މުޒާހަރާ ހުއްޓާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް މި ވަގުތު ފަށަން ނޫޅޭ ކަމާއި ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވުމުން ޑްރައިވަރުންގެ މުޒާހަރާ ހުއްޓާލައިފި އެވެ.

ހުޅުމާލެ 1 ގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ އުމަރު ޒާހިރު ބިލްޑިންގްގެ ބޭރުގައި ޓެކްސީ ޑްރައިވަރުން މިއަދު ވަނީ އެ މީހުން އާމްދަނީ ހޯދަމުން އައި މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅޭ ކަމަށް ބުނެ އަޑު އުފުލައިފަ އެވެެ. އެ މީހުން މުޒާހަރާ ކުރީ މިދިޔަ ހަފުތާގައި މިނިސްޓްރީން އެކުލަވައިލި "މާލެ ފަހި" ޕްލޭނުގައި ޓެކްސީ ލައިނެއް ފެށުމަށް ސަރުކާރުން ކަނޑައަޅައި އެކަން އިއުލާން ކުރުމުންނެވެ.

އެކަމަކު، ޑްރައިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީ ވަނީ މިއަދު މެންދުރުފަހު، އެ މީހުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑު އައްސަވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ޑްރައިވަރުން ބުނީ އެ މީހުންގެ ކަންބޮޑުވުމަކަށް ވީ، ސަރުކާރުން ޓެކްސީ ލައިނެއް ހެދުމުން އާމްދަނީ އަށް ނޭދެވޭ އަސަރު ކުރުމާއި ޓެކްސީގެ ހިދުމަތުގައި އުޅެވޭނެ މާހައުލެއް ނެތުމުގެ އިތުރުން ރޭގަނޑު ވެހިކަލްތައް ޓޯކުރާ މައްސަލަ ކަމަށެވެ.

އެކަމަކު މިނިސްޓަރު ވަނީ މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އެ މީހުން މީޑިއާގައި ބުންޏެވެ. އަދި ޓެކްސީ ވިޔަފާރިއަކީ ސަރުކާރުން ވަންނަން ބޭނުންވާ ވިޔަފާރިއެއް ނޫން ކަމަށާއި މިހާރު ޕްލޭނުގައިވާ ކަމަކީ ދިރާސާއެއް ކުރުން ކަމަށް ޓެކްސީ ޑްރައިވަރުން ބުންޏެވެ.

ޓެކްސީ ޑްރައިވަރުންތަކެއް ހުޅުމާލެެ 1 ގައި މިއަދު މުޒާހަރާ ކުރަނީ.

ޓެކްސީ ޑްރައިވަރުންތަކެއް ހުޅުމާލެެ 1 ގައި މިއަދު މުޒާހަރާ ކުރަނީ.

"މި ވިޔަފާރިއަކީ ސަރުކާރުން އެއްވެސް ހާލެއްގައި ވަންނަން ގަސްދުކުރާ ވިޔަފާރިއެއް ނޫން. އެހެން ނަމަވެސް އެ ބޭފުޅުން [ޓްރާންސްޕޯޓް މިނިސްޓްރީ] ފާހަގަކުރި ގޮތުގައި އެކަމާ ގުޅޭ ސްޓަޑީއެއް ހެދުމަށްޓަކައި 1 ސެޕްޓެމްބަރުގައި ފަށާނެ،" ޑްރައިވަރަކު ބުންޏެވެ.

ޑްރައިވަރުން ބުނި ގޮތުގައި މިވަގުތު ސަރުކާރުން އެކަމަށް ބޭނުންވާ މައުލޫމާތު އެއްކުރި ނަމަވެސް އެ ހިދުމަތް ފެށުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެ އެވެ.

"މަސައްކަތެއް ފަށަން އެކަމުގެ އެސެސްމަންޓާއި އެކަމަށް ބޭނުންވާ މައުލޫމާތު އެއްކުރަން ފެށުން މި އޮތީ އެކެއް ސެޕްޓެމްބަރުގައި. އެހެން ނަމަވެސް އެ ޓެކްސީ ފްލީޓަކީ އަދި ދޮޅު އަހަރެއް ދެ އަހަރެއްގެ ތެރޭގައި ފެށޭނެ ކަމެއް."

ޓެކްސީގެ ހިދުމަތެއް ސަރުކާރުން ފެށި ނަމަވެސް އެ ވިޔަފާރީގައި ތިބި މީހުންގެ ހިދުމަތަށް ބުރޫނާރާނެ ކަމަށާއި މާލީ ގޮތުން ދަތިވެފައި ތިބި ފަރާތްތަކަށް ވެސް އެ ހިދުމަތާ އެކު އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ޑްރައިވަރުން ބުނެ އެވެ.

އިތުރު ޑްރައިވަރަކު ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ހަތް ސީޓުގެ ވެހިކަލްތައް ދަތުރުކުރާއިރު، ނަގަނީ ކުރިން ނަގަމުން އައި ފީގެ 40 ޕަސެންޓް ކުޑަ އަގެއް ކަމަށެވެ. އެހެންވެ، އަގުތައް މުރާޖައާ ކޮށްދޭން މިނިސްޓަރު އަމީންގެ އަރިހުގައި އެދުނު ކަމަށް އެ ޑްރައިވަރު ބުންޏެވެ. އަދި އެއާޕޯޓުގެ ޓްރެފިކް މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން މިނިސްޓަރު ވަނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"މާލެ ފަހި" ޕްރޮގްރާމުގައިވާ ގޮތުން ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި، ރިލަޔަބަލް ޓެކްސީލައިނެއް ތައާރަފުކޮށް ހިދުމަތް ދޭނެ އެވެ. އެ ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ދޭނެ ކަމަށް ވެސް ޕްލާނުގައި ވަީ ކަނޑައަޅައިފަ އެވެ. އެ ޕްލޭނުގައި ބުނެފައިވާ ގޮތުން، ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިނަކީ މަދުވެގެން 25 ޕަސެންޓް ތިމާވެއްޓާ ރަށްޓެހި، އިލެކްޓްރިކް އުޅަނދު ބޭނުން ކޮށްގެން ފަށާނެ ޓެކްސީ ލައިނެކެވެ.