Roadha Mihaaru
ސަލާން ނުޖަހަން ވެގެން ގަލަން ވިއްކާ މާމައެއް

ސަލާން ނުޖަހަން ވެގެން ގަލަން ވިއްކާ މާމައެއް

20 އޮކްޓޯބަރ 2021

ސަލާންޖަހާ މީހުން އިންޑިއާގައި ވަރަށް ގިނަ އެވެ. މީގެ ތެރޭގައި ވަރަށް ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. ސަލާންޖަހަން ނުކުމެ އުޅެނިކޮށް އެފަދަ ބައެއް މީހުންގެ ފަރާތުން ފެނުނު ހުނަރުތަކާ ހެދި އާންމުންގެ ސަމާލުކަން ލިބި، މަޝްހޫރުވި މީހުން ވެސް އިންޑިއާގައި މަދެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލާންޖަހާ މީހުން އިންޑިއާގައި ވަރަށް ގިނަ އެވެ. މީގެ ތެރޭގައި ވަރަށް ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. ސަލާންޖަހަން ނުކުމެ އުޅެނިކޮށް އެފަދަ ބައެއް މީހުންގެ ފަރާތުން ފެނުނު ހުނަރުތަކާ ހެދި އާންމުންގެ ސަމާލުކަން ލިބި، މަޝްހޫރުވި މީހުން ވެސް އިންޑިއާގައި މަދެއް ނޫނެވެ.

އެފަދަ މީހަކަށް މި ފަހުން އެންމެ ބޮޑަށް ވާހަކަ ދެކެވުނު އެކަކީ ރޭލު ސްޓޭޝަނެއްގައި ލަވަކިޔައިގެން ސަލާންޖަހަން އުޅުނު ރާނޫ މޮންޑާލް، 64، އެވެ. އޭނާ އަށް ލިބިިފައިވާ ލަވަކިޔުމުގެ ހުނަރާ އެކު ރާނޫ ފަހުން ބަދަލުވީ ބޮޑު "ތަރި" އަކަށެވެ.

މިހާރު މިއޮތީ އަނެއްކާ ދުވަސްވީ އަންހެނެއްގެ ވާހަކަ އެވެ. އުމުރުން 80 އާ ގާތްވެފައިވާ މި އަންހެން މީހާގެ ހާއްސަ ކަމަކީ ސަލާން ޖަހަން ބޭނުން ނުވުމެވެ. އެހެންވެ އޭނާ ދިރިއުޅުމުގެ މުހުތާދުތައް ފުއްދަން ކުރާ މަސައްކަަތަކީ މަގުމަތީގައި ގަލަން ވިއްކުމެވެ. ފޮށްޓަކަށް ގަލަން އަޅައިގެން މަގުމަތީގައި އެ ވިއްކަން އޭނާ އުޅޭ އިރު، އެންމެ ބޮޑަށް އަޅައިގަންނަނީ ގަލަން އަޅާފައި އިންނަ ފޮށީގައި ލިޔެފައިވާ އިބާރާތްކޮޅެވެ. އޭގައި އިންނަނީ މިހެންނެވެ "ސަލާންޖަހާކަށް ބޭނުމެއް ނޫނެވެ. ދިހަ ރުޕީސްއެއް ގަލަމެއް ގަންނާށެވެ. މިއީ ނޫ ކުލައިގެ ގަލެމެވެ. ޝުކުރިއްޔާ އާއި ހެޔޮ ދުއާ އެވެ."

މި އަންހެން މީހާގެ ވާހަކަ ޝިކާ ރާތީ ކިޔާ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރުމާ އެކު އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައު ރަތަން ކިޔާ ދުވަސްވީ މީހާ އަކީ ޕޫނޭގެ އެމްޖީ ރޯޑް ހިސާބުގައި އުޅޭ މީހެކެވެ. ޝިކާ ބުނީ ރަތަން އަކީ ވަރަށް ހިތްހެޔޮ ސާދާ މީހެއް ކަމަށެވެ. މޫނުމަތިން އަބަދުވެސް ފެންނަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. އަދި އެ އުފާވެރިކަން އިތުރުކޮށް ދެނީ ރަތަންގެ އަތުން ގަލަމެއް ގަތުމުންނެވެ. އެއާ އެކު އޭނާ ވަރަށް ބޮޑަށް އެކަމަށްޓަކައި ޝުކުރު އަދާކުރެ އެވެ. އެހެންވެ ޝިކާގެ ޕޯސްޓްގައި އެދިފައި އޮތީ ރަތަންއާ ދިމާވެއްޖެ ނަމަ ކޮންމެ މީހަކު ވެސް އެ "ލޯބި" ދައިތަގެ އަތުން ގަލަމެއް ގަތުމަށެވެ.

ރަތަންގެ ވާހަކަ އެނގުމުން އެތައް ބަޔަކު ތައުރީފުގެ ބަސްތައް ސޯޝަލް މީޑިއާ އަށް އޮއްސައިލި އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ކޮންމެ މީހަކު ވެސް ވާންވީ ރަތަން ކަހަލަ މީހަކަށެވެ. އަމިއްލަ އަށް މަސައްކަތްކޮށްގެން ކައިބޮއިއުޅުމަށް ވުރެ ބޮޑު އުފަލެއް ނޯންނާނެ އެވެ. ސަލާން ޖެހުމުގެ އާދަ ނިމުމަކަށް ގެންނަން ޖެހެ އެވެ. އިންސްޕިރޭޝަނަކަށް ބަލަންވީ ރަތަން އެވެ.