Roadha Mihaaru
އެފްބީ އަކީ މުޖުތަމައުގެ ހަލާކު: ސްނެޕްޗެޓްގެ ސީއީއޯ

ފޭސްބުކަކީ މުޖުތަމައުގެ ހަލާކު: ސްނެޕްޗެޓްގެ ސީއީއޯ

29 އޮކްޓޯބަރ 2021

ފަހަކަށް އައިސް ފޭސްބުކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ގުޅިގެން އެ ކުންފުނި އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަނިކޮށް ފޭސްބުކަކީ މުޖްތަމައުގެ ހަލާކު ކަމަށް ވިދާޅުވެ ސްޕެންޗެޓްގެ ސީއީއޯ އެވަން ސީގަލް ފާޑު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަހަކަށް އައިސް ފޭސްބުކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ގުޅިގެން އެ ކުންފުނި އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަނިކޮށް ފޭސްބުކަކީ މުޖްތަމައުގެ ހަލާކު ކަމަށް ވިދާޅުވެ ސްޕެންޗެޓްގެ ސީއީއޯ އެވަން ސީގަލް ފާޑު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ސޯޝަލް ޕްލެޓްފޯމްތަކެއްގެ ގޮތުގައި މަގުބޫލު އެތައް އެއްޗެއް މިހާރު އޮތަސް، ފޭސްބުކުން މަސައްކަތް ކުރަނީ އެ ނޫން އެއްޗެއް ނެތް ކަމަށް ދައްކަން ކަމަށެވެ. އެކަމަކު އެއީ އެހެން ޓެކް ކުންފުނިތަކުން ނަމޫނާއަކަށް ބަލާވަރުގެ ކުންފުންޏެއް ނޫން ކަމަށާއި ސްނެޕްޗެޓް ދުވަހަކު ވެސް ފޭސްބުކަށް ވާން މަސައްކަތް ނުކުރާނެ ކަމަށެވެ.

"އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ ގޮތުގައި ކުރިއަށް ދާން. އަހަރެމެން އަމާޒަކީ މުޖުތަމުއަށް ޕޮޒިޓިވް ބަދަލުތަކެއް ގެނެސްދިނުން. ފޭސްބުކަށް ވާކަށް އަހަރެމެން ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން." އެވަން ވިދާޅުވި އެވެ.

"މުޖުތަމައު ހަރާބުކޮށް. ހަލާކޮށްލައި ނުރަނގަޅު އެތައް ކަމެއްގެ ފެށުމަކީ ފޭސްބުކް."

އޭނާ ވިދާލުވި ގޮތުގައި މިހާރު ސޯޝަލް ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކަށް ބަލާ އިރު މުޅި ދުނިޔެ އަށް އެންމެ ބޮޑު ބިރަކަށް ވެފައި އޮތީ އެންމެ ކުންފުންޏެކެވެ.

"މުޖުތަމައު ހަރާބުކޮށް. ހަލާކޮށްލައި ނުރަނގަޅު އެތައް ކަމެއްގެ ފެށުމަކީ ފޭސްބުކް،" އިންސްޓަގްރާމާއި ވަޓްސްއެޕް ފަދަ އެޕްތައް ވެސް ހިންގާ ފޭސްބުކާ ބެހޭ ގޮތުން އެވަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭސްބުކަކީ ނަމޫނާ ދައްކާ ރަނގަޅު ކުންފުންޏެއްގެ ގޮތުގައި ހިންގަން އެއާ ގުޅުނު އެތައް ބަޔަކު މަސައްކަތްކުރި ނަމަވެސް އެތެރޭގައި ހުރި ދޯދިޔާ އެތައް ކަމެއްގެ ސަބަބުން ފޭސްބުކާ މެދު މީހުން ދެކޭ ގޮތް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި އެކަމާ ހުރެ އެހެން ޓެކް ކުންފުނިތަކުގެ ނަމަށް ވެސް ހުތުރު ވަމުންދާ ކަމަށް ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާ އަކީ މިހާރު ބިލިއަނުން މީހުން ބޭނުންކުރާ މުޖުތަމައުގެ ވަރަށް ނުފޫޒު ގަދަ ވަސީލަތެއް. އެކަމަކު ފޭސްބުކްގެ އަމަލުތައް މިހާތަނަށް ހުރި ގޮތުން މީގެ ނުރަނގަޅު އަސަރު އެބަކުރޭ އެހެން ޓެކް ކުންފުނިތަކަށް ވެސް،" އެވަން ވިދާޅުވި އެވެ. "ފޭސްބުކް އެބަޖެހޭ ހަމަ މަގަށް އައިސް މީހުންގެ އިހުތިރާމާއި އިތުބާރު އޮންނަ ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރަން."

ފަހަކަށް އައިސް މާކް ޒަކަބާގްގެ ފޭސްބުކަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑުކިޔުމަކީ އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ ކުދިންނަށް އެ އެޕްގެ ސަބަބުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމަށް އެތެރޭގެ ސާވޭއަކުން ދެއްކި ނަމަވެސް އެކަން ސިއްރު ކޮށްފައި އޮތުމެވެ. އަދި އެކަން ފޭސްބުކުން ސިއްރު ކޮށްފައި ވަނީ ލިބިދާނެ މާލީ ގެއްލުންތަކަކަށްޓަކަ އެވެ.

"ފޭސްބުކްގެ އަމަލުތައް މިހާތަނަށް ހުރި ގޮތުން މީގެ ނުރަނގަޅު އަސަރު އެބަކުރޭ އެހެން ޓެކް ކުންފުނިތަކަށް ވެސް."

އެ ސާވޭގެ ވާހަކަ މިގޮތަށް ތިލަވެފައި ވަނިކޮށް ފޭސްބުކުން ދާދި ފަހުން ވަކިވި ކުންފުނީގެ އިސް މަގާމެއް އަދާކުރި ފްރާންސެސް ހޯގެން ފޭސްބުކާ ބެހޭ ގޮތުން އާންމުކުރި ވާހަކަތަކާ ގުޅިގެން ފޭސްބުކްގެ އަނދިރި ފަރާތް އިތުރަށް ބާޒާރު ވެފައިވެ އެެ. އެގޮތުން ބޮޑަށް މާލީ ފައިދާތަކަށް ވިސްނައިގެން ކުންފުނި ބައްޓަން ކުރުމާއި ހިއުމަން ޓްރެފިކިން އާއި ސިޔާސީ ނުފޫޒު ވެސް ފޭސްބުކަށް ފޯރާފައިވާ އޮތް މިންވަރާ ބެހޭ ގޮތުން ފްރާންސެސް އެތައް ވާހަކައެއް މީޑިއާތަކަށް ކިޔައި ދީފައިވެ އެވެ.

މި ހޫނުގަނޑުގެ ތެރެއިން ސްނެޕްޗެޓްގެ ވެރިޔާ ފޭސްބުކަށް ބަހުގެ ހަމަލާތަކެއް ދެއްވި އިރު، ފޭސްބުކުން ސްނެޕްޗެޓް ގަންނަން 2013 ގައި ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ބޮލާލާޖަހައި ސްނެޕްޗެޓުން ބުނީ އެ މީހުންނަކީ "ފޭސްބުކް ހިނގާ މަގުން ހިނގާ ބައެއް ނޫން" ކަމަށާއި "ކުރިއަށް ދާން އަމިއްލަ ޕްލޭންތަކެއް އެބަހުރި" ކަމަށެވެ.

ސްނެޕްޗެޓަކީ 2011 ގައި ވުޖޫދަށް އައި އެއްޗެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 290 މިލިއަނަށް ވުރެ ގިނަ އެވެ.