Roadha Mihaaru
ނަރުސް މަރާލިކަމުގެ ތުހުމަތަށް ފިރިމީހާ ހައްޔަރުކޮށްފި

ނަރުސް މަރާލިކަމުގެ ތުހުމަތަށް ފިރިމީހާ ހައްޔަރުކޮށްފި

27 އޮކްޓޯބަރ 2021

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ތުހުމަތުކުރެވި އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި އޭނާގެ ފިރިމީހާގެ މައްޗަށް ތުހުމަތުކުރެވި އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މަރުގެ މައްސަލައިގައި 29 އަހަރުގެ ފިލިޕީންސް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދިން ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އޭނާގެ ފިރިމީހާ، މާވިން އެވެ. އޭނާ އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ.

ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ނަމަވެސް އެ މަރުގައި ބޮޑެތި ޝައްކުތަކެއް އުފެދިގެން އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފި އެވެ.

ފުލުހުން އެ ގެއަށް ދިއުމުގެ ކުރިން ފިރިހެން މީހާ ވަނީ އޭނާގެ އަންހެނުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވަނީ އެނގިފަ އެވެ.

އެ މައްސަލައިގައި ފުލުހުން ޝައްކު އުފައްދާ އެއް ސަބަބަކީ ވެސް ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމެވެ. އަދި އޭގެ އިތުރުން ވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެ އެވެ.

މަރުވި ސަބަބު ދެނެގަތުމަށް އަންހެން މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ބޭރަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. ފުލުހުން ބުނީ އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

މެއި 3، 2016 މާވިން އާއި މޭރީ ކައިވެނިކޮށް، ދަރިއަކު ވެސް އެބަ ހުއްޓެވެ.