Roadha Mihaaru
ސާލިމް ހައްޔަރުކުރުމަކީ ލިބުނު ހައިރާންކަމެއް!

މަހުމޫދުގެ މަރު: ސާލިމް ހައްޔަރުކުރުމަކީ ލިބުނު ހައިރާންކަމެއް!

16 އޮކްޓޯބަރ 2021

ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ ހާދިސާ އެނބުރިގެން މި ދަނީ ހީނުކުރާ ކަހަލަ ގޮތަކަށެވެ؛ މި ރަށުގެ މީހުންނަށް މިއަދު ކުއްލި ހައިރާން ކަމެއް މި ގެނުވީ މި ރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުންނަ ބަންގްލަދޭޝްގެ ޒުވާން ސާލިމް ހައްޔަރު ކުރުމާ އެކު އެވެ.

ނަޖާހް މަސްއޫދު އދ. ދަނގެތިން ނަޖާހް މަސްއޫދު

ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ ހާދިސާ އެނބުރިގެން މި ދަނީ ހީނުކުރާ ކަހަލަ ގޮތަކަށެވެ؛ މި ރަށުގެ މީހުންނަށް މިއަދު ކުއްލި ހައިރާން ކަމެއް މި ގެނުވީ މި ރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުންނަ ބަންގްލަދޭޝްގެ ޒުވާން ސާލިމް ހައްޔަރު ކުރުމާ އެކު އެވެ.

މި މަރުގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވުނީ އެހެން ރަށަކުން އައިސް މި ރަށުގައި އުޅޭ ދެ މީހަކަށެވެ. އެއީ އެފަދަ ނުބައި ކަމެއް ކުރަން ކެރޭ ވަރުގެ ބަޔަކު އެ ނޫނީ ރަށުގައި ނޫޅޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. އެކަމަކު ބޮޑު ޖަރީމާގެ ތުހުމަތަށް މިއަދު ސާލިމް ހައްޔަރުކުރުމާ އެކު މި ދެ މީހުންނާ ހިސާބުން ތުހުމަތު ނުނިމޭކަން މިހާރު ވަނީ އެނގެން ފަށައިފަ އެވެ.

މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، މި ރަށުގައި އުޅުނު ތޮއްޑޫ ތިން މީހުން ފުރަތަމަ ގެންދިޔައީ އާންމުން ރުޅިގަދަވެފައި ތިބުމުން "ހިމާޔަތް" ދޭން ކަމަށް ވިޔަސް އެ މީހުން މިހާރު އެހެން މައްސަލައެއްގައި ތިބީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނަށް މަރުގެ ތުހުމަތު ރަސްމީކޮށް އަދި ކޮށްފައެއް ނުވެ އެވެ.

ސާލިމް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާލިމް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާލިމް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން، އުމުރުން ދުވަސްވީ މީހާ ދިރިއުޅޭ ގެއަށް ގޮހެވެ. އުމުރުން ދުވަސްވީ މީހާ އެހެން ގެއަކަށް ފޮނުވާލައި، ފޮރެންސިކް ފުލުހުން ވެސް އަންގި އަރުވައިގެން ގޭތެރެއަށް ވަދެ ހަރަކާތްތެރިވި އެވެ.

ސާލިމް ހައްޔަރު ކުރުމަށް ފަހު އޭނާ ނުނެރެ އެ ގޭގެ ބޭރުގައި ފުލުހުން ގިނަ އިރުތަކެއް ވަންދެން މަޑު ވެސް ކުރި އެވެ. ކޯޑޯން ކުރި ސަރަހައްދުގެ ބޭރުގައި ގިނަ އަދަދެއްގެ އާންމުން ވެސް އެއްވެ ތިއްބެވެ.

ގެ ވަށައިގެން ބޮޑު ސަރަހައްދެއް ކޯޑޯންކޮށް ބަހައްޓާފައި ފުލުހުން އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ އެ ރަށު ގެސްޓްހައުސްއެއްގެ ކާރަކަށް އަރުވައިގެންނެވެ. ޕޮލިސް ސްޓޭޝަނަށް އޭނާ ވެއްދި އިރު ހުރީ ވެސް ބިޑި އަޅުވައިފަ އެވެ.

ސާލިމް އަކީ ކާކު؟

ދަނގެތިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ސާލިމް އަކީ ވަރަށް މަޑުމަޑުން ހުންނަ މީހެކެވެ. އޭނާ އަކީ މިކަހަލަ ކަމަކަށް އެއްވެސް މީހަކު ޝައްކު ކުރާ ވަރުގެ ވެސް މީހެއް ނޫން ކަމަށް މި ރަށުގެ މީހުން ދެކެ އެވެ.

އޭނާ އަބަދުވެސް އުޅޭނީ އޭނާ ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ މީހާގެ ގާތުގަ އެވެ. އުމުރުން ދުވަސްވީ މީހާ ބޭރަށް ނުކުތަސް ބައެއް ފަހަރު އޭނާއެކު ވެސް އުޅޭނެ އެވެ. އޭނާ އަަކީ އިތުރު އެއްވެސް މަސައްކަތެއް ކުރާ މީހެއް ކަމެއް އެނގިފައެއް ނެތެވެ.

ސާލިމް އެކަނި މަގުމަތިން ފެންނާނީ ވެސް މަދުމަދުންނެވެ. އެއީ ރަށުގެ މީހުންނާ މާ ގިނައިން ވާހަކަ ދައްކައި ހަދާ މީހެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ.

ސާލިމް ދިރިއުޅޭ ގެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސާލިމް ދިރިއުޅޭ ގެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިސްކިތަށް ގޮސް އުޅޭ މީހުން ބުނާ ގޮތުގައި ސާލިމް އަކީ ބަރާބަރަށް ނަމާދު ވެސް ކުރާ މީހެކެވެ. ފަތިހު ހޭލައިގެން ފަތިސް ނަމާދަށް ވެސް ދާނީ މިސްކިތަށެވެ.

"މިހާރަ"ށް ދިން އިންޓަވިއުގައި ދަނގެތީ ކައުންސިލުގެ މެމްބަރުން ވިދާޅުވެފައި ވަނީ އެ ރަށަކީ އަމާން އެއްބައިވަންތަ ރައްޔިތަކު އުޅޭ ރަށެއް ކަމަށެވެ. އަދި އެ ރަށުގެ ބަޔަކު މީހަކު މަރާލުން ފަދަ ބޮޑު ކުށެއް ކުރާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އެންމެންނަކީ ވެސް އެކަކު އަނެކަކު ދަންނަ މީހުން ކަމަށް ވެސް ވިދާޅުވި އެވެ. ދަނގެތީގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް އުޅޭ އިރު އެ މީހުންގެ ފަރާތުން ވެސް މީގެ ކުރިން ގޯސް އަމަލުތަކެއް ފެނިފައި ނެތް ކަމަށް ވެސް ކައުންސިލުގެ މެމްބަރުން ވިދާޅުވި އެވެ.

މަހުމޫދު ގެއްލުނު ރޭ ގޯތި ތެރެއިން އަޑެއް އިވިގެން ރަށުގެ މީހަކު އެ ގޭގެ ތެޅިގަލުން ހަދާފައި ހުރި، ފުދޭވަރަކަށް ތިރި ފާރެއްގެ މަތިން ބަލާލި އިރު އޭނާ ޝައްކު ކުރެވޭ އަމަލުތަކެއް ކުރަނިކޮށް ފެނުނު ކަމަށް ފުލުހުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

މަންޒަރު ދުށް ފަރާތަށް ފެނުނީ އަނދިރީގައި މީހެއްގެ ދެ ފައިގައި ހިފާފައި ދަމަމުން ގެންދާ ކަމަށް ބެލެވޭ މަންޒަރެއް ކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ. އެކަމަކު، އަނދިރިކަމުން އެއީ ކިހިނެެއް ހިނގައިދިޔަ ކަމެއްކަން އޭނާ އަކަށް ވެސް ޔަގީނެއް ނޫނެވެ.

އެ މަންޒަރު ފެނުނީ މަހުމޫދު ގެއްލިގެން ހޯދުމުގެ މާ ކުރިންނެވެ. އެނގިފައިވާ ގޮތުގައި އެ ރޭ ގާތްގަނޑަކަށް 9:00ގެ ފަހުން ފެނުނު އެ މަންޒަރު އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާގެ އާއިލާ މީހަކާ ހިއްސާ ކުރުމުން އެ ވާހަކަ އެހުމުން، ބުޅަލެއް މެރީ ކަމަށް ސާލިމް ބުނެފައިވެ އެވެ.