Roadha Mihaaru
ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

20 ޖުލައި 2020

ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އަންނަ ކުއްޖަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އަންނަ ކުއްޖަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ އުމުރުން 12 އަހަރުގެ އެ ކުއްޖާ އަކީ މިދިޔަ މާޗު 6 ގައި އިންޑިއާގެ ކޮޗިން އަށް ބޭސްފަރުވާ އަކަށް ދިއުމަށް ފަހު މިދިޔަ ޖޫން 30 ގައި ރާއްޖެ އައި ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ މާލެ އައުމުން ކުޑަކުދިންގެ ހިޔާގައި 16 ދުވަސް ވަންދެން ކަރަންޓީން ކޮށްފައިވާއިރު، ފުރަތަމަ ޓެސްޓުގެ ނަތީޖާ ވީ ނެގެޓިވް އެވެ. އެ ނަތީޖާ ލިބުނީ ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު، އެ ކުއްޖާގެ ފަރާތުން ސިއްހީ އިތުރު މައްސަލަތަކެއް ފެނުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ވިލިމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރަށް ދެއްކުމުން އިރުޝާދު ދިނީ އައިޖީއެމްއެޗަށް ދެއްކުމަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެހެންވެ، އައިޖީއެމްއެޗަށް ކުއްޖާ ބަދަލު ކުރުމަށް ފަހު، ކޮވިޑް-19 އަށް އިއްޔެ ހެދި ޓެސްޓުގެ ނަތީޖާ މިއަދު ލިބުނުއިރު ޕޮޒިޓިވްވީ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

"އެހެންކަމުން، މި މިނިސްޓްރީން މިހާރު މި ގެންދަނީ، ކަމާގުޅޭ އިދާރާތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މި ފުރުސަތުގައި، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނާއި އެ ތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ކަމުގެ ޔަގީންކަން އަރުވަމެވެ،" ޖެންޑާ މިނިސްޓްރީން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

"އަދި، ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކުއްޖާގެ ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ދާކަން ވެސް ފާހަގަކުރަމެވެ."

ކުޑަކުދިންގެ ހިޔާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުއްޖާއާ އެކު، އެހެން ކުއްޖަކު ވެސް އިންޑިއާގެ ކޮޗިން އަށް ދަތުރުކުރި އެވެ.

މިހާތަނަށް 2،966 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވާ އިރު ގިނަ ބަޔަކު ރަނގަޅުވެ މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 574 މީހުންނެވެ.