Roadha Mihaaru
މެސީގެ "ޕެނަންކާ" ޕެނަލްޓީން ޕީއެސްޖީ އެއްވަނަ އަށް

މެސީގެ ތަފާތަކަށްވީ "ޕެނަންކާ" ޕެނަލްޓީ

20 އޮކްޓޯބަރ 2021

ޕެރިސް (20 އޮކްޓޯބަރު) - ރެޑްބުލް ލައިޕްޒިގްއާ ދެކޮޅަށް ޕީއެސްޖީގެ ފޯވަޑް ލިއޮނެލް މެސީ ވައްދާލި "ޕެނަންކާ" ޕެނަލްޓީން ޕީއެސްޖީ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (20 އޮކްޓޯބަރު) - ރެޑްބުލް ލައިޕްޒިގްއާ ދެކޮޅަށް ޕީއެސްޖީގެ ފޯވަޑް ލިއޮނެލް މެސީ ވައްދާލި "ޕެނަންކާ" ޕެނަލްޓީން ޕީއެސްޖީ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ޕީއެސްޖީން މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި މެސީގެ ކުޅުން މާބޮޑަށް ފާހަގަ ނުކުރެވުނަސް އޭނާ ވައްދާލި ހިތް ގައިމު ޕެނަލްޓީން އެ ހުރިހާ ކަމެއް ފަނޑުވެގެން ދިޔަ އެވެ. މެޗުގައި އެންމެ އެކަށޭނެ ކުޅުން އޭނާ އަށް ނުދެއްކުނަސް އެ ވާހަކަ ދައްކާނެ މީހެއް ޕެރިހުގެ ސްޓޭޑިއަމްގައި ނެތެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ޕީއެސްޖީންނެވެ. ނުވަ ވަނަ މިނިޓުގައި ހޫލިއަން ޑްރެކްސްލާ ތަނވަސްކޮށްދިން ފުރުސަތަކުން ލަނޑު ޖެހީ ކިލިޔަން އެމްބާޕޭ އެވެ.

އޭގެ ފަހުން ލައިޕްޒިގްއިން ނަތީޖާ ހަމަހަމަކޮށް ލީޑު ވެސް ނެގި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އެންޑްރޭ ސިލްވާ އާއި ނޯޑީ މުކިއޭލެވެ. ޕީއެސްޖީން މެޗު އަނބުރާލީ އެންމެ ފަހު 25 މިނިޓުގެ ތެރޭގަ އެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބު ކުރީ އެވެ.

ލީޑު ނެގި ޕެނަންކާ ޕެނަލްޓީންނެވެ. ލައިޕްޒިގްގެ ކީޕަރު ޕީޓާ ގްލާޗީ ނުބައި ދިމާއަށް ފޮނުވާލުމަށް ފަހު މެސީ ބޯޅައިގައި ޗިޕެއް ޖަހާލީ މަޑުމަޑުންނެވެ. ބޯޅަ ގޮސް ވަނީ ގޯލްގެ މެދުތެރެއަށެވެ.

އެ ގުރޫޕްގައި ހިމެނޭ މެންޗެސްޓާ ސިޓީން ބެލްޖިއަމްގެ ކްލަބު ބްރާގާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 5-1 އިންނެވެ. ޕީއެސްޖީ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ކުޅުނު ތިން މެޗުން ވެސް ބަލިވުމުން ލައިޕްޒިގް ވަނީ މުބާރާތުން ކަޓައިފަ އެވެ. މިއީ އެ ޓީމުގެ މިހާރުގެ ކޯޗު ޖެޒީ މާޝް އަށް ކުރިމަތިވާނެ ޕްރެޝަރެކެވެ. ކުރީގެ ކޯޗު ހޫލިއަން ނާގެލްސްމަންގެ ކޯޗުކަމުގެ ދަށުން މިދިޔަ ތިން އަހަރު ލައިޕްޒިގް ވަނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ނާގެލްސްމަން އަކީ މިހާރު ބަޔާން މިޔުނިކްގެ ކޯޗެވެ.