Roadha Mihaaru

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމާއި އަގަށް ގެނައި ބަދަލު އެޗްޑީސީގެ ޕޯޓަލް އިން ފެންނަ ގޮތް ހަދައިފި

ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފްލެޓްތަކުގެ އަގަށް ގެނެސްފައިވާ ބަދަލު އެޗްޑީސީގެ "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ގޮތް މިއަދު ހަދައިފި އެވެ.

ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

04 ޑިސެމްބަރ 2025

ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފްލެޓްތަކުގެ އަގަށް ގެނެސްފައިވާ ބަދަލު އެޗްޑީސީގެ "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ގޮތް މިއަދު ހަދައިފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ބޭނުމަށް ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް ގެނެސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށެވެ.

އެއީ ހިޔާ ފުލެޓް ލިބިފައިވާ މީހުންނަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންނަށް މިހާރު "މައި ހުޅުމާލެ ޕޯޓަލް" ލިންކު ބޭނުންކޮށްގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލައި، ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ފްލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ އެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ފްލެޓް ލިބުނު މީހުންގެ އަމިއްލަ އަތުން ކުރި ހަރަދު އަނބުރާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސްގެ އެ ވައުދު ފުއްދުމަށްޓަކާ ހިޔާ ފްލެޓްތަކުގެ ކުލިން 200،000ރ. ކުޑަކޮށްދޭން ސަރުކާރުން މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ. ސަރުކާރުން އެކަން ކުރަން ނިންމީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްގެންނެވެ. އެހެންވެ، މިހާރު އެ ފްލެޓްތަކުގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު މަހަކު 4،984ރ. އެވެ.

ހިޔާގެ 16 ޓަވަރުގައި 6,720 ފްލެޓު ހުރެ އެވެ. އެތަނުގެ ކުލީގެ ގޮތުން އެންމެ ފުރަތަމަ ކުރީގެ ސަރުކާރުން ކަނޑައެޅީ މަހަކު 7،500ރ. އެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް 2023 ވަނަ އަހަރުގެ މެއި މަހު، ހިޔާގެ ކުލި 5،300ރ. އަށް ކުޑަކޮށްދީފަ އެވެ.