Roadha Mihaaru
ތުއްތު ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން: އާއިލާ

އާއިލާ އިން ތުހުމަތުކުރަނީ ތުއްތު ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް

24 އޮކްޓޯބަރ 2021

ރޭ އައިޖީއެމްއެޗްގައި ނިއާވި އުމުރުން ތިން މަހުގެ ކުއްޖާގެ ސިއްހީ މައްސަލައެއް ނެތް ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުންޏަސް، އެ ހޮސްޕިޓަލުން ހަދާފައި ހުރި ޓެސްޓުތައް އައިޖީއެމްއެޗަށް ދެއްކުމުން ކުއްޖާގެ ހިތުގެ މައްސަލައެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށް ކުއްޖާގެ އާއިލާއިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރޭ އައިޖީއެމްއެޗްގައި ނިއާވި އުމުރުން ތިން މަހުގެ ކުއްޖާގެ ސިއްހީ މައްސަލައެއް ނެތް ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުންޏަސް، އެ ހޮސްޕިޓަލުން ހަދާފައި ހުރި ޓެސްޓުތައް އައިޖީއެމްއެޗަށް ދެއްކުމުން ކުއްޖާގެ ހިތުގެ މައްސަލައެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށް ކުއްޖާގެ އާއިލާއިން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ކުއްޖާ ނިއާވީ އިމަޖަންސީގައި އައްޑޫން މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށެވެ.

ކުއްޖާގެ މަންމަ ފަރާތު ބޮޑުބޭބެއެއް "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ އަކީ ހާޓް ބީޓް ދަށްވެގެން މަންމަގެ ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހަދައިގެން ނަގާފައިވާ ކުއްޖެކެވެ.

އޭނާ ބުނީ ކުއްޖާގެ ހިތުގެ މައްސަލަައެއް އުޅޭ ކަމަށް އާއިލާއަށް ގަބޫލުކުރެވޭތީ، އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ހުންނަ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް އައީ ދައްކަމުންނެވެ.

"އެކަމަކު އެ ޑޮކްޓަރު ބުނަމުން އައީ ދުވަސް ނުފުރާ ވިހޭ ކުއްޖެއްވީމައޭ އެހެން އެ ދިމާވަނީ. ކުއްޖާގެ މައްސަލައެއް ނެތޭ،" ބޮޑުބޭބެ ކިޔައިދިނެވެ.

ގަވާއިދުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ކުއްޖާ ދައްކަމުން އަންނަނިކޮށް، ތިން މަސްވީ ތަނާހެން ކުއްޖާ ގާތުން ބުއިން ހުއްޓާލި އެވެ. އެހެންވެ، މިދިޔަ އަންގާރަ ދުވަހުގެ މެންދުރެއް ހާއިރު ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ރޭގަނޑުވީއިރު ވެސް ކުއްޖާއަށް އެއްވެސް ފަރުވާއެއް ނުދެ އެވެ. އެކަމަކު އޭރު ކުއްޖާގެ ހާލު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.

"ހޮސްޕިޓަލަށް ދާއިރަށް އެ މީހުން ކުއްޖާގެ ލޭކޮޅެއް ނެގި. އެކަމަކު ޓެސްޓް ހެދޭ ވަރަކަށް ނޫނޯ ލޭ ނެގުނީ ފުރަތަމަ ކިޔައިފައި އަނެއްކާ ދެވަނަ ފަހަރަށް އައިސް ކުއްޖާގެ ގައިން ލޭ ނެގި. އެކަމަކު އެއްވެސް ފަރުވާއެއް ނުދޭ."

އެންމެ ފަހުން ރޭގަނޑުވިއިރު ކުއްޖާގެ ހާލު ދަށްވާން ފެށުމުން އައިސީޔޫއަށް ލި އެވެ. އަދި ޖެހިގެން އައި ދުވަހުގެ ހަވީރު އިމަޖަންސީގައި ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗުގެ އިމަޖަންސީއަށް ގެންދިޔަ އެވެ.

އެތަނުގައި ވެސް އެތައް އިރެއްވީއިރު ވެސް ކުއްޖާއަށް ޑޮކްޓަރަކު އެޓެންޑް ނުވާ ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. އެކަމަކު ޝަކުވާކުރަން ފެށުމުން، އެތަނަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު އައި ކަމަށާއި އައްޑޫ ހޮސްޕިޓަލުން ދިން ރިޕޯޓްތައް ބެލުމަށް ފަހު ކުއްޖާގެ ހިތުގެ މައްސަލައެއް އެބަހުރި ކަމަށް އެންގި ކަމަށް ބުންޏެވެ.

"ފެށުނީއްސުރެ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ދައްކައިގެން މިބުނަނީ މައްސަލައެއް ނެތޭ. ހުރިހާ ކަމެއް ވެސް ރަނގަޅޭ. އެކަމަކު ކުއްޖާގެ ހިތުގެ މައްސަލަ ހުރި ކަމަށް އައިޖީއެމްއެޗުން ބުނި. ދެން ތަންކޮޅެއް ކުރިން ފަރުވާ ދެވުން ނަމަ ރަނގަޅުވީހޭ ވެސް ބުނި ކަމަށް ވަނީ،" ބޭބެ ބުންޏެވެ.

ކުއްޖާގެ ބޮޑުބޭބެ ބުނީ އިމަޖެންސީގައި އޮއްވައި ވެސް ދެ ފަހަރަކު ކުއްޖާ އަށް ސީޕީއާރް ދޭން ޖެހުނު ކަމަށެވެ. ކުއްޖާ ނިއާވީ އޭގެ ފަހުން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާގެ ހުރީ ގިނަ ފަހަރަށް ފުރާނައަށް ނުރައްކާވާ ފަދަ މައްސަލައެކެވެ.

މި މައްސަލައިގައި އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.