Roadha Mihaaru
ދައުވާކުރި ހަތަރު މީހުންގެ ބަންދު ދަމަހައްޓައިފި

ނަޝީދަށް ދިން ހަމަލާ: ދައުވާ ކުރި ހަތަރު މީހުންގެ ބަންދު ދަމަހައްޓައިފި

21 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވާ ހަތަރު މީހުންގެ ބަންދު ކްރިމިނަލް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވާ ހަތަރު މީހުންގެ ބަންދު ކްރިމިނަލް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާއިރު، ދައުވާ ކޮށްފައި ވަނީ ހަތަރު މީހަކަށެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ ތެރެއިން އަދުހަމް، މުޖާޒް އަދި ތަހުމީން ވަނީ ޝަރީއަތް ނިމެންދެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ބަންދުކޮށްފަ އެވެ. މިއަދު އޮތީ އެ މީހުންގެ ބަންދު މުރާޖައާ ކުރުމުގެ ބައި ކަމަށް ވާއިރު، އެ މުރާޖައާ ފަހު ވަނީ ބަންދު ދަންމާލައިފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިއްބަސް ކޮންމެ 30 ދުވަހަކުން އެ ބަންދު މުރާޖައާ ކުރަން ޖެހޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފަ އެވެ.

ހައިޝަމް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި 30 ދުވަހުގެ މުއްދަތު ހަމަވާތީ އެވެ. ކޯޓުން ނިންމާފައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.

އެނގިފައިވާ ގޮތުގައި މި ހަފުތާގެ ތެރޭގައި މި ހަތަރު މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެންމެ ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާ އަދުހަމްގެ ބަ އެވެ.

ބޮމުގެ ހަމަލާގެ މައްސަލަ ބަލަން މިހާރު ކްރިމިނަލް ކޯޓުގައި ވަނީ ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފަ އެވެ. އެ ބެންޗުގައި ތިއްބަވަނީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި އެނގިފައި ނުވެ އެވެ.

ދައުލަތުން ބުނާ ގޮތުގައި އަދުހަމަކީ ބޮން ގޮއްވައިލި މީހާ އެވެ. މުޖާޒަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާ އެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ވެ އެވެ. ހައިޝަމަކީ ވެސް ބޮން ހަރު ކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ކަމަށް ބުނާ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ އެވެ.