Roadha Mihaaru
ދިވެހި ނަރުހަށް، މަރަން ރޭވުމާއި މަރު ފޮރުވި ތުހުމަތު

ދިވެހި ނަރުހަށް، މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު

17 ޑިސެމްބަރ 2021

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުހަށް، މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ފަދަ ބޮޑެތި އެތައް ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުހަށް، މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ފަދަ ބޮޑެތި އެތައް ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރާ މެދު ޝައްކުވެ އޭނާގެ ފިރިމީހާ މާވިން މީގެ ކުރިން ހައްޔަރުކޮށްފައި ވާއިރު ކޯޓު އަމުރަކަށް ބުރާސްފަތި ދުވަހު ހައްޔަކުރި ދިވެހި ނަރުހަކީ މާވިންގެ ލޯބިވެރިޔާ އެވެ. އެއީ ހަލީމަތު ލަމްހާ އަބްދުލްރަހްމާން، 24، އެވެ.

ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީގެ މަރުގެ މައްސަލާގައި ލަމްހާ އަށް، މެރުމުގެ ކުށާ ގުޅޭ ކަންކަމުގެ އިތުރުން ކުށެއް ކުރަން އުޅުން، ކުށެއް ކުރުމަށް އެދުން، ކުށް ކުރުމަށް ރޭވުން، ކުށްކުރުމުގެ އާލާތް އަތުގައި ހުރުން، މަރެއް ފޮރުވުން އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން ހިމެނެ އެވެ.

މޭރީގެ މަރަށް ފަހު ދުވަސްތަކެއް ފަހުން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށް ތަހުގީގު ފަށައި ވަކި ހިސާބަކުން ވަނީ ލަމްހާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ދެ މީހުންގެ ފޯނުން ވެސް ވަނީ މޭރީ މަރާ ގުޅޭ މުހިންމު ވަރަށް ގިނަ މައުލޫމާތު ލިބިފަ އެވެ. އެ މައުލޫމާތު އެހެން ހުއްޓާ ވެސް މި މީހުން ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ ކުރި ރިޕޯޓަށް ފަހު އޭނާގެ ފިރިމީހާ ހައްޔަރުކުރީ އެ މަހުގެ 27 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ މޭރީ ދަންޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފަ އެވެ. ނަމަވެސް ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުން ތަހުގީގު ފުޅާކޮށް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމުން، މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަމަށް ވަނީ އެނގިފަ އެވެ. އަދި ދަންޖެހުނު ކަމަށް ބުނާ ތަނަށް ފުލުހުން ދިޔައިރު އެތަން ސާފުކޮށްފައި އޮތުމުން ވެސް ވަނީ ޝައްކު އުފެދިފަ އެވެ.