Roadha Mihaaru
ލިޔަންކިޔަން ދަސްކުރެވުނީ 104 އަހަރުގައި

ލިޔަންކިޔަން ދަސްކުރެވުނީ އުމުރުން 104 އަހަރުގައި

04 ޑިސެމްބަރ 2021

ކިޔެވުމަށް ވަކި އުމުރެއް ނެތެވެ. މިއީ ފުރުސަތު ތަނަވަސްވި މިންވަރަކުން، ކޮންމެ އުމުރެއްގައި ވެސް ކުރެވިދާނެ ކަމެކެވެ. އިންޑިއާގެ 104 އަހަރުގެ މި މުނިމާމަގެ ހަޔާތުން ލިބޭ ފިލާވަޅަކީ ވެސް އެއީ އެވެ. ވަރަށް ފަގީރު އާއިލާއަކަށް އުފަންވި މި މީހާ އުމުރުން 15 އަހަރުގައި ކައިވެނިކުރަން ޖެހި ދަރިން ލިބި، އާއިލީ ޒިންމާތައް ބޮލުގައި އަޅަން ޖެހުމުން އޭނާ އަށް ކިޔަވާނެ ފުރުސަަތެއް، ވަގުތެއް ލިބިފައެއް ނުވެ އެވެ. އެހެންވެ ހަޔާތުގެ ބޮޑު ބައި ކުއްތިޔައްމާ ހޭދަކުރަން ޖެހުނީ ލިޔަންކިޔަން ނޭނގި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކަމަކު މިހާރު ހާލަތު ބަދަލުވެއްޖެ އެވެ. ކުއްތިޔައްމާ އަކީ މިހާރު ރަނގަޅަށް ލިޔަންކިޔަން އެނގޭ މީހެކެވެ. އޭނާ އަށް މިކަން ހާސިލުކުރެވުނީ އުމުރުގެ ވަރަށް ފަހުކޮޅު ނަމަވެސް، އަބަދުވެސް ކިޔަވާނެ ފުރުސަތެއް ލިބޭނެ އިރެއްގެ އިންތިޒާރުގައި ހުރި މާމަ އަށް މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އެހާމެ ބޮޑު އުފަލެކެވެ.

އޭނާ އަށް މި ފުރުސަތު ލިބުނީ ލިޔަންކިޔަން ނުދަންނަ ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން މަލަޔާޅަމް ބަހުން ކުރިއަށް ގެންދިޔަ އަސާސީ ކުލާސް ޕްރޮގްރާމެއްގެ ތެރެއިންނެވެ.

އެ ކުލާހުގައި ބައިވެރިވެގެން މިދިޔަ މަހު ހެދި އިމްތިހާނު ވެސް ކުއްތިޔައްމާ މަތީ ނަތީޖާއެއް ހޯދިި އެވެ. އެއީ 100 އިން 89 މާކްސް ހޯދުމެވެ. އެ ކާމިޔާބިއާ އެކު ކުއްތިޔައްމާ އަކީ މިހާރު ގްރޭޑް 4 ފެންވަރު ހުރި މީހެކެވެ.

އޭނާގެ ވާހަކަ މިދިޔަ މަހު ކެރެލާގެ އެޑިއުކޭޝަން މިނިސްޓަރު ވީ ސިވަކުއްޓީ ވެސް ޓްވީޓްކުރެއްވި އެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި ކުއްތިޔައްމާ ސާބިތުކޮށް ދިނީ ތައުލީމު އުނގެނެން ވަކި އުމުރެއް ނެތްކަމެވެ. މިނިސްޓަރުގެ ޓްވީޓްގައި ވަނީ އަސާސީ ކުލާހުގައި ބައިވެރިވި ދުވަސްވީ ހުރިހާ އެންމެންނަށް މަރުހަބާ ކިޔައި، ހިތްވަރު ދެއްވައިފަ އެވެ.

ކުއްތިޔައްމާ އަށް ގޭގައި ކުލާސްތައް ނަގައިދިން ވޮލަންޓަރީ ޓީޗަރު އެމް ރެހެނާ ބުނި ގޮތުގައި އެ މީހާ އަކީ ކިޔެވުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު މީހެކެވެ. ފުރަތަމަ ކޮޅު ވަރަށް އާވެގެން އުޅުނަސް ދެ މަސް ދުވަސްވަންދެން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ކުލާސްތައް ނަގަން ފެށުމުން ކުއްތިޔައްމާގެ ޝައުގުވެރިކަން ބޮޑުވާން ފެށި އެވެ.

"ކިޔައިދޭ އެއްޗެހި އެ މާމަ ވަރަށް އަވަހަށް ނަގައިގަނޭ. އެއީ ހަގީގަތުގައި މިކަމަށް އެހާ ބޮޑު ޝައުގުވެރިކަމެއް އޮތީމަ،" އޭނާ ބުންޏެވެ. "އެންމެ އުނދަގޫވި ކަމަކީ އުމުރުން އެހާ ދުވަސްވެފައި އިނީމަ ކަންފަތްކޮށިވުން. ވަރަށް ބާރަށް ވާހަކަ ދައްކައިގެން ނޫނީ އޭނައަކަށް އަޑެއް ނީވޭ."

ކުއްތިޔައްމާގެ މުނިމާމަ ދަރިއެއް ކަމަށްވާ އެމް ޝީޖާ ވެސް ބުނީ މާމަ އަކީ ހަމަ ނަމޫނާއެއް ކަމަށެވެ.

"ކިޔަވަން ފެށި ފަހުން އަބަދު ވެސް އަހަރެން ގާތު އެއްޗެހި އޮޅުންފިލުވަން އަހާނެ." އޭނާ ބުންޏެވެ.

ކުއްތިޔައްމާ ހޯދި ކާމިޔާބީއާ ގުޅިގެން އޭނާ ނިސްބަތްވާ ކޮއްޓަޔަމް ސިޓީ އަށް ވެސް މިހާރު އިތުރު މަޝްހޫރުކަމެއް ލިބިފައިވެ އެވެ.