Roadha Mihaaru
ތިން އޮފިސަރެއްގެ ވަޒީފާ ދަމަހައްޓަން އަމުރުކޮށްފި

ތިން އޮފިސަރެއްގެ މައްސަލަ ކޯޓުން ނިމެންދެން ވަޒީފާ ދަމަހައްޓަން އަމުރުކޮށްފި

25 އޮކްޓޯބަރ 2021

ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން ތިން އޮފިސަރެއްގެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން، އެ މީހުން ވަޒީފާގައި ބައިތިއްބަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން ތިން އޮފިސަރެއްގެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން، އެ މީހުން ވަޒީފާގައި ބައިތިއްބަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުގެ ލަފައާއެކު، ހަތް އޮފިސަރަކު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި އެވެ. އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.

އެ މައްސަލަ ކޯޓުން ނިމެންދެން، އެ ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރުމުގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނަސް، އެ ކޯޓުން ނިިންމީ އެ އަމުރު ނެރެނުދިނުމަށެވެ. އެހެންވެ، އެ ނިންމުން އެ ފަސް އޮފިސަރުންގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ، އެ މައްސަލަ ކޯޓަށް ހުށަހެޅި އޮފިސަރުންގެ ތެރެއިން ޝަރީފާއީ ދާއޫދާއި ޝަމީމަކީ މިހާރު ވެސް ފުލުހުންގެ ވަޒީފާގައި ތިބި ބަޔަކަށް ވާއިރު، ސިވިލް ކޯޓުން މައްސަލަ ނިމުމުގެ ކުރިން އެ މީހުން ވަޒީފާ އިން ވަކިކޮށްފި ނަމަ ބޮޑެތި ގެއްލުންތަކެއް އެ މީހުންނަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން އެ މީހުންނާ އެއްކޮޮޅަށް ސިވިލް ކޯޓުން މައްސަލަ ނިމޭ ހާލަތުގައި އެ މީހުންގެ ވަޒީފާ އިއާދަކުރަން ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ހާލަތުުގައި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ އެ މީހުންނަށް ދޭން ޖެހިއްޖެ ނަމަ، އެއީ ދައުލަތަށް ވެސް ކުރިމަތިވާނެ ބޮޑު ގެއްލުމެއް ކަމަށާއި އެހެންވެ، މައްސަލަ ނިމުމުގެ ކުރިން އެ މީހުން ވަޒީފާ އިން ވަކިކޮށްފި ނަމަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ފައިސަލް ވިދާޅުވިގޮތުގައި، އެ މީހުން ވަޒީފާގައި ބައިތިއްބައިފި ނަމަ ފުލުހުންގެ އިސްވެރިންގެ މެދުގައި ހަމަޖެހުން ގެއްލިދާނެ ކަމަށް ދައުލަތުން ބުންޏަސް، މިހާރު ވެސް ވަޒީފާގައި ތިބި ބައެއްގެ ވަޒީފާ ދެމެހެއްޓުމުން ހަމަޖެހުން ގެއްލޭނެ ގޮތެއް ދައުލަތަށް ބުނެއެއް ނުދެވެ އެވެ. އެހެންވެ، ޝަރީފާއި ދާއޫދުގެ އިތުރުން ޝަމީމް ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން ޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅި އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދަކީ ކުރިން ވެސް ވަޒީފާ އިން ވަކިކޮށްފައިވާ ބަޔަކަށް ވާތީ ހައި ކޯޓުން އަމުރެއް ނެރުނަސް، އެ ދެ މީހުންގެ މައްސަލަ އަށް ލިބޭނެ ފަރުވާއެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން ޝަރީފާއި ދާއޫދާއި ޝަމީމް ވަޒީފާ އިން ވަކިކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ދައުލަތުގެ މައްޗަށް އަންގާ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.

އެގޮތަށް ހައި ކޯޓުން ހުކުމް ކުރިއިރު އެ ކޯޓުން މިދިޔަ ހަފުތާގައި ވެސް ވަނީ އެ ތިން އޮފިސަރުން ވަކިކުރުމުގެ ނިންމުމަށް އަމަލުކުރަން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އޭރު އެ އަމުރު ނެރުނީ މިދިޔަ ހަފުތާގައި އެ ތިން އޮފިސަރުން ވަކިކުރަން ނިންމާފައި އޮތުމުން އެ މައްސަލަ ހައި ކޯޓުން ނިމެންދެނެވެ.