Roadha Mihaaru
އަލިމަނިކުގެ ދިފާއަކީ ރައީސް ދެއްވި މާފު!

އަލިމަނިކުގެ ދިފާއަކީ ރައީސް ދެއްވި މާފު!

28 އޮކްޓޯބަރ 2021

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަބްދުﷲ އަލިމަނިކަށް ކުރާ ދައުވާގެ ދިފާއުގައި، އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ މާފު ލިިބި މިނިވަންވި މީހެއް ކަމަށް ބުނެ މިއަދު ކޯޓުގައި ވާހަކަ ދައްކައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަބްދުﷲ އަލިމަނިކަށް ކުރާ ދައުވާގެ ދިފާއުގައި، އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ މާފު ލިިބި މިނިވަންވި މީހެއް ކަމަށް ބުނެ މިއަދު ކޯޓުގައި ވާހަކަ ދައްކައިފި އެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި ހއ. މޮޅަދޫ ބަހާރުގޭ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށި، އަލަނާސިގޭ ތަސްލީމް ހައްޔަރުކުރި ނަމަވެސް އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި އޮތީ އެ މައްސަލައަކު ނޫނެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.

އެ މައްސަލަ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމާއި މެދު ގޮތެއް ނިންމުމަށް ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

ތަހުގީގު މަރުހަލާގައި އެ ދެ މީހުންގެ ވަކީލުން ތިއްބަސް މިއަދުގެ އަޑުއެހުމަށް އައި އިރު އެ ދެ މީހުންގެ ވެސް ވަކީލުންނެއް ނެތެވެ.

ދައުލަތުން ބުނީ އެ ދެ މީހުން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލާނެ ކަމަށް ބަލެވޭ ކަމަށެވެ. އަދި އެ މީހުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މި ސަބަބުތަކުގެ އިތުރުން މައްސަލަ އަކީ ޖިނާއި ބޮޑު މައްސަލައަކަށްވާތީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދުނެވެ.

އަލިމަނިކު ފާހަގަކުރީ އޭނާ ހައްޔަރުކޮށްގެން ބަންދުގައި ބަހައްޓާތާ މިހާރު ފަސް މަސް ވެފައިވާ ކަމެވެ. އޭނާ އަކީ އަނބިދަރިން ބެލުމުގެ ޒިންމާ ނަގައިގެން ހުރި މީހަކަށްވާއިރު މިހާ ދުވަހު ތަހުގީގަކަށް އޭނާ ބަންދުގައި ބެހެއްޓުމަކީ އާއިލާއަށް ދެވޭ އަނިޔާއެއް ކަމަށް އަލިމަނިކު ބުންޏެވެ.

"މިއީ ވަރަށް ބޮޑު އަނިޔާއެއް އާއިލާއަށް ދެވޭ،" އަލިމަނިކު ބުންޏެވެ.

އޭގެ އިތުރުން، އޭނާގެ ހުރި ކަމަށް ބުނާ ސިއްހީ މައްސަލަތަކުގެ ވާހަކަ ވެސް ދެއްކި އެވެ، އޭނާ އަކީ މައިބަދައިގައި ރިއްސާ މީހެއް ކަމަށާއި ބައެއް ފަހަރު މާ ގިނަ އިރު އިށީނދެގެން އިންނަން ވެސް ދަތިވާ ކަމަށް ބުންޏެވެ. މި ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނީ އޭނާ ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެކަށީގެންވާ ފަރުވާ ދެވޭ ކަމަށެވެ. އެކަމަކު، އަލިމަނިކު ބުނީ ހަފްތާއެއް ފަހުން ޑޮކްޓަރަށް ދައްކަން ބުންޏަސް އަލުން ޑޮކްޓަރަށް ގެންގޮސްދެނީ މަސްތަކެއް ފާއިތުވާ ފަހުން ކަމަށެވެ.

އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ދައުލަތުން ބުންޏަސް އޭނާ އަކީ ދުވަހަކު ވެސް މީހެއްގެ ގައިގައި ޖަހައިގެން ވެސް ހައްޔަރުކޮށްފައިވާ މީހެއް ނޫން ކަމަށް އަލިމަނިކު ބުންޏެވެ. އަދި އާއިލީ މައްސަލައެއް ވެސް ނޯންނާނެ ކަމަށް ބުންޏެވެ.

އޭނާ ފާހަގަކުރީ ހަރުކަށު ފިކުރުގެ މީހުންނާ އެކު އއ. ހިމަންދޫގައި އުފެދުނު މައްސަލައިގައި އޭނާއަށް ކުރި 10 އަހަރުގެ ހުކުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުދެއްވި ކަމަށެވެ. އެކަމުން ވެސް އޭނާގެ ފަރާތުން ނުރައްކަލެއް ނެތް ކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

އަޅުގަނޑު ކުރީގައި ޖަލުގައި ހައްޔަރު ކުރި މައްސަލައިގައި މި ދައުލަތުން އެނގޭތޯ އަޅުގަނޑަށް މާފު ދީފައި، އެއްވެސް ކަހަލަ ސަސްޕެކްޓެއް ނެތީމަ ނޫންތޯ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް މައާފު ދީފައި ނެރޭނީ: އަލިމަނިކު

"އަޅުގަނޑު ކުރީގައި ޖަލުގައި ހައްޔަރު ކުރި މައްސަލައިގައި މި ދައުލަތުން އިނގޭތޯ އަޅުގަނޑަށް މާފު ދީފައި، އެއްވެސް ކަހަލަ ސަސްޕެކްޓެއް ނެތީމަ ނޫންތޯ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް މާފުދީފައި ނެރޭނީ،" އަލިމަނިކު ބުންޏެވެ.

އެހެންވެ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އޭނާ ބަންދު ކުރަން ޖެހޭ އެއްވެސް ސަަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުންޏެވެ. އަލިމަނިކު އެދުނީ ޝަރުތުކޮށްފައި ވިޔަސް އޭނާ ބަންދުން ދޫކޮށްލާށެވެ.

ދައުލަތުން ބުނީ އަލިމަނިކަކީ މީގެ ކުރިން ވެސް ޓެރަރިޒަމްގެ މައްސަލައެއްގައި ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމެވެ. ކުށުގެ ރެކޯޑަށް ބަލާއިރު އޭނާގެ ނުރައްކާ އެނގޭ ކަމަށާއި އަދި އޭނާ އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު މައްސަލައިގެ ބާވަތުން ވެސް ނުރައްކާ އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ތަސްލީމަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ބުނީ މައްސަލަ ކުރިއަށްގެންދަން އެދެނީ ވަކީލަކާ އެކު ކަމަށެވެ. ތަސްލީމު މިގޮތަށް އެދުމުން އަލިމަނިކު ވެސް މިގޮތަށް އެދުނެވެ. ވަކީލަކާ އެކު ކުރިއަށްގެންދަން އެދުނަސް ގޭބަންދަށް ބަދަލުކޮށްދޭން ތަސްލީމު އެދުނެވެ. އޭނާ އަކީ ވެސް އާއިލާއެއް ބަލަހައްޓާ މީހެއް ކަމަށް ތަސްލީމް ބުންޏެވެ.

ދައުލަތުގެ އެދުމުގެ މަތިން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ އެ މީހުންނަށް ވަކީލުން ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ މުއްދަތު އެ ދެ މީހުންނަށް ދީ ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު ގޮތެއް ނުނިންމަވައި ވަކީލަކު ހަމަޖައްސަން ދިން ފަސް ދުވަހުގެ މުއްދަތު ނިމެންދެން އެ ދެ މީހުން ވެސް ފަސް ދުވަހަށް ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އިސް ދައުރެއް އަދާ ކުރި މީހެކެވެ. އަދި އަލިމަނިކަކީ ހަމަލާ ދިން އަދުހަމް ފިލުވަން މަސައްކަތް ކުރި މީހެއް ކަމަށް ބުނެފައިވެ އެވެ. އެކަމަކު، ސީދާ ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އެ ދެ މީހުންގެ މައްޗަށް ނުކުރެ އެވެ.

އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް "ހަނގުރާމަ ކުރުމުގައި" އެންމެ އިސްކޮށް އުޅުނު އެކަކެވެ. އެ މައްސަލާގައި ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމަށް މެއި 15، 2008 ގައި އޭނާގެ މައްޗަށް ހުކުމް ކުރި އެވެ. ރައީސް މާފު ދެއްވީ މި ހުކުމަށެވެ. އެ ފަހުން ވެސް އޭނާ ހަރުކަށި ފިކުރު ފަތުރާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އެ މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އަލިމަނިކު ޖަލުން ފިލި އެވެ. ގދ. ތިނަދޫގައި އޭނާ ފިލައިގެން އުޅެނިކޮށް 2009 ވަނަ އަހަރު އޭނާ ހައްޔަރުކޮށްގެން ބޯޓެއްގައި ގެންދަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން ވެސް މަސައްކަތް ކުރި އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅެނިކޮށް ތިލަފުށިން އޭނާ ހައްޔަރު ކުރީ އަހަރެއް ފަހުންނެވެ. އެ ދެ މައްސަލާގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ހުކުމެއް ވެސް އޭނާ ތަންފީޒުކުރަން ޖެހުނެވެ.

އޭގެ ކުރިން 2006 ވަނަ އަހަރު ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އަލިމަނިކުގެ މައްޗަށް ދެ އަހަރުގެ ހުކުމެއް ކުރި އެވެ. އަދި 2004 ވަނަ އަހަރު ގަވައިދާ ހިލާފަށް ކައިވެނި ކުރުމުގެ މައްސަލާގައި އޭނާ ހަ މަސް ދުވަހަށް އަރުވާ ވެސް ލި އެވެ.