Roadha Mihaaru
މިނިސްޓަރު އިމްރާން، އަމިތު ޝާހާ ބައްދަލުކުރައްވައިފި

ހޯމް މިނިސްޓަރު އިމްރާން، އިންޑިއާގެ ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2020

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހްއާ މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހްއާ މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފި އެވެ.

އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެ ގައުމުގެ ދާޚިލީ ވުޒާރާގައި ބޭއްވި މި މަޝްވަރާތަކުގައި ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރުމުގައި އެއްބާރުލުން އިތުރުކުރަން ވާހަކަ ދެއްކެވި އެވެ. ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކަށް ވިސްނުން ގެންގުޅުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އިމްރާންއާ އެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ހޯމް މިނިސްޓަރާ އެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ. --ފޮޓޯ/ހޯމް މިނިސްޓްރީ

އިންޑިއާގެ ހޯމް މިނިސްޓަރާ އެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ. --ފޮޓޯ/ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީން ބުނީ ދެ ގައުމުގެ ދާޚިލީ ސަލާމަތާއި ހަމަޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިއްމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށެވެ. ވަކިން ޚާއްސަކޮށް ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.

އިންޑިއާގެ ހޯމް މިނިސްޓަރުގެ އިތުރުން އިމްރާން ވަނީ، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއި އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ޝުރީ ވައިސީ މޯޑީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއި އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.