Roadha Mihaaru

އދ.ގެ އާއްމު މަޖިލީހުގެ ޕޯޑިއަމަށް އެރީ ޑައިނަސޯއެއް

28 އޮކްޓޯބަރ 2021

އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ އެވެ. އެންމެން ފަހަތް ބަލައިލީ އެ މަޖިލީހުގެ މާލަމުގެ ފަހަތުން، އެތަނަށް ވަންނަން ހުރި ދޮރާ ދިމާލުން އަޑެއް އިވޭތީ އެވެ. އެ ދޮރުން އަލިގަނޑެއް އެރުމަށް ފަހު ވަދެގެން އެ އަންނަނީ ބޮޑު ޑައިނަސޯއެކެވެ. ދެން އިވެނީ އެންމެން ބިރުން ހަޅޭއްލަވާ އަޑެވެ. ޑައިނަސޯ ވަދެގެން އެ ދިޔަ ގޮތަށް ދިޔައީ ދުނިޔޭގެ ލީޑަރުން ތަގުރީރުތައް ކުރައްވާ މަޝްހޫރު ރޮސްޓްރަމްއަށެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ އެވެ. އެންމެން ފަހަތް ބަލައިލީ އެ މަޖިލީހުގެ މާލަމުގެ ފަހަތުން، އެތަނަށް ވަންނަން ހުރި ދޮރާ ދިމާލުން އަޑެއް އިވޭތީ އެވެ. އެ ދޮރުން އަލިގަނޑެއް އެރުމަށް ފަހު ވަދެގެން އެ އަންނަނީ ބޮޑު ޑައިނަސޯއެކެވެ. ދެން އިވެނީ އެންމެން ބިރުން ހަޅޭއްލަވާ އަޑެވެ. ޑައިނަސޯ ވަދެގެން އެ ދިޔަ ގޮތަށް ދިޔައީ ދުނިޔޭގެ ލީޑަރުން ތަގުރީރުތައް ކުރައްވާ މަޝްހޫރު ރޮސްޓްރަމްއަށެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުވަން، އާއްމު ގޮތެއްގައި ވަރަށް ފޫހި، އެ މައުލޫއަށް މީހުން ޝައުގުވެރިވާ ގޮތަކަށް ޔޫއެންޑީޕީން ހަދާފައިވާ ކުރު ފިލްމެއްގެ މަންޒަރެކެވެ. ޔޫއެންޑީޕީން އިއްޔެ ބުނީ "ޑޯންޓް ގޯ އެކްސްޓިންކްޓް"ގެ ނަމުގައި އުފެއްދި އެ ފިލްމަށް އެތައް ބަހަކުން އަދި މަޝްހޫރު މީސްމީހުން ލައްވާ އަޑު އަޅާފައިވާ ކަމަށެވެ.

އެ ފިލްމުގެ ބޭނުމަކީ ޔޫއެންޑީޕީން ބުނި ގޮތުގައި ދުނިޔެ ހޫނުވުމަށް މެދުވެރިވާ ކާބަން ގިނަ އަަދަކަށް ބޭރުކުރާ ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރަން ބާރު އެޅުމެވެ. މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވައި، އެކަމުގެ ގެއްލުން ކުޑަކުރަން ކުރާ މަސައްކަތަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ފޮސިލް ފިއުލް ބޭނުންކުރުން ކަމަށް ވާތީ އެވެ.

ޑައިނަސޯ ގޮސް ރޮސްޓްރަމްގެ ކައިރިއަށް ހުއްޓޭއިރު އެތަނުގައި ހުންނަ އދ.ގެ މުވައްޒަފު ބިރުން ތުރުތުރު އަޅަ އެވެ. އޭނާގެ މޫނާ އަނގަ ކައިރިކޮށް ހާލު އަހައިލުމަށް ފަހު ޑައިނަސޯ އަހަނީ "މިނެޓެއް ބޭނުންތޯ" އެވެ. ނޫނެކޭ ބުނުމުގެ ގޮތުން އޭނާ ބޯ ހޫރައިލަ އެވެ.

އެ ހިސާބުން ޑައިނަސޯ ގޮސް ޕޯޑިއަމަށް ހުއްޓި، މައިކް ޓެސްޓްކޮށްްލުމަށް ފަހު ވާހަކަ ދައްކަން ފަށަ އެވެ. އޭތި ފުރަތަމަ ވެސް ބުނަނީ "އެކްސްޓިންކްޓް ވުމާ ބެހޭ ގޮތުން [މުޅިން ނެތިގެން ދިއުމާ ބެހޭ ގޮތުން] އެއަށް ކޮންމެވެސް ވަރަކަށް މައުލޫމާތު އެނގޭ ކަމަށެވެ.

"ނެތިދިއުމަކީ ގޯސްކަމެއް. އަދި ކަލޭމެން އަމިއްލައަށް އެކްސްޓިންކްޓްވާ ވާހަކަ. މިއީ އަހަރެން 70 މިލިޔަން އަހަރުގެ ތެރޭގައި އަޑު އެހި އެންމެ މޮޔަ ވާހަކަ،" ވަރަށް ހިތްހަަމަނުޖެހިފައި ހުރެ ޑައިނަސޯ ބުނެ އެވެ.

ޑައިނަސޯ ބުނި ގޮތުން، އެސޮރުމެން ދުނިޔޭން ނެތިގެން ދިޔައީ ގިނިހިލައެއް ވެއްޓުުމުގެ ސަބަބުންނެވެ. އެ އިޝާރާތްކުރީ ދުނިޔޭން ޑައިނޯ ނެތި ދިޔަ ގޮތް ކަމަސް ސަައިންސްވެރިން ގަބޫލުކުރާ ގޮތަށެވެ.

"ކަލޭމެންނަށް އޮތީ ކޮން އުޒުރެއް؟" ފިލްމުގައި ޑައިނަސޯ ސުވާލުކުރެެ އެވެ.

ފޮސިލް ފިއުލް ގަތުމަށް ސަބްސިޑީ ދިނުމަށް ގައުމުތަކުން އެެތައް ބިލިޔަން ޑޮލަރެއް ކޮންމެ އަހަރަކު ހަރަދުކުރާ ކަމަށާއި އެއީ އިންސާނުން އެކްސްޓިންޓް ނުވަތަ ނެތިދިއުމާ ވުމާ ދިމާލަށް ކުރާ ދަތުރެއް ކަމަށް ވެސް އޭތި ބުނެ އެވެ. ފޮސިލް ފިއުލް ގަންނަން ސަބްސިޑީ ދޭން ހަރަދުކުރުމުގެ ބަދަލުގައި އެ ފައިސާ ހަރަދުކުރެވޭނެ އެހެން ކަންތައްތަކާ މެދު ވިސްނަން ފިލްމުގައި ޑަައިނަސޯ އެދެ އެވެ.

ޑައިނަސޯގެ ވާހަކަ ނިންމައިލަނީ އިންސާނުންނަށް ދޭ ނަސޭހަަތަކުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުން ނެތި ދިއުމުގެ ކުރިން ބަދަލުތައް ގެނައުމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަަބަބުން އިގުތިސާދުތަކަށް ލިބުނު ގެއްލުމުން އަރައިގަންނަ އިރު އެކަމާ ވިސްނައި، ބަދަލުތައް ގެންނަން ވެސް ނަސޭހަތްތެރިވެ އެވެ.

ތަގުރީރު ނިންމައިލުމުން އެންމެ ތެދުވެ ތަރުހީބުގެ އަތްތިލަބަޑި ޖަހަން ފަށަ އެވެ. ފިލްމު ނިމެނީ އެ ހިސާބުންނެވެ.