Roadha Mihaaru
ފްލެޓްތަކުގެ އަގު ކަނޑައެޅި ގޮތުގެ ރިޕޯޓް ދިރާސާކުރަނީ

ހިޔާ ފްލެޓްތަކުގެ އަގު ކަނޑައެޅި ގޮތުގެ ރިޕޯޓް ސަރުކާރުން ދިރާސާ ކުރަނީ

23 އޮކްޓޯބަރ 2021

ހިޔާ ފްލެޓްތަކުގެ އަގު ކަނޑެޅި ގޮތް ބެލުމަށް ފަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން ރޭ ނެރުނު ރިޕޯޓް ސަރުކާރުން ދިރާސާ ކުރާނެ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާ ފްލެޓްތަކުގެ އަގު ކަނޑެޅި ގޮތް ބެލުމަށް ފަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން ރޭ ނެރުނު ރިޕޯޓް ސަރުކާރުން ދިރާސާ ކުރާނެ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެޗްޑީސީން އަގުތައް ކަނޑައަޅާފައި ވަނީ އެ ކުންފުނިން އެ މަަޝްރޫއަށް ނަގާފައިވާ ލޯނުތަކާއި އެއާ ގުޅުން ހުރި އެހެން ކަންތައްތަކަށް ރިއާޔަތް ކޮށްފައި ކަމަށާއި އެ އަށް ވުރެ އަގު ހެޔޮކޮށްފި ނަމަ، ކޮންމެ ޔުނިޓަކުން އެއް މިލިއަން ރުފިޔާގެ ގެއްލުން ވާނެ އެވެ.

އެކަމަކު ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓްތައް މަހަކު 5،548ރ. އަށް ދޫކުރެވޭނެ ކަމަށް ހިސާބު ހަދާފައިވާ މާލޭ ސިޓީ ކައުންސިލްގެ ރިޕޯޓެއް ނެރެފަ އެވެ. މި އަގަށް ދޫނުކުރެވޭނެ ކަަމަށް ސަރުކާރުން ބުނެ އެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަންކަން ފާހަގަކުރެއްވިއްޖެ ނަމަ، އެކަންކަން ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ރޭގައި މި ރިޕޯޓް އައިރު އަޅުގަނޑުމެންނަށް ފާހަގަކުރެއްވިއްޖެ ކުރިން ހީކުރިވަރަކަށް ވުރެ ވެސް ބައެއް ކަންކަން ގޯސްކޮށް ހުރިކަން. އެހެންވީމަ މި ރިޕޯޓް ރަނގަޅަށް ދިރާސާކޮށްފައި އެޅޭނެ ފިޔަވަޅުތައް ބަލާނީ،" މަބްރޫކް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އިއްޔެ އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގު ކަމަށްވާ 8،500ރ. އަށް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. އަދި މަހަކު 5،548ރ. އަށް ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ޖަހާފައިވާ ހިސާބު ވެސް ގެއްލުން ވާނެ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ.

މި އޮޑިޓް ރިޕޯޓު ނެރުމާ އެކު ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ކުރީގެ ސަރުކާރުން ފްލެޓުތަކުގެ އަގު ކުޑަކޮށް އިއުލާން ކުރީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ.

ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަމަށް އިސްކަންދީގެން އިމާރާތްކުރި 7،000 ފްލެޓް ލިބުނު މީހުން ދަނީ، އެ ތަންތަނަށް މަހަކު ދައްކަން މިހާރުގެ ސަރުކާރުން ކަނޑައަޅާފައިވާ އަގު ކަމަށްވާ 8،500ރ. ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ 6،600ރ. މަހަކު ދައްކާ ގޮތަށް ފްލެޓް ދޫކުރެވޭނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވަނީ ސިޓީ ކައުންސިލުން ހެދި ހިސާބުތަކަށް ބުރަވެ އެވެ.