Roadha Mihaaru
ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ހަރަމްފުޅު ފުރާލައިފި

ކޮވިޑަށް ފަހު ފުރަތަމަ ފަހަރަށް ހަރަމްފުޅު ފުރާލައިފި

29 އޮކްޓޯބަރ 2021

ކޮވިޑް-19 އިން ރަައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި އެޅި ގިނަ ފިޔަވަޅުތަކަށް ލުއިދިން ފަހުން ފުރަތަމަ ފަހަރަށް މައްކާގައި ހުންނަ އަލްމަސްޖިދުލް ހަރާމްގައި ގިނަ ބަޔަކު ޖަމާއަތުގައި މިއަދު ނަމާދުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އިން ރަައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި އެޅި ގިނަ ފިޔަވަޅުތަކަށް ލުއިދިން ފަހުން ފުރަތަމަ ފަހަރަށް މައްކާގައި ހުންނަ އަލްމަސްޖިދުލް ހަރާމްގައި ގިނަ ބަޔަކު ޖަމާއަތުގައި މިއަދު ނަމާދުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިއަދުގެ ފަތިސް ނަމާދަށް ހަރަމްފުޅު ވަނީ އެއްކޮށް ފުރާލައިފަ އެވެ. މިއީ ކޮވިޑްގެ ފަހުން މި މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ.

މީގެ ހަފުތާއެއް ކުރިން ސައުދީ ސަރުކާރުން ވަނީ މައްކާ އާއި މަދީނާގެ ހަރަމްފުޅުގައި އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ނަމާދުކުރަން ހުއްދަ ދީފަ އެވެ. އަދި އާއްމު ހާލަތުގައި ވެސް އެތަންތަނަށް މީހުން ވަންނަ ވަރަށް ވަނުމުގެ ހުއްދަ ވެސް ދިނެވެ. އެއީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށް ދިން ލުއިތަކެކެވެ.

ވެކްސިން ޖަހާފައިވާ މީހުންނަށް ސައުދީން ދިން ލުއިތަކުގެ ތެރޭގައި އިޖުތިމާއީ ގާއިދުކުރަން ބަހައްޓަން ނުޖެހުމާއި މާސްކް ނާޅައި ގެއިންް ބޭރުގައި އުޅުން ހުއްދަވުން ވެސް ހިމެނެ އެވެ.

ކޮވިޑް ފެތުރެން ފެށުމާ އެކު މިދިޔަ އަހަރު ސައުދީ ސަރުކާރުން ވަނީ މައްކާގައި ހުންނަ އަލްމަސްޖިދުލް ހަރާމް އާއި މަދީނާގައި ހުންނަ އަލްމަސްޖިދުއް ނަބަވީ އަށް އެއް ވަގުތެއްގައި ވަދެވޭ މީހުންގެ އަދަދު މަދުކޮށްފަ އެވެ. އަދި އެ ދެ މިސްކިތުގައި ގައިދުރުކޮށްގެން ނަމާދުކުރާ ގޮތަށް ވެސް ހަމަޖެއްސި އެވެ.