Roadha Mihaaru
ރާއްޖެއާ ދެކޮޅަށް އުޒްބެކިސްތާން، ތައިލެންޑް، ލަންކާ

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ އާދެކޮޅަށް އުޒްބެކިސްތާން، ތައިލެންޑް އަދި ލަންކާ

24 ފެބުރުއަރީ 2022

އަންނަ އަހަރު ޗައިނާގައި ބާއްވާ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި އުޒްބެކިސްތާން، ތައިލެންޑް އަދި ސްރީ ލަންކާ އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.

އަންނަ އަހަރު ޗައިނާގައި ބާއްވާ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި އުޒްބެކިސްތާން، ތައިލެންޑް އަދި ސްރީ ލަންކާ އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.

އޭއެފްސީން މިއަދު ވަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރު ނަގައިފަ އެވެ. ކޮވިޑް-19 ގެ ހާލަތު ކަމަށް ވުމުން ކޮލިފައިން ކުރިއަށް ދާނީ ސެންޓްރަލައިޒްކޮށެވެ. ރާއްޖެ ހިމެނޭ ގުރޫޕް ސީގެ މެޗުތައް ކުރިއަށްދާނީ އުޒްބެކިސްތާންގަ އެވެ. މެޗުތައް ކުޅޭނީ ޖޫން މަހު އެވެ. ސެންޓްރަލައިޒްކޮށް ކުޅޭތީ ދެ ލެގު މެޗެއް ނޯންނާނެ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލު ކުރުމަށް ފަހު ގުރޫޕުގެ އެއް ވަނަ ހޯދާ ޓީމު އޭޝިއަން ކަޕަށް ކޮލިފައި ވާނެ އެވެ. ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ޓީމަށް ވެސް އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.

ރާއްޖެ އާއި އުޒްބެކިސްތާން، ސީނިއާ ފުޓްބޯޅައިގައި މިހާތަނަށް ބައްދަލުކޮށްފައެއް ނެތެވެ. ރާއްޖެއިން ވަނީ ތައިލެންޑާ ދެކޮޅަށް މީގެ ކުރިން ތިން ފަހަރު ކުޅެފަ އެވެ. އެ ތިން މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ސާފުގެ މެންބަރެއްގެ ގޮތުގައި އޮތް ލަންކާ ވަނީ މިދިޔަ އަހަރު ވެސް ރާއްޖެއާ ދެކޮޅަށް ދެފަހަރު ކުޅެފަ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ލަންކާ ބަލިކޮށްފަ އެވެ. ޑިސެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ހަތަރު ލަނޑު ޖަހާފައި ވަނިކޮށް ލަންކާއިން ވަނީ މެޗު އެއްވަރުކޮށްފަ އެވެ.

އޭޝިއަން ކަޕުން ފުރުސަތު ލިބެނީ 24 ޓީމަށެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އަނެއް ބުރަށް ދަތުރު ކުރި 12 ޓީމަށް މިހާރު ވެސް ވަނީ މުބާރާތުން ޖާގަ ކަށަވަރުވެފަ އެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޗައިނާ އަށް ވަނީ އޮޓޮމެޓިކް ޖާގަ ކަށަވަރުވެފަ އެވެ.