Roadha Mihaaru
ސީރިއަސްވުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން

ސީރިއަސްވުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން: އީރާން

19 އޮކްޓޯބަރ 2021

އީރާނާ އެކު ހުޅަނގުގެ ގައުމުތަކުން، 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ މަޝްވަރާތަކުގައި އެމެރިކާ ސީރިއަސްވުމަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ކަމަށް އީރާނުން ބުނެފި އެވެ.

އީރާނާ އެކު ހުޅަނގުގެ ގައުމުތަކުން، 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ މަޝްވަރާތަކުގައި އެމެރިކާ ސީރިއަސްވުމަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ ރަސްމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަމަލު ކުރަން ފެށުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް އީރާން އަބަދުވެސް އޮތީ ތައްޔާރަށެވެ. ނިއުކްލިއާ މުއާހަދާއާ ގުޅޭ ގޮތުން ވިއެނާގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެ ރަނގަޅު ނަތީޖާއެއް ނެރުމަށް އީރާން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ރައީސީ ވިދާޅުވި ގޮތުގައި ވިއެނާގައި ބާއްވާ މަޝްވަރާތައް ވާންޖެހޭނީ ނަތީޖާ ނެރެވޭ މަޝްވަރާތަކަކަށެވެ. މަޝްވަރާތަކުގައި އީރާނުން ބައިވެރިވަނީ ވަރަށް ސީރިއަސް ގޮތެއްގައި ކަމަށާއި، އަނެއް ފަރާތުން ވެސް އެކަމުގައި ސީރިއަސްވާ ނަމަ، އެކަމުގެ ހެއްކަކަށް ވާނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.

ރައީސީ ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި އީރާނަށް ވަޑައިގެންނެވި، ނިއުކްލިއާ މަޝްރޫއުތަކާ ބެހޭ ވިލާތުގެ އިއްތިހާދުގެ އިސް މަންދޫބު އެންރިކް މޯރާއާ އެކުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވެސް، އެ މެސެޖް ވާނީ ފޯރުކޮށްދީފަ އެވެ.

"އިސްލާމީ ޖުމްހޫރިއްޔާ އޮތީ މިކަމުގައި ވަރަށް ސީރިއަސް ގޮތެއްގައި. އަނެއް ފަރާތުން ވެސް ހަމަ އެފަދަ ސީރިއަސްކަމެއް އަހަރެމެންނަށް ފެންނަން ޖެހޭނެ."

މޯރާގެ ދަތުރުގައި އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު އަލީ ބަގޭރީ ކާނީ އާއި ނިއުކްލިއާ މަޝްރޫއާ ބެހޭ މަންދޫބާ އެކުގައި މަޝްވަރާތައް ބޭއްވި އެވެ. މި ދަތުރަށް ފަހު މޯރާ ވިދާޅުވި ގޮތުގައި އީރާނަށް ކުރި ދަތުރަކީ ވަރަށް އީޖާބީ އަދި ވަރަށް ބިނާކުރަނިވި ދަތުރެއް ކަމަށެވެ. އަދި ދެ ހަފުތާ ފަހުން އޮސްޓްރިއާގެ ވިއެނާގައި ވަރަށް އަވަހަށް ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާނުން ބުނި ގޮތުގައި ނިއުކްލިއާ މަޝްވަރާތައް އަލުން ވިއެނާގައި ވަރަށް އަވަހަށް ފެށުމަށް އީރާން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި މަޝްވަރާތައް މެދުކަނޑައިލި އިރު، އޭގެ ކުރިން ބޭއްވި ހަ ބުރުގެ މަޝްވަރާތަކުގައި ކަން ހިނގާފައިވާ ގޮތް މިހާރު މުރާޖައާ ކުރަމުން އަންނަ ކަމަށް ވެސް އީރާނުން ބުނެ އެވެ.

ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތާ ބެހޭ އިސް މަންދޫބު ޖޯސެފް ބޮރެލް މިދިޔަ ހޯމަ ދުވަހު ވިދާޅުވި ގޮތުގައި ނިއުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް މިހާރު އިތުރު ވަގުތެއް ނެތް ކަމަށާއި، މިހާރު އެންމެ ރަނގަޅުވާނީ ވީ އެންމެ އަވަހަކަށް މަޝްވަރާގެ މޭޒު ދޮށަށް އައުންކަން އީރާނަށް މިހާރު ވާނީ އަންގައިފަ އެވެ.

ބޮރެލްގެ މި ވާހަކަތަކާ ގުޅިގެން އީރާނުން ބުނީ، ހަ ބުރުގެ މަޝްވަރާތަކަށް ފަހު ހައްލު ނުކުރެވި ހުރި ގޮންޖެހުންތަކާއި ނައްތައިނުލެވި ހުރި ހުރަސްތަކާ ބެހޭ ގޮތުން، ބްރަސެލްސްގައި ވިލާތުގެ އިއްތިހާދުގެ އޮފިޝަލުންނާ އެކުގައި މަޝްވަރާކުރަންޖެހޭ ކަމަށެވެ. އަދި އެ މަޝްވަރާތައް، ވިއެނާގައި އަލުން ބައްދަލުކުރުމުގެ ކުރިން ބާއްވަންޖެހޭނެ ކަމަށް ވެސް އީރާނުން ބުނެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އީރާނާ އެކުގައި 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އިން، 2018 ވަނަ އަހަރު ވަކިވީ އެމެރިކާ އަމިއްލައަށެވެ. އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެ މުއާހަދާ އިން ވަކިވުމަށް ފަހު، އީރާނާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ތަރައްގީކޮށް، ޔޫރޭނިއަމް ފައްކާ ކުރުމުގެ ގާބިލަކަން ވެސް އިތުރުކޮށްފަ އެވެ.