07 ފެބުރުއަރީ 2021
މާބަނޑު މީހުން ސިޒޭރިއަން ހަދައިގެން ވިއްސުން ރާއްޖޭގައި އާއްމު ނަމަވެސް އެއީ މައްސަލައެއްގެ ގޮތުގައި އާއްމުކޮށް އެނގިފައި އޮތް ކަމެއް ނޫނެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު ބޭއްވި ސަރުކާރުގެ ބައްދަލުވުމެއްގައި އެ މޭރުމުން ވާހަކަ ދެއްކިކަން ރައީސް އޮފީހުގެ ބަޔާނަކުން ހާމަވެފައިވެ އެވެ.
މާބަނޑު މީހުން ސިޒޭރިއަން ހަދައިގެން ވިއްސުން ރާއްޖޭގައި އާއްމު ނަމަވެސް އެއީ މައްސަލައެއްގެ ގޮތުގައި އާއްމުކޮށް އެނގިފައި އޮތް ކަމެއް ނޫނެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު ބޭއްވި ސަރުކާރުގެ ބައްދަލުވުމެއްގައި އެ މޭރުމުން ވާހަކަ ދެއްކިކަން ރައީސް އޮފީހުގެ ބަޔާނަކުން ހާމަވެފައިވެ އެވެ.
އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިއަން ހަދާ އަދަދު ގިނަކަން ފާހަގަކުރައްވައި ނާސިން ކޯހުގައި ފޫޅުމައިކަން ދަސްކުރުން އަނެއްކާވެސް ލާޒިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި ސިޒޭރިއަން އިތުރުވާތީ "މިކަން ހައްލުކުރުމަށް ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި" ވާ ކަމަށް އެ ބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ވާހަކަ އިތުރަށް ނުދެކެވުނަސް ޑިސެމްބަރު 31ގައި ހެލްތު މިނިސްޓްރީން ޓްވީޓްކުރި ތަފާސްހިސާބުތަކަކުން އެނގުނު ގޮތުގައި ރާއްޖޭގައި 2019 ވަނަ އަހަރު ވިހޭ އަންހެނުންގެ 58 ޕަސެންޓް މީހުން ހަދާފައިވަނީ ސިޒޭރިއަން އެވެ. ހެލްތު މިނިސްޓްރީން ނެރޭ ރާއްޖޭގެ ސިއްހީ ތަފާސްހިސާބުގެ ރިޕޯޓުތަކަށް ބަލާ އިރު 2006 އާއި 2019އާ ދެމެދު ރާއްޖޭގައި ސިޒޭރިއަން ހެދުން ވަނީ އެވްރެޖުކޮށް 40 ޕަސެންޓް އިތުރުވެފަ އެވެ.
ބޭރުގެ ބައެއް ދިރާސާތަކުގެ އަލީގައި ލަފާކުރެވޭ ގޮތުގައި އެންމެ ގިނައިން ސިޒޭރިއަން ހަދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
"މުހިއްމީ އަދަދަށް އެކަނި ނުބަލައި ސިޒޭރިއަން ހަދަން ޖެހޭ މީހުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުން."
ސިޒޭރިއަންއަކީ ވިއްސަން ރައްކާތެރި ގޮތެކެވެ. އަދި މައިންނާއި ދަރިންގެ ފުރާނަ އާއި ސިއްހަތު ސަލާމަތްކުރަން ބައެއް ފަހަރު ކުރުން މަޖުބޫރު ވެސް ކަމެކެވެ. އެކަމަކު ބޮޑު އޮޕަރޭޝަނަކަށް ވާތީ ސިޒޭރިއަންގެ ރިސްކުތައް ހުރެ އެވެ. ޑަބްލިޔުއެޗްއޯ އިން ލަފާދީފައި އޮންނަނީ ކޮންމެހެން ހަދަން ނުޖެހޭ ސިޒޭރިއަންތައް ނަހަދާށެވެ.
ރާއްޖޭގައި ސިޒޭރިއަން އޮޕަރޭޝަން ކުރުން އިތުރުވެފައިވާ ގޮތް ދައްކައިދޭ ޗާޓެއް. ސިޒޭރިއަން ނިސްބަތް ވަރަށް ބޮޑަށް މައްޗަށް ދިޔަ އިރު ގުދުރަތީގޮތުން ވިހެއުން ދަށަށް ގޮސް، އާލާތެއް (ފޯސެޕްސް ނުވަތަ ވެކިއުމް) ބޭނުންކޮށްގެން ވިއްސާ އަދަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައި. ތަފާސްހިސާބު: ހެލްތު މިނިސްޓްރީ
ދުނިޔޭގައި ވެސް ވަނީ ސިޒޭރިއަން ހެދުން އިތުރުވެ ކަންބޮޑުވުމަކަށް ވެފަ އެވެ. އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި ބައެއް މާހިރުން ދެކޭ އިރު, ރާއްޖޭގެ ނިސްބަތް 60 ޕަސެންޓާ ގާތްކުރުމަކީ ވަރަށް މަތީ އަދަދެކެވެ.
ދެކުނު އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ސިޒޭރިއަން ނިސްބަތް 50 ޕަސެންޓާ ގާތްވެގެން 2018ގައި ޑަބްލިޔުއެޗްއޯގެ ޔޫރަޕް އޮފީހުން ވަނީ، "އެޕިޑެމިކްއެއް"ގެ ދަރަޖަ އަށް އެ މައްސަލަ ބޮޑުވަމުން ދާކަން ސިފަކޮށްފަ އެވެ.
ދުނިޔޭގެ 150 ގައުމެއްގައި ސިޒޭރިއަން ހަދާ މިންވަރު ބެލުމަށް ފަހު 2016ގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި އޭރު ދުނިޔޭގެ ސިޒޭރިއަން ނިސްބަތަކީ ގާތްގަނޑަކަށް 19 ޕަސެންޓެވެ. ރާއްޖޭގެ ސިއްހީ ތަފާސްހިސާބުގެ ރިޕޯޓުތަކުން އެނގެނީ އެ ދުވަސްވަރު ރާއްޖޭގައި އެއަށް ވުރެ ދެ ގުނަ އިތުރަށް ސިޒޭރިއަން ހަދާފައިވާ ކަމެވެ. ރާއްޖޭގެ ސިޒޭރިއަން ނިސްބަތް 2011 އާއި 2016އާ ދެމެދު ހުރީ 41-43 ޕަސެންޓުގަ އެވެ. އެއީ އެކި ސަރަހައްދުތަކުގެ ތެރެއިން ސިޒޭރިއަންގެ ނިސްބަތް އެންމެ މަތި ކަމަށް ދުނިޔޭގެ ދިރާސާ އިން ދެއްކި ލެޓިން އެމެރިކާ އާއި ކެރީބިއަންގެ ގައުމުތަކާ އެއްވަރު މިންވަރެކެވެ.
މިދިޔަ އަހަރު ޝާއިއުކުރި ސަރަހައްދީ ދިރާސާއަކުން އެނގޭ ގޮތުގައި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ނުވަ ގައުމެއްގެ ތެރެއިން ސިޒޭރިއަން ނިސްބަތް ދެވަނަ އަށް އެންމެ މަތީ ރާއްޖޭގަ އެވެ.
ރާއްޖޭގެ ސިޒޭރިއަން ރޭޓު 58 ޕަސެންޓަށް އަރާފައިވާ އިރު, މީގެ 35 އަހަރު ކުރިން މާހިރުން ނިންމި ނިންމުމަކަށް ބިނާކޮށް ޑަބްލިޔުއެޗްއޯ އިން ބަލަނީ ސިޒޭރިއަން ނިސްބަތް ހުރުން އެންމެ ރަނގަޅީ 10-15 ޕަސެންޓުގައި ކަމަށެވެ. އެކި ސަބަބުތަކާ ހެދި އެ މިންގަނޑާ ދޭތެރޭ ބައެއް މާހިރުން ސުވާލު އުފައްދަ އެވެ. ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޑަބްލިޔުއެޗްއޯ އިން 2015ގައި ނެރުނު ބަޔާނެއްގައި ލަފާދިނީ ސިޒޭރިއަން ހަދާ އަދަދު ވަކި ވަރެއްގައި ހިފަހައްޓަން އެކަނި ނުވިސްނައި މައިންނާއި ކުދިންގެ ބޭނުންތަކަށް ބިނާކޮށްގެން ޑޮކްޓަރުން ގޮތް ނިންމުމަށެވެ. އެއާ އެކު ޑަބްލިޔުއެޗްއޯ އިން ބުނަނީ ސިޒޭރިއަން ހަދަންވާނީ ސިއްހީ ގޮތުން (މެޑިކަލީ) އެކަން ކުރަން ޖެހޭ ހާލަތްތަކުގައި އެކަނި ކަމަށެވެ.
"މައިންނާއި ތުއްތުކުދިންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ސިޒޭރިއަން ސެކްޝަން ކާމިޔާބެވެ. އެކަމަކު އެއީ ސިއްހީ ސަބަބުތަކަކަށްޓަކައި އެކަން ކުރަން ޖެހިގެން ކުރާ ނަމަ އެކަންޏެވެ," ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ވެ އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި އާބާދީއެއްގައި ސިޒޭރިއަން ހެދުން 10 ޕަސެންޓާ ހަމައަށް އިތުރުވުމުން މައިންނާއި ދަރިން މަރުވާ އަދަދު ދަށަށަށް ދެ އެވެ. އެކަމަކު ސިޒޭރިއަން 10 ޕަސެންޓަށް ވުރެ މަތިވިޔަސް މަރުވާ ނިސްބަތް ދަށްވާ ކަމުގެ ހެއްކެއް ނެތް ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ.
އެކަމަކު ސިޒޭރިއަން ހަދާ މިންވަރާއި މައިންނާއި ދަރިންގެ ރައްކާތެރިކަމާ ހުރި ގުޅުން އަދި މުޅިއަކުން ދެނެގަނެވިފައި ނެތް ކަމާއި ސިޒޭރިއަން އާއި އަންހެނުންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމާ ހުރި ގުޅުން ވެސް އިތުރަށް ދިރާސާކުރަން ޖެހޭކަން ޑަބްލިޔުއެޗްއޯ އިން ފާހަގަކުރެ އެވެ.
"މިއިން އަންގައިދެނީ މައިންނާއި ދަރިންގެ ފުރާނަ ސަލާމަތްކުރަން ސިޒޭރިއަން ހެދުމަކީ ބޭނުންތެރި ކަމެއް ކަމާއި މުހިއްމީ އަދަދަށް އެކަނި ނުބަލައި ސިޒޭރިއަން ހަދަން ޖެހޭ މީހުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުންކަން," ޑަބްލިޔުއެޗްއޯގެ ޑިޕާޓްމެންޓް އޮފް ރީޕްރޮޑަކްޓިވް ހެލްތު އެންޑް ރިސާޗުގެ ޑިރެކްޓަރު ޑރ. މާލީން ޓެމަމަންއާ ހަވާލާދީ އެ ޖަމިއްޔާ އިން 2015ގައި ބުނެފައިވެ އެވެ.
ސިޒޭރިއަންގެ އެންމެ ރަނގަޅު ނިސްބަތަކީ 10-15 ޕަސެންޓު ކަމަށް 1985ގައި ނިންމި ފަހުން ދުނިޔޭގައި ސިޒޭރިއަން އިތުރުވެ އާއްމުވުމުގެ ސަބަބުން މައިންނާއި ތުއްތުކުދިންގެ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު ޑޮކްޓަރުންނާއި ސަރުކާރުތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދާކަން ޑަބްލިޔުއެޗުއޯ އިން ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން, 1985ގެ މިންގަނޑަށް ބަދަލު ގެންނަން ބައިނަލްއަގުވާމީ މުޖުތަމައު ބޭނުންވާކަން ވެސް ބަޔާނުގައި ވެއެވެ.
ރާއްޖޭގައި ސިޒޭރިއަން އިތުރުވަނީ ކީއްވެގެންކަން ދެނެގަންނަން ރަސްމީ ދިރާސާއެއް ހަދާފައި އޮތް ކަމަކަށް ނުބެލެވެ އެވެ. އެހެން ބައެއް ގައުމުތަކުގައި ލަފާކުރެވޭ ތަފާތު ސަބަބުތައް ފާހަގަވެފައި އެބަ ހުއްޓެވެ. އެއް ސަބަބަކީ އަންހެނުން ބަލިވެއިންނަ އުމުރު މަތިވަމުންދާތީ ސިޒޭރިއަން ހަދަން ޖެހޭލެއް ގިނަވުމެވެ. އަދި ގުދުރަތީ ގޮތުން ވިހެއުމަށް ވުރެ ރައްކާތެރި ކަމަށް ދެކޭތީ ނުވަތަ ވިހެއުމުގެ ވޭނުން ސަލާމަތްވާން ބޭނުންވާތީ އަންހެނުން އަމިއްލަ އަށް ސިޒޭރިއަން އިޚްތިޔާރުކުރުމަކީ ވެސް ބައެއް ގައުމުތަކުގައި ސިޒޭރިއަން އިތުރުވާން މެދުވެރިވާ ކަމަށް ބެލެވޭ ސަބަބެކެވެ. ނުވަތަ ފިރިމީހާ އާއި އާއިލާގެ ޕްރެޝަރަށް ވެސް ބައެއް އަންހެނުން ސިޒޭރިއަން ހަދާފާނެ އެވެ. އެހެން ބައެއް ސަބަބުތަކަށް ބަލާ އިރު, މި މައްސަލައިގައި ބައެއް ގައުމުތަކުގައި ހޮސްޕިޓަލްތަކަށާއި ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުވެ އެވެ. އެއީ ގިނައިން ފައިސާ ހޯދަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ނުވަތަ އާދައިގެ ގޮތަށް ވިއްސުމުގެ ތެރޭގައި ދިމާވާ މައްސަލައަކާ ހެދި މީހަކު ކޮށްފާނެ އިހުމާލުގެ ދައުވާއަކުން ސަލާމަތްވުމުގެ ބޭނުމުގައި ވެސް ސިޒޭރިއަން ހަދަން ލަފާ ދޭ ކަމަށް ބެލެވޭތީ އެވެ.
އޮޕަރޭޝަނެއް ކުރަނީ: ސިޒޭރިއަންއަކީ ދިމާވެދާނެ މައްސަލައަކުން ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ އޮޕަރޭޝަނެއް.
ރާއްޖޭގައި ސިޒޭރިއަން އިތުރުވާ ސަބަބު ދެނެގަތުމުގެ ގައުމީ ދިރާސާއެއް ނެތަސް އައިޖީއެމްއެޗުގައި ސިޒޭރިއަން ހަދާފައިވާ މީހުންނަށް އަމާޒުކޮށްގެން ގައުމީ ޔުނިވާސިޓީގެ ދަރިވަރަކު 2016ގައި ކުރި ދިރާސާއެއް ޔުނިވާސިޓީން އާއްމުކޮށްފައިވެ އެވެ. އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބެޗެލާ އޮފް ޕްރައިމަރީ ހެލްތު ކެއާ ކޯސް ފުރިހަމަކުރަން މަދީހާ އަހުމަދު ކުރި އެ ދިރާސާގައި ސިޒޭރިއަން އިތުރުވާން މެދުވެރިވާ ފަރުދީ, ސިއްހީ އަދި އެހެނިހެން ސަބަބުތަކަށް ބަލާފައިވެ އެވެ.
އައިޖީއެމްއެޗުގައި 2015 ވަނަ އަހަރު ގުދުރަތީ ގޮތުން ވިހޭ 97 މީހަކާއި ސިޒޭރިއަން ހެދި 70 މީހަކު ބައިވެރިކުރި އެ ދިރާސާގައި ސިޒޭރިއަން ހެދީ ކީއްވެގެންތޯ ކުރި ސުވާލަށް އެންމެ ގިނަ ބަޔަކު ދިން ޖަވާބަކީ ދަރިފުޅަށް ނުރައްކާ ކުޑަވާނެތީ ކަމެވެ. ފާހަގަކުރެވުނު މައިގަނޑު ތިން ސަބަބުގެ ތެރެއިން އަނެއް ދެ ޖަވާބަކީ ކުރިން ސިޒޭރިއަން ހަދާފައި ވާތީ އާއި މަންމަ އަށް ނުރައްކާ ކުޑަވާނެތީ ކަމެވެ. ޖަވާބުދިން މީހުން އެ ބުނެދިނީ ޑޮކްޓަރު ވެސް ބުނެފައި އޮތް ސަބަބު ކަމެއް ސީދާ ސާފެއް ނޫނެވެ.
ސިޒޭރިއަން ހެދީ ކުރިން ވެސް ސިޒޭރިއަން ހަދާފައިވާތީ ކަމަށް ދިރާސާގައި 40 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އެއް ފަހަރު ސިޒޭރިއަން ހަދާފައި ހުރި ނަމަ ދެން ވިހާ ފަހަރުތަކުގައި ވެސް ސިޒޭރިއަން ހަދަން ޑޮކްޓަރުން އާއްމު ގޮތެއްގައި ލަފާ ދެ އެވެ.
ފުރަތަމަ ފަހަރު ސިޒޭރިއަން ހެދީ ކީއްވެގެންތޯ ދިރާސާގައި ބެލި އިރު އެންމެ އާއްމު ތިން ސަބަބަކީ ކުއްޖާ މާ ބޮޑުވުމާއި ކުއްޖާ އިދިކޮޅަށް އޮތުމާއި މައިމީހާގެ ފުރާނަ އަށް ނުރައްކާވުމެވެ.
އައިޖީއެމްއެޗުގައި ސިޒޭރިއަން ހެދި މީހުންގެ ތެރޭގައި, ކޮންމެހެން ހަދަން ނުޖެހި ސިޒޭރިއަން ހެދި ބަޔަކު ތިބި ކަމެއް ދިރާސާއަކުން ނޭނގެ އެވެ. އެކަމަކު ސިޒޭރިއަން ހެދީ ވިހެއުމުގެ ތަދު އިހުސާސްކުރަން ބިރުގަންނާތީ އާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެފައި ވިހަން ބިރުގަންނާތީ ކަމަށް ވަރަށް މަދު ބަޔަކު ޖަވާބުދީފައިވެ އެވެ. އަދި ނުވަ ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި ސިޒޭރިއަން ހެދީ ވިހާ ތާރީޚު ކަނޑައަޅަން ފުރުސަތު ލިބޭތީ އެވެ.
ޑަބްލިޔުއެޗްއޯގެ ބަހަކީ މެޑިކަލް ހުއްޖަތެއް އޮވެގެން ކުރާ ހާލަތްތަކުގައި މައިންނާއި ކުދިންގެ ފުރާނަ އާއި ސިއްހަތު ސަލާމަތްކުރަން ސިޒޭރިއަން މުހިއްމު ކަމާއި ނަމަވެސް އެފަދަ ހުއްޖަތެއް ނެތި ސިޒޭރިއަން ހަދައިގެން މައިމީހާ އަށް ނުވަތަ ދަރިފުޅަށް ފައިދާއެއް ކުރާ ކަމުގެ ހެއްކެއް ނެތް އިރު ސިއްހީ ސަބަބަކާ ނުލައި ސިޒޭރިއަން ހެދުން ރަނގަޅު ނޫން ކަމެވެ.
ޑަބްލިޔުއެޗްއޯގެ ބަޔާނުގައި ބުނިގޮތުގައި އެހެން އޮޕަރޭޝަންތަކެކޭ އެއްގޮތަށް ސިޒޭރިއަންގެ ވެސް ކުރު އަދި ދިގު މުއްދަތުގެ ހިރާސްތައް (ރިސްކު) ހުރެ އެވެ. އަދި އެއީ އަހަރުތަކަކަށް ދެމިގެން ހިނގައިދާނެ އަދި އަންހެންމީހާ އަށާއި އޭނާގެ ދަރިފުޅަށާއި އަންހެންމީހާ ދެން ބަލިވެއިންނަ އިރަކަށް ވެސް ނުރައްކާވެދާނެ ފަދަ ކަންތައްތަކަށް ވުން އެކަށީގެންވެ އެވެ.
ސިޒޭރިއަން އޮޕަރޭޝަނަކުން ނުކުމެދާނެ އެއް ނަތީޖާއަކީ، ޑަބްލިޔުއެޗްއޯ އިން ފާހަގަކުރާ ގޮތުގައި، ދިމާވާ މައްސަލައަކާ ހެދި ނުކުޅެދުންތެރިކަން ނުވަތަ މަރާ ކުރިމަތިލާން ޖެހުން އެކަށީގެންވުމެވެ. ހާއްސަކޮށް, ރައްކާތެރި ގޮތުގައި އޮޕަރޭޝަން ނުކުރެވޭ ނުވަތަ ދިމާވެދާނެ މައްސަލައަކަށް އެކަށީގެންވާ ފަރުވާ ދެވެން ނުހުންނަ ހޮސްޕިޓަލްތަކުގަ އެވެ.
ޑަބްލިޔުއެޗްއޯ އިން ފާހަގަކުރާ ގޮތުގައި ސިޒޭރިއަން ހެދުމަކީ ޚަރަދު ބޮޑު ކަމަކަށް ވާ އިރު ކޮންމެހެން ކުރަން ނުޖެހޭ ސިޒޭރިއަން އޮޕަރޭޝަންތައް ކުރަން ވަސީލަތްތައް ބޭނުންކުރާ ނަމަ، ބާރު ބޮޑު އަދި ބަލިކަށި ސިއްހީ ނިޒާމުތައް އިތުރަށް ހީނަރުވެގެންދާނެ އެވެ.
ރާއްޖޭގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވިހަނީ ސީޒޭރިއަނުން ކަމަށް ތަފާސްހިސާބުން ދެއްކުމުން ސަރުކާރުން ކަންބޮޑުވާކަން މިހާރު އެބަ އެނގެ އެވެ. ސިޒޭރިއަން އެހާ ބޮޑަށް އިތުރުވަމުންދާ ސަބަބުތަކާއި ސިޒޭރިއަން މަދުކުރަން ޖެހޭ ނަމަ އެއީ ކީއްވެގެންކަން އާއްމުންނަށާއި ސިއްހީ ހިދުމަތް ދޭ މީހުންނަށް އެނގުން މުހިއްމެވެ.
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ރާއްޖޭގައި ވިހެއުން މަދުވެ ސިޒޭރިއަން އިތުރުވަނީ!
ސިޒޭރިއަން ހެދިއިރު އިހުމާލުވި މައްސަލަ ބަލަން އެދިއްޖެ
ތުއްތު ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން: އާއިލާ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
18 އަހަރުން ދަށުގެ ކުދިންގެ ވެކްސިނާ ބެހޭ ދަފްތަރެއް
"ދެ ކުދިން މަރުވިކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން"
ގިނަ ކުދިންނަށް ކާނާ ދެވޭ ގޮތް ރަނގަޅެއް ނޫން: ސާވޭ
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ