Roadha Mihaaru
ނަރުހުން: އަސްލު ހީރޯއިންގެ މޫނު

ނަރުހުން: އަސްލު ހީރޯއިންގެ މޫނު

13 އެޕްރީލް 2020

ކޮރޯނާވައިރަސް މިހާތަނަށް ދެ މިލިއަނެއްހާ މީހުންނަށް އަރައި ލައްކައަކަށް ވުރެ ގިނަ މީހުން މަރައިފި އެވެ. މި މުސީބާތުން ސަލާމަތްވާން ދުނިޔެ ހަނގުރާމަ އަށް ނުކުމެ ކުރީ ސަފުގައި ތިބީ ސިއްހީ ހިދުމަތްތެރިންނެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެ މީހުންގެ އެހީތެރިން ފަދަ އެތައް ބައެކެވެ. އެކަމަކު މި އެންމެންގެ ތެރެއިން ވެސް ނަރުހުން ހާއްސަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮރޯނާވައިރަސް މިހާތަނަށް ދެ މިލިއަނެއްހާ މީހުންނަށް އަރައި ލައްކައަކަށް ވުރެ ގިނަ މީހުން މަރައިފި އެވެ. މި މުސީބާތުން ސަލާމަތްވާން ދުނިޔެ ހަނގުރާމަ އަށް ނުކުމެ ކުރީ ސަފުގައި ތިބީ ސިއްހީ ހިދުމަތްތެރިންނެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެ މީހުންގެ އެހީތެރިން ފަދަ އެތައް ބައެކެވެ. އެކަމަކު މި އެންމެންގެ ތެރެއިން ވެސް ނަރުހުން ހާއްސަ އެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މަރުވަމުންދާ ގިނަ ގައުމުތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ ހާލު ބޮޑުވާ މީހުންނަށް އެކަންޏެވެ. އެ މީހުންގެ ހުރިހާ ކަމެއް ބަލަހައްޓަން ތިބެނީ ނަރުހުންނެވެ. ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ފަރުވާ ކަންކަން ބެލެހެއްޓުމުގެ އިތުރުން ބޭސް ދިނުމާއި ގައިން ތާހިރުކުރުމާއި މި ނޫނަސް ހުރިހާ ކަމެއްގައި، އެންމެ ގާތުން ހިދުމަތް ދެނީ ނަރުހުންނެވެ.

ރައްކާތެރިކަމުގެ ހެދުން ނުވަތަ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަކީ ލިބިދޭ ރައްކާތެރިކަމަކަށް ވިޔަސް، އެ އުނދަގޫ ހެދުމުގައި މާސްކާ އެކު އެތައް ގަޑިއިރެއް ވަންދެން އެ މީހުން ހޭދަކުރަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ޑިއުޓީން އަވަދިވާއިރު މޫނުގައި ކަނޑައި ނެގި ލޭ ހިލިފައި ހުންނަނީ އަޅައިގެން ހުންނަ މާސްކުގެ ބައްޓަމަށެވެ. ދުނިޔޭގެ އެތަން މިތަނުން މީގެ ކިތަންމެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ. މިއިން ކޮންމެ ފޮޓޯއަކުން ވެސް އަންގައިދެނީ ކޮރޯނާވައިރަހާ ދެކޮޅު ހަނގުރާމާގައި ނަރުހުން ކޮންމެ ދުވަހަކު ހޭދަކުރާ ގިނަ ވަގުތާއި އުފުލާ ވޭނެވެ.

ޗައިނާގެ ސިއްހީ ހިދުމަތްތެރިންތަކެއްގެ މޫނުގައި މާސްކްގެ ނިޝާންތައް

ޗައިނާގެ ސިއްހީ ހިދުމަތްތެރިންތަކެއްގެ މޫނުގައި މާސްކްގެ ނިޝާންތައް

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާ އިން މީގެ ވަރަށް އަސަރު ހުރި ފޮޓޯތައް ފެނުނެވެ. މިހާރު ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެފައިވާ އެމެރިކާގައި ވެސް ނަރުހުންގެ ފަރާތުން މިހާރު ފެންނަނީ މި ކަމެވެ. އިޓަލީ އާއި ސްޕެއިން ފަދަ ގައުމުތަކުގައި ވެސް މިހެންނެވެ. އެކަމަކު ކޮރޯނާވައިރަހުގެ ކިތަންމެ މަދު ކޭސްތަކެއް ފެނިފައިވާ ގައުމެއްގައި ވިޔަސް ނަރުހުންނަކީ، އެ ނުރައްކާ ވައިރަހާ އެންމެ ގާތުން މަސައްކަތްކުރާ މީހުންނެވެ.

ދެކުނު ކޮރެއާގެ ނަރުހަކު އޭނާގެ ރައްކާތެރިކަމުގެ މާސްކުގެ ސަބަބުން މޫނުން ހަލާކުވެފައިވާ ތަންތަނުގައި ބެންޑޭޖް އަޅާފައި. މި ހާލުގައި ވެސް ކޮންމެ ދުވަހަކު އެ މީހުން ހިދުމަތަށް ނުކުމޭ

ދެކުނު ކޮރެއާގެ ނަރުހަކު އޭނާގެ ރައްކާތެރިކަމުގެ މާސްކުގެ ސަބަބުން މޫނުން ހަލާކުވެފައިވާ ތަންތަނުގައި ބެންޑޭޖް އަޅާފައި. މި ހާލުގައި ވެސް ކޮންމެ ދުވަހަކު އެ މީހުން ހިދުމަތަށް ނުކުމޭ

ހިދުމަތުގައި ތިބި ނަރުހުން އާންމު އުސޫލު ދޫކޮށް އެތައް ގަޑިއިރަކު ޑިއުޓީ ނަގަމުން އަންނައިރު، ނަރުހުންނާއި ނަރުހުންގެ އެހީތެރިން ބޭނުންވާ އަދަދު އިތުރުވުމުން ގައުމުތަކުގައި ހިލޭސާބަހަށް ވެސް ނަރުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. ޝޫ ކަވަ އާއި ގައުން އާއި އެން95 މާސްކާއި ފޭސް ޝީލްޑަކުން ނިވާވެގެން، ކޮރޯނާވައިރަހުގެ ބަލި މީހުންނާ އެންމެ ގާތުން އަބަދު މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވަނީ ވައިރަހުގެ ޝިކާރައަކަށްވާ ނަރުހުން ގިނަވުމެވެ. ދުވަސްކޮޅަކު މަސައްކަތްކޮށްލުމަށް ފަހު އޭނާ އަކީ ކޮރޯނާވައިރަހުގެ ބަލި މީހަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެ އެވެ. ގެޔަށް ދާއިރު ގޭގައި ތިބޭ ދަރިންނާއި އާއިލާގެ އެހެން މެންބަރުންނަށް ވެސް އޮންނަ ނުރައްކާ ބޮޑުވެ އެވެ.

މި ހަނގުރާމާގައި އެތައް ނަރުހުންނަކާއި ޑޮކްޓަރުންނެއް މަރުވެއްޖެ އެވެ.

ހަމަ ހަގީގަތުގައި ވެސް އެއީ ހަނގުރާމައިގެ މައިދާނުގައި އެންމެ ކުރީ ސަފުގައި އެންމެ ޖެހިލުން ކުޑަކޮށް އެންމެ ބޮޑު އެހީތެރިކަމެއް ވަމުން އަންނަ މީހުންނެވެ. އެއީ މި ހަނގުރާމައިގެ އަސްލު ހީރޯއިންނެވެ. އެ ފެންނަނީ އަސްލު ހީރޯއިންގެ މޫނުތަކެވެ.