Roadha Mihaaru
އޭޝިއަން ކަޕް ކޮލިފައިން ސެންޓްރަލައިޒްކޮށްފި

ރާއްޖެ ވާދަކުރާ އޭޝިއަން ކަޕް ކޮލިފައިން ސެންޓްރަލައިޒްކޮށްފި

20 އޮކްޓޯބަރ 2021

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވާދަކުރާ އޭޝިއަން ކަޕް ކޮލިފިކޭޝަން ސެންޓްރަލައިޒް ކުރުމަށް އޭފްސީން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވާދަކުރާ އޭޝިއަން ކަޕް ކޮލިފިކޭޝަން ސެންޓްރަލައިޒް ކުރުމަށް އޭފްސީން ނިންމައިފި އެވެ.

ޗައިނާގައި 2023 ގައި ބާއްވާ މުބާރާތުގެ ކޮލިފައިން، އޮންނާނީ އަންނަ އަހަރު އެވެ. އެންމެ ފަހުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔައީ ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަަހަރު ބައްދަލު ކުރާ ގޮތަށެވެ.

ސެންޓްރަލައިޒް ކުރުމުގެ އިތުރަށް އޭއެފްސީން ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކުރާ ގޮތަށް ހަމަޖައްސައިފަ އެވެ. އެހެން ކަމުން ކޮންމެ ޓީމެއް ވެސް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ކުޅޭނީ ތިން މެޗެވެ. އެ މެޗުތައް ކުޅޭނީ އަންނަ އަހަރު ޖޫން 8، 11 އަދި 14 ގަ އެވެ.

ކޮންމެ ގުރޫޕެއްގެ މެޗުތައް ވެސް ކުޅޭނީ އެ ގްރޫޕްގައި ހިމެނޭ ކޮންމެވެސް އެއް ގައުމެއްގަ އެވެ. ނުވަތަ އޭއެފްސީން ކަނޑައަޅާ އެހެން ގައުމެއްގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އެންމެ ފަހުން ކުޅުނު ތިން މެޗު ކުޅެފައި ވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގަ އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން އެކުގައި ގެންދާ ކޮލިފިކޭޝަންގެ ތެރެއިން 12 ގައުމެއް މިހާރު ވެސް ވަނީ އޭޝިއަން ކަޕަށް ކޮލިފައިވެފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ބުރަށް ކޮލިފައިވި 12 ގައުމެވެ. ރާއްޖެ ދެން ވާދަކުރަނީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިން ވަނަ ރައުންޑްގަ އެވެ. އެ ބުރުގައި ޓީމުތައް ބަހާނީ ހަ ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމު އޭޝިއަން ކަޕަށް ކޮލިފައި ވާނެ އެވެ. ހަ ގުރޫޕްގެ ތެރެއިން ދެ ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ޓީމަށް ވެސް މުބާރާތުން ޖާގަ ލިބޭނެ އެވެ. އޭޝިއަން ކަޕަށް ކޮލިފައި ވާނީ ޖުމުލަ 24 ޓީމެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ޕޮޓް ތިނެއްގަ އެވެ. ކޮލިފައިންގެ ގުރު ނެގުން ފަހުގެ ތާރީހެއްގައި ބާއްވާނެ އެވެ. އޭއެފްސީން ބުނީ އޭޝިއަން ކަޕް ކޮލިފައިން ސެންޓްރަލައިޒް ކުރަން ޖެހުނީ ކޮވިޑް-19 ގެ ސަބަބުން އަދިވެސް ބައެއް ގައުތަކަށް ދަތުރު ކުރުމުގައި ދަތިތައް ހުރުމުން ކަމަށެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު މިހާރު ވަނީ އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ބަހުރޭނަށް ގޮޮސްފަ އެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގާއި ބަހްރޭން އަދި އަފްގާނީސްތާންއާ އެކު ގްރޫޕް ސީގަ އެވެ. އެ ގުރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދަނީ ބަހްރޭނުގަ އެވެ.