Roadha Mihaaru
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން

އައްޑޫ ޕޮލިސް އެކަޑަމީގައި އަސްކަރީ ކަމެއް ނުހިންގާނެ: އިމްރާން

26 ނޮވެމްބަރ 2019

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީގައި އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީގައި އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް އެކަޑެމީ އަކީ، އިންޑިއާގެ މިލިޓަރީ ބޭހެއް ހިންގުމަށް އިމާރާތް ކުރާ ތަނެއް ކަމަށް އަޑު ފެތުރިފައިވާ މައްސަލައިގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، އެއީ ނޭޝަނަލް ޕޮލިސް އެކަޑަމީއެއް ކަމަށާއި ހަމައެކަނި ބޭނުމަކީ ފުލުހުންނަށް ތަމްރީނު ދިނުން ކަމަށެވެ.

"މިލިޓަރީ އެއްވެސް ހަރަކާތެއް އެ ތަނުގައި، ދިވެހިން ކަމުގައި ވިޔަސް، ބޭރުގެ ގައުމަކުން ވިޔަސް، މިލިޓަރީ މަސައްކަތެއް ކުރުމުގެ ވިސްނުމުގައި ފެށިގެން ކުރިއަށް ދާ މަސައްކަތެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގަ އެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގަ އެވެ.

އެމްއޯޔޫގައި ރާއްޖޭން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ކުރީގެ ހޯމް މިނިސްޓަރު ސުޝިލް ކުމާރެވެ.

އެ އެމްއޯޔޫގައިވާ ގޮތުން ޕޮލިސް އެކަޑަމީ އަޅާ ނިންމީ ޅ. ދިއްފުށިމާދޫގަ އެވެ. އަދި އެ މަޝްރޫއަށް 18 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދު ކުރާނެ ކަން އެމްއޯޔޫގައި ފާހަގަކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ނަމަވެސް މިހާރު މި ޕްރޮޖެކްޓަށް 31 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކުރެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އިމްރާން ވިދާޅުވި ގޮތުގައި، ޕޮލިސް އެކަޑަމީ ދ. ވާނީގައި ނުވަތަ ސ. ހިތަދޫ ރުއްޖެހި ސަރަހައްދުގައި އިމާރާތް ކުރުމަށް ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، އެ ތަން އިމާރާތް ކުރަން އެންމެ ފަހުން ނިންމީ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސްގެ ދެކުނު ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 8، 2014 ގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ޕޮލިސް އެކަޑަމީ އަށް ބިން ދީފަ އެވެ. އެ އެކަޑަމީ އެޅުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން 2016 ގަ އެވެ.

އިމްރާން ވިދާޅުވީ ތާވަލަށް ބަދަލެއް ނައިސް ކުރިއަށް ދާ ނަމަ، އަންނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު މަސައްކަތް ނިމޭނެ ކަމަށެވެ.

ފުލުހުންގެ ޓްރޭނިން އެކަޑެމީ އަންނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ އާ އެކަޑެމީ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި ޓްރޭނިން ސެންޓަރު ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެތަނުގައި އެކުލެވޭ ގޮތަށެވެ.