Roadha Mihaaru
ދިވެހި ޓީމުން އިޓަލީ ފުޓްބޯޅަ ސްޓައިލް ފެންނާނެ: ކޯޗު

އިޓަލީގެ ފުޓްބޯޅައިގެ ސިފަތައް ރާއްޖޭގެ ޓީމުން ފެންނާނެ: ކޯޗު

07 ޖޫން 2022

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި، ތައިލެންޑާ ދެކޮޅަށް މާދަމާ ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުގައި އިޓަލީގެ ފުޓްބޯޅައިގެ ސްޓައިލް ދިވެހި ޓީމުގެ ކުޅުމުން ފެންނާނެކަމަށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

ރާއްޖެ އާއި ތައިލެންޑްގެ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މާދަމާ ހަވީރު 5 ޖާހައިރު އެވެ. ރާއްޖެ އާއި ތައިލެންޑްގެ އިތުރުން އުޒްބެކިސްތާން އަދި ސްރީ ލަންކާ ހިމެނޭ ގުރޫޕް ސީ ގެ މެޗުތައް ކުރިއަށްދާނީ އުޒްބެކިސްތާންގަ އެވެ. އެ ގުރޫޕްގައި މާދަމާގެ ދެވަނަ މެޗުގައި ނުކުންނާނީ ލަންކާ އާއި އުޒްބެކިސްތާނެވެ.

މެޗާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އިޓަލީ އަށް ނިސްބަތްވާ މޮރިއޭރޯ ބުނި ގޮތުގައި އޭނާ އަށް އެންމެ މޮޅީ އިޓަލީގައި ކުޅޭ ފުޓްބޯޅަ އެވެ.

"އަހަންނަށް ޔަގީން މާދަމާ ފެންނާނެ އިޓަލީގެ ފުޓްބޯޅަ ސްޓައިލާ ވައްތަރު ގޮތަކަށް ރާއްޖެ ކުޅޭތަން، ސަބަބަކީ ކޯޗަކީ އިޓަލީ މީހެއް،" އިޓަލީގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.

ރާއްޖޭގެ ޓީމުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން؛ ރާއްޖޭގެ ކޯޗު މޮރިއޭރޯ ބުނީ އޭނާ ބޭނުންވާ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ޓީމުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން؛ ރާއްޖޭގެ ކޯޗު މޮރިއޭރޯ ބުނީ އޭނާ ބޭނުންވާ ގޮތަށް ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް --- ފޮޓޯ: އެފްއޭއެމް

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އާއި އިޓަލީގެ ފުޓްބޯޅަ އެތައް ގޮތަކުން ތަފާތުކަމަށެވެ. ރާއްޖޭގެ ކުޅުމަށް ބަދަލުތައް ގެނައުމަށް އޭނާ މަސައްކަތް ކުރާ ކަމަށް މޮރިއޭރޯ ބުންޏެވެ.

"އަހަރެންގެ މި ޓީމަކީ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް އެ ކުޅުންތެރިން ދަނީ އަހަރެން ގެންނަން ބޭނުންވާ ބަދަލަށް އަމަލުކުރުމަށް މަސައްކަތް ކުރަމުން،" މޮރިއޭރޯ ބުންޏެވެ.

"އެކަމަކު އަހަރެން ބޭނުންވާ ގޮތަށް ބަދަލު ގެނައުމުގައި ވަގުތުތަކެއް ނަގާނެ."

މޮރިއޭރޯ ބުނި ގޮތުގައި ފުޓްބޯޅައިގެ އެންމެ ބޮޑު ޓެކްޓިކަލް ގޭމެއް ކުޅެނީ އިޓަލީ އާއި ޔޫރަޕްގަ އެވެ. އަދި ކުޅުންތެރިންނަށް ވެސް ބައެއް ފަހަރު ނަފުސާނީ ގޮތުން އުނދަގޫތައް ވެސް އިޓަލީ އާއި ޔޫރަޕްގައި ކުޅޭއިރު ކުރިމަތިވާނެ ކަމަށް އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

"އަހަންނަށް ހީވަނީ މުޅި ޔޫރަޕްގައި ވެސް އެންމެ އުނދަގޫ ގޭމެއް ކުޅެނީ އިޓަލީގައި ހެން. ރާއްޖޭގައި ވެސް އެ ޕްލޭނަށް އަމަލުކުރަން އަހަރެމެން ފަށައިފިން. ރާއްޖޭގެ ކުޅުންތެރިންނަށް އާ ބަދަލެއް ގެނެސްދިނުމަށްޓަކައި،" މިދިޔަ ނޮވެމްބަރުގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވި މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ އާއި ކެޕްޓަން އަކުރަމް، މިއަދު ޕްރެސްގައި ފޮޓޯއަކަށް ހުއްޓިގެން: މޮރިއޭރޯ ބުނީ ތައިލެންޑް ބޭނުންވާ ގޭމް ކުޅުމުގެ ފުރުސަތު ނުދޭން ރާއްޖެއިން ވަރުގަދަ މެޗެއް ކުޅެން ޖެހޭ ކަމަށް  --- ފޮޓޯ: އެފްއޭއެމް

މާޗް މަހު ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ވެސް އެގޮތަށް ކުޅެން މަސައްކަތް ކޮށްފައިވާނެ ކަމަށް ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ވެސް ރާއްޖޭގެ ޓީމަށް އިރުޝާދު ދިން ކޯޗު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ ގޮތަށް ކުޅެން މަސައްކަތް ކުރުމުން ކުޅުންތެރިންނަށް ވެސް އެ ކަން ކަމުދިޔަ އެވެ.

"އެ މެޗުގައި އަހަރެމެންގެ ޓީމު ކުޅުނު ގޮތުން އަހަންނަށް ވެސް ޝައުގުވެރިވި އަދި އާންމުންނަށް ވެސް ވަރަށް ޝައުގުވެރިވި،" ބަންގްލަދޭޝްއާ ދެކޮޅަށް 3-0 ން މޮޅުވި މެޗާ ބެހޭގޮތުން މޮރިއޭރޯ ބުންޏެވެ.

ކޮލިފައިންގެ މި ގުރޫޕްގައި ހިމެނޭ އަނެއް ތިން ޓީމު ކުޅެފައިވާ މެޗުތަކުގެ ވީޑީއޯ ބަލާފައިވާކަން ފާހަގަ ކުރަމުން މޮރިއޭރޯ ބުނީ ތައިލެންޑަކީ އެޓޭކްގައި ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެޓީމުން ކުޅޭ ގޭމްގައި ހުސްކޮށް ލިބޭ ޖާގަތަކަށް އަވަސް އަވަހަށް ބޯޅަ ފޯރުކޮށްދީގެން ހަމަލާ އުފައްދާ ޓީމެއްގެ ގޮތުގައި ތައިލެންޑްގެ ޓީމު، މޮރިއޭރޯ ސިފަ ކުރި އެވެ.

"އަހަރެމެން ކުރަން ޖެހޭނެ ކަމަކީ އެ ޓީމުން ކުޅެން މަސައްކަތް ކުރާ ގޭމް ކުޅެން ފުރުސަތު ނުދިނުން. އަދި އަހަރެމެން ވެސް ޖެހޭނެ ވަރަށް ވަރުގަދަ ގޭމެއް ކުޅެން،" މޮރިއޭރޯ ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސީ ގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ތައިލެންޑާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި، ކެޕްޓަން އަކުރަމް، ކޯޗު މޮރިއޭރޯ އަދި އޭނާގެ ތަރުޖަމާނު: މޮރިއޭރޯ ބުނީ އޭނާގެ ކުޅުންތެރިން 200 ޕަސެންޓް ދޭނެ ކަމަށް --- ފޮޓޯ: އެފްއޭއެމް

ރާއްޖެއިން އުޒްބެކިސްތާނަށް ދިއުމަށް ގައުމީ ޓީމުން ކުރީ ދިގު ދަތުރެއް ކަމަށް މޮރިއޭރޯ ބުންޏެވެ. އެކަމަކު އޭނާގެ ޓީމުން މާދަމާ 200 ޕަސެންޓް ދޭނެ ކަމަށް މޮރިއޭރޯ ބުންޏެވެ.

"އަހަރެމެން މިތަނަށް މި އައީ ޗުއްޓި ހޭދަކުރާކަށް ނޫން،" އޭނާ ބުންޏެވެ. "އަހަރެމެން ބޭނުން ވަނީ ރާއްޖެ ތަމްސީލުކޮށް ދިވެހިންނަށް ހިތްހަމަޖެހުން ލިބޭނެ ކުޅުމެއް ކުޅެ ނަތީޖާ ނެރުން."

ރާއްޖެއިން ވަނީ މިހާތަނަށް ތައިލެންޑާ ދެކޮޅަށް ތިން ފަހަރު ކުޅެފަ އެވެ. އެންމެ ފުރަތަމަ ރާއްޖެއިން އެޓީމާ ދެކޮޅަށް ކުޅުނީ 1996 ގެ އޭޝިއަން ކަޕު ކޮލިފައންގަ އެވެ. އެފަހަރު ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ތައިލެންޑް ކާމިޔާބު ކުރީ 8-0 ންނެވެ. އެންމެ ފަހުން ރާއްޖެއިން ތައިލެންޑާ ދެކޮޅަށް ކުޅުނީ ފެބްރުއަރީ 2012 ގަ އެވެ. އެ މެޗު ތައިލެންޑުން ކާމިޔާބު ކުރީ 3-0 ންނެވެ.