Roadha Mihaaru
ތިން އޮފިސަރަކު ވަކިކުރުން ހުއްޓުވައިފި

ތިން އޮފިސަރަކު ވަކިކުރި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރ 2021

ޕޮލިސް ބޯޑުގެ ލަފައާ އެކު، ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގައި އޭގެ ތެރެއިން ތިން އޮފިސަރަކު ވަކިކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުގެ ލަފައާ އެކު، ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލައިގައި އޭގެ ތެރެއިން ތިން އޮފިސަރަކު ވަކިކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުގެ ލަފައާ އެކު، ފުލުހުންގެ އިސް ހަތް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމުމުން އޭގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.

އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން، އެ މީހުން ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެނުދިނުމަށެވެ. އެހެންވެ، އެ ފަސް އޮފިސަރުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ސިވިލް ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް، އޭގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދު ވަޒީފާ އިން ވަނީ ވަކިކޮށްފަ އެވެ. ދެން ތިބިި އޮފިސަރުން ވަކިކުރަން ނިންމާފައިވަނީ މާދަމާ އިން ފެށިގެންނެވެ.

އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން މިއަދު ފެށުމާ އެކު، ފަސް އޮފިސަރުންގެ ފަރާތުން އެދުނީ އެ މައްސަލަ ހައި ކޯޓުން ނިމެންދެން އެ އެ އޮފިސަރުން ވަޒީފާ އިން ވަކިކުރުން ހުއްޓުވައި ދިނުމަށެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް ޖަމްޝީދާއި އަހުމަދު މުހައްމަދު ވަޒީފާ އިން ވަކިކޮށްފައިވާ ކަން އެ އޮފިސަރުންގެ ވަކީލުން ފާހަގަކުރި އެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެން ދައުލަތުން ދެކޮޅު ހެދި އެވެ.

މިއަދުގެ އަޑުއެހުމުގައި ހައި ކޯޓުން އަމުރުކުރީ ވަގުތީ އަމުރު ނެރުމާ މެދު ހައި ކޯޓުން ގޮތެއް ނިމެންދެން، ޝަރީފާއި ދާއޫދުގެ އިތުރުން ޝަމީމްގެ ވަކިކުރުމުގެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށެވެ. އެކަމަކު މިހާރު ވަޒީފާ އިން ވަކި ކޮށްފައިވާ ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ބަޔާ މެދު އެއްވެސް އެންގުމެއް ހައި ކޯޓުން މިއަދު ނާންގަ އެވެ.

ފަސް އޮފިސަރުން ވަކިކުރި މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.