Roadha Mihaaru
ކޮވިޑް ފެތުރި ގުރައިދޫ މަރުކަޒު ލޮކްޑައުންއަކަށް

ކޮވިޑްގެ ކޭސްތައް ގިނަވެ ގުރައިދޫ މަރުކަޒު ލޮކްޑައުން ކޮށްފި

24 އޮކްޓޯބަރ 2021

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ކޮވިޑްގެ ކޭސްތަކެއް ފެނިގެން އެތަން ލޮކްޑައުން ކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ކޮވިޑްގެ ކޭސްތަކެއް ފެނިގެން އެތަން ލޮކްޑައުން ކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ގުރައިދޫ މަރުކަޒުގެ މުވައްޒަފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް 112 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް އެ ތަނުން ކޮވިޑްގެ ކޭސްތައް ފެންނަމުން ދާތީ، އިއްޔެ ހަވީރު ހަޔަކުން ފެށިގެން މަރުކަޒު ލޮކްޑައުންކޮށް، އެ ތަނަށް މީހުން ވަދެނުކުމެ އުޅުން ވަނީ ކޮންޓްރޯލްްކޮށްފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި، ގުރައިދޫ މަރުކަޒުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެ ތަނުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ގުރައިދޫ މަރުކަޒުގައި ތިބޭ އެންމެން މިހާރު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައި ކަމަށެވެ. އަދި ގަވާއިދުން ސިއްހީ ހާލަތު މޮނިޓާކޮށް، އިތުރު ފަރުވާދޭން ޖެހޭ މީހުންނަށް ވެސް ފަރުވާދެމުން އަންނަ ކަމަށް ބުނެ އެވެ.

"ޕޮޒިޓިވްވެފައިވާ ބަލި މީހުން ވަނީ ކޮވިޑް ފެސިލިޓީ އަށް ބަދަލުކޮށްފައި. އަދި އެނޫން ފަރާތްތައް ވަނީ މަރުކަޒުގައި އައިސޮލޭޓް ކޮށްފައި،" މިނިސްޓްރީން ބުންޏެވެ.

ގުރައިދޫ މަރުކަޒު އާންމު ހާލަތަށް އަނބުރާ ގެނައުމަށް ކުރަމުންގެންދާ މަސައްކަތްތައް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ މަރުކަޒުގެ އިސްވެރިންނާއި ގުރައިދޫ ކައުންސިލާ ވެސް ހިއްސާ ކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިވަގުތު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި މަރުކަޒަށް ބޭނުންވާ ސިއްހީ ސާމާނާއި އެ ނޫން ވެސް ވަސީލަތްތައް ހޯދައި އިތުރަށް ކުރަންޖެހޭ ކަންކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް އެ މިނިސްޓްރީންް ބުންޏެވެ.

މިނިސްޓްރީންް ބުނި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވުމާ ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ހިދުމަތްތެރިން ގުރައިދު އަށް ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ. އަދި މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯޝަލް ސަޕޯޓް ދިނުމަށް ދެ ސޯޝަލް ވޯކަރުން ލޮކްޑަައުންގެ މުއްދަތުގައި ހަރަކާތްތެރިވާނެ އެވެ.

ކޮވިޑް ފެސިލިޓީގައި ތިބި ބަލި މީހުންނަށް ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ވެސް ކޮންމެ ދުވަަހަކު އެއް ފަހަރު ޒިޔާރާތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގުރައިދޫ ހެލްތު ސެންޓަރުން ބުނީ، ރަށުގެ ތެރެއިން ކޮވިޑްގެ ކޭހެއް ނުފެނެ އެވެ. އެކަމަކު ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ޕޮޒިޓިވްވި މުވައްޒަފުންގެ ކޮންޓެކްޓުން އެބައުޅެ އެވެ.