Roadha Mihaaru
ފުލުހުންގެ ޒިންމާ ހޯމް މިނިސްޓަރަށް އޮތީ ހަވާލުކޮށްފައި

ފުލުހުންނަށް ޒިންމާވާނީ ހޯމް މިނިސްޓަރު ކަމަށް ވަނީ ކަނޑައަޅާފައި

19 އޮކްޓޯބަރ 2021

ފުލުހުންގެ މުއައްސަސާގެ ކަންކަމުގައި އަދިވެސް ޒިންމާ އުފުއްލަވާނީ އަދި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ ވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންގެ މުއައްސަސާގެ ކަންކަމުގައި އަދިވެސް ޒިންމާ އުފުއްލަވާނީ އަދި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ ވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިގޮތަށް މި ވިދާޅުވީ ފުލުހުންގެ ހިދުމަތް، ހޯމް މިނިސްޓްރީން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ސިޓީއަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރުމުން ކަންބޮޑުވުންތަކާ އެކު ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު އިމްރާނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ފުލުހުންގެ އާ ގާނޫނުގައި ކަނޑައަޅާފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

މިކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް މިއަދު ނެރެން ނިންމާފައިވާ ދެންނެވުމާ ހަވާލާ ދެއްވައި މަބްރޫކް "މިހާރު"އަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ހެޔޮ ބަދަލަށް އެކުލަވާލި ގާނޫނުގެ 69 ވަނަ މާއްދާގައި އޮންނަނީ މިނިސްޓަރު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތައް ކަަމަށެވެ. މި މާއްދާއާ ހަވާލާދީ، ކުރިއަށް ގެންދިޔައީ ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ގާނޫނުގައި ފުލުހުންގެ މުއައްސަސާ އަށް ޒިންމާވާން ޖެހޭނީ ހޯމް މިނިސްޓްރީ ކަމަށް ލިއެފައި އޮތަސް އާ ގާނޫނުގައި އޮތީ މިނިސްޓަރު ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައީސް އޮފީހުން ނިންމާފައި އޮންނާނެ، މީގެ ދުވަސްކޮޅެއް ކުރިން އެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ މިނިސްޓަރަކީ ހޯމް މިނިސްޓަރު ޝޭހް އިމްރާން ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 69 ވަނަ މާއްދާ

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 69 ވަނަ މާއްދާ

އެއާއެކު 69 ވަނަ މާއްދާގައި ބުނާ ކަންތައްތަކަށް އެހީތެރިވެވަޑައިގަންނަވަން ޖެހޭނީ ވެސް މިނިސްޓަރު ކަމަށް ނިންމާފައިވާ ކަމަށް އެ ދެންނެވުމާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ އަބަދުވެސް އިސްލާހަށް ވަކާލާތުކުރަމުން އައި ގޮތަށް ސިޔާސީ ނުފޫޒެއް ނެތި ފުލުހުންގެ މުއައްސަސާސާގެ ހިންގުން ކަށަވަރުކުރުމާއި މިހާރަށް ވުރެން ހަރުދަނާ އުސޫލެއްގެ މަތިން ޖަވާބުދާރީ ކުރުވޭނެ މަގު ފަހިކުރުމަށެވެ.

"މި ގެނައި ޗޭންޖަކީ އެޑްމިނިސްޓްރޭޓިވް ޗޭންޖެއް، މިނިސްޓްރީގެ ޒިންމާތަކުން، ފުލުހުންގެ ޒިންމާތައް ވަކިކޮށްފައި ގާނޫނުގައިވާ ގޮތުގެ މަތިން މިނިސްޓަރާ ހަވާލުކުރީ. ދެން މި ބުނަނީ މިނިސްޓަރު ކުރަން ޖެހޭ ކަންކަމުގައި މިނިސްޓްރީން އަދިވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއޭ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގައި އޮޅުން އެރީ ފޮނުވި ސިޓީތަކުގެ ތެރެއިން އެންމެ ސިޓީއެއްގައިވާ ވާހަކަތައް ފެނުމުންނެވެ. އެ ސިޓީއާ ވިދިގެން ޒިންމާތައް ދެން އުފުއްލަވާނީ ހޯމް މިނިސްޓަރު ކަން ވެސް ރައީސް އޮފީހުން އެންގެވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރަން އުޅޭ ކަމަށް ވާހަކަ ފެތުރެން ފެށުމާ އެކު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ކަންކަން ރަނގަޅު ކުރާއިރު ގޮންޖެހުންތައް ކުރިމަތިވާނެ" ކަމަށެވެ. އަދި ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިޔަށް ދިޔުމުގެ ހިތްވަރު ހޯދާ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.