Roadha Mihaaru
ޝާހްރުކް "ސްލަމްޑޯގް މިލިއަނާ" ދޫކޮށްލީ ކީއްވެ؟

ޝާހްރުކް ޚާން "ސްލަމްޑޯގް މިލިއަނާ" ދޫކޮށްލީ ކީއްވެ؟

04 ޖުލައި 2020

ޝާހްރުކް ޚާނަކީ ފިލްމެއް ދޫކޮށްލަން ބޭނުންވެއްޖެ ނަމަ އެކަމާ ފަސްޖެހޭ އެކްޓަރެއް ނޫނެވެ. އެގޮތަށް އޭނާ ދޫކޮށްލި ގިނަ ފިލްމުތަކަކީ އެހެން އެކްޓަރުންނާ އެކު ގެނެސްދީގެން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދި ފިލްމުތަކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކަށް ސަންޖޭ ދަތާ އެކު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ 2003 ގައި ގެނެސްދިން "މުންނާބާއި އެމްބީބީއެސް" ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާނަކީ ފިލްމެއް ދޫކޮށްލަން ބޭނުންވެއްޖެ ނަމަ އެކަމާ ފަސްޖެހޭ އެކްޓަރެއް ނޫނެވެ. އެގޮތަށް އޭނާ ދޫކޮށްލި ގިނަ ފިލްމުތަކަކީ އެހެން އެކްޓަރުންނާ އެކު ގެނެސްދީގެން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދި ފިލްމުތަކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކަށް ސަންޖޭ ދަތާ އެކު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ 2003 ގައި ގެނެސްދިން "މުންނާބާއި އެމްބީބީއެސް" ހިމެނެ އެވެ.

ޝާހްރުކް ދޫކޮށްލި ފިލްމުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2008 ގެ ހޮލީވުޑްގެ ފިލްމު "ސްލަމްޑޯގް މިލިއަނާ" އެވެ. އެ ފިލްމުގައި އަނިލް ކަޕޫރް ކުޅުނު ރޯލަކީ ޝާހްރުކަށް ފުރަތަމަ ލިބުނު ރޯލެކެވެ. އެ ރޯލަކީ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ ހޯސްޓްގެ ރޯލެވެ.

ޑެނީ ބޮޔެލް ޑައިރެކްޓްކުރި "ސްލަމްޑޯގް މިލިއަނާ" އަކީ އިންޑިއާގެ ފަގީރު އަވަށްގަނޑަކަށް ނިސްބަތްވާ ޒުވާނަކު ޝޯގައި ބައިވެރިވެގެން މިލިއަނަރަކަށްވާ ގޮތް ދައްކުވައިދިން ފިލްމެކެވެ. އެ ފިލްމަކީ އޮސްކާ އެވޯޑްސްގެ 10 ކެޓަގަރީއަކުން ނޮމިނޭޓްވެ، އަށް ކެޓަގަރީއަކުން އެވޯޑް ވެސް ހޯދި ފިލްމެކެވެ. އޭގެ ތެރޭގައި މޮޅު ފިލްމު، މޮޅު ޑައިކްޓަރު، މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ، މޮޅު އޮރިޖިނަލް ސްކޯ، މޮޅު ސިނަމަޓޯގްރަފީ، މޮޅު އެޑިޓިން އަދި މޮޅު ސައުންޑް މިކްސިން ހިމެނެ އެވެ.

އެވަރުގެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެއް ދޫކޮށްލި ސަބަބާ ބެހޭ ގޮތުން ޝާހްރުކް ބުނީ "ކޯން ބަނޭގާ ކަރޯޑްޕަތީ" އަކީ ކުރިން އޭނާ ހޯސްޓް ވެސް ކުރި ޝޯއަކަށްވެފައި، ފިލްމުގައި ދައްކުވައިދޭ ހޯސްޓް ޕްރޭމް ކުމާރުގެ ކެރެކްޓާ އަކީ ކުޑަކޮށް "އޮޅުވައިލުމާއި މަކަރު ހަދާ" ކަހަލަ ކެރެކްޓާއަކަށްވުމުން ފިލްމަށް އެއްބަސްނުވީ ކަމަށެވެ.

"އަނެއްކާ އަހަރެން ކުރިން ކޮށްފައި އޮތް ކަމެއް އަލުން ކުރީމަ ބެލުންތެރިންނަށް ވެސް ފެންނާނެ އާ ކަމެއް ނެތް. އެހެންވެ ފިލްމަށް އެއްބަސްނުވީ." ޝާހްރުކް ބުންޏެވެ.

އޭނާގެ އެ ވާހަކައިން ދޭހަވި އެއް ކަމަކީ "ކޯން ބަނޭގާ ކަރޯޑްޕަތީ" އާ ދޭތެރޭ މީހުންގެ މެދުގައި ގޯސް ތަސައްވުރެ އުފެދިޔަ ނުދިނުން ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ސޮނީ ޓީވީން މިހާރު ގެނެސްދޭ "ކޯން ބަނޭގާ ކަރޯޑްޕަތީ" އަމީތާބް ބައްޗަން ހޯސްޓްކުރާ ޝޯއެކެވެ. މި ޝޯގެ ފުރަތަމަ ތިން ސީޒަން ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން އިރު ޝާހްރުކް ހޯސްޓްކުރީ ޝޯގެ ތިން ވަނަ ސީޒަނެވެ. އޭގެ ފަހުން ހުރިހާ ޝޯއެއް ހޯސްޓްކުރަނީ އަމީތާބެވެ. އެ ޝޯ އަކީ އެމެރިކާގެ ޝޯ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ؟" ގެ އިންޑިއާ ވާޝަނެވެ.

ސޮނީން މިހާރު އަންނަނީ "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 12 ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުންނެވެ.

"ސްލަމްޑޯގް މިލިއަނާ" ކާސްޓުންގެ ތެރޭގައި ދޭވް ޕާޓޭލާއި ފްރެއިޑާ ޕިންޓޯ އާއި އިރުފާން ޚާނާއި ސޯރަބް ޝުކްލާ އާއި މަހޭޝް މަންޖްރޭކަރް ފަދަ ތަރިން ފެނިގެން ދިޔަ ފިލްމެކެވެ.