Roadha Mihaaru
ސެމީން ޖާގައެއް ހޯދަން ބަޔާނަށް ފަސޭހައެއްނުވާނެ

ސެމީން ޖާގައެއް ހޯދަން ބަޔާނަށް ފަސޭހައެއްނުވާނެ: ފްލިކް

13 އެޕްރީލް 2021

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ރަށުން ބޭރުގައި ބަޔާން މިއުނިކް ނުކުންނައިރު، ސެމީގެ ޖާގައެއް ހޯދުމަކީ ބަޔާނަށް ފަސޭހަކަމަކަށް ނުވާނެކަމަށް ބަޔާންގެ ކޯޗު ހާންސީ ފްލިކް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ރަށުން ބޭރުގައި ބަޔާން މިއުނިކް ނުކުންނައިރު، ސެމީގެ ޖާގައެއް ހޯދުމަކީ ބަޔާނަށް ފަސޭހަކަމަކަށް ނުވާނެކަމަށް ބަޔާންގެ ކޯޗު ހާންސީ ފްލިކް ބުނެފި އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީން ކާމިޔާބުކުރީ 3-2 އިންނެވެ. އެ މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައި، ގިނަ ފުރުސަތުތަކެއް ބަޔާން އިން ހޯދި ނަމަވެސް، ކުރި ހޯދީ ޕީއެސްޖީންނެވެ.

ބަޔާނަށް ސެމީ ފައިނަލްގެ ޖާގައެއް ލިބެން އޮތީ މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އެންމެ މަދުވެގެން ދެ ލަނޑު ޖަހައިގެނެވެ.

"ސެމީގެ ޖާގައެއް ހޯދުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެ،" މެޗުގެ ކުރިން ބަޔާންގެ ކޯޗު ފްލިކް ބުންޏެވެ. "މީހުން ހީނުކުރާ ކަހަލަ ނަތީޖާއެއް މި މެޗުގައި ނެރެން އަހަރަމެން ބޭނުންވަނީ. އެ ފަދަ ނަތީޖައެއް ނެރެވިއްޖެ ނަމަ އަހަރަމެން ވަރަށް އުފާވާނެ."

ފްލިކް ބުނީ ފުރަތަމަ ލެގުގައި ބަޔާނަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ. އެކަމަކު ފުރަތަމަ ލެގުގައި ހެދުނު ގޯސްތައް މިރޭގެ މެޗުގައި ރަނގަޅުކުރާނެ ކަމަށެވެ.

މިރޭގެ މެޗުގައި ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ އަށް ނުކުޅެވޭނެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ވިންގާ ސެރްގޭ ގެނާބީ ވެސް މިރޭގެ މެޗުގައި ނުފެންނާނެ އެވެ. އެކަމަކު ލިއޮން ގޮރެޓްޒްކާ އާއި ލޫކަސް ހެނާންޑޭޒާއި ޖެރޯމް ބޮއަޓެންގް އަދި ކިންގްސްލީ ކޯމަން ވަނީ މި މެޗަށް ފިޓުވެފަ އެވެ.

މިދިޔަ ސީޒަންގައި ބަޔާން އިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލީ ފައިނަލްގައި ޕީއެސްޖީ ބަލިކޮށްފަ އެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވެފައި އޮތް ނަަމަވެސް، ސެމީގެ ޖާގައެއް އަދި ކަށަވަރުނުވާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ވެސް ކުޅުންތެރިން ފަރުވާ ބަހައްޓައިގެން، ޓީމެއްގެ ގޮތުގައި ކުޅެންޖެހޭނެ ކަމަށެވެ.

"ކޮންމެ ބަޔަކާ ކުޅުނަސް، އެކައްޗެއްގެ ގޮތުގައި ކުޅެންޖެހޭނީ. އުނދަގޫ ދަނޑިވަޅުތަކުގައި ޓީމެއްގެ ގޮތުގައި ކުޅެގެން ކުރި ހޯދަން މަސައްކަތްކުރަންޖެހޭނީ،" ޕޮޗެޓީނޯ ބުންޏެވެ.

އަނިޔާގެ މައްސަލައަކާ ގުޅިގެން މިރޭގެ މެޗުގައި ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޮސް ނުފެންނާނެ އެވެ. އަދި ކޮވިޑް އަށް ޕޮޒިޓިވްވެފައިވާ އިޓަލީގެ ދެ ކުޅުންތެރިން ކަމަށްވާ މާކޯ ވެރާޓީ އާއި އަލަސަންދުރޯ ފްލޮރެންޒީ ވެސް މި މެޗުގައި ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12:00ގަ އެވެ.