Roadha Mihaaru
ސައިބާ ހަމަލާތައް ދިނީ އެމެރިކާ އާއި އިޒްރޭލް: އީރާން

އީރާނަށް ދިން ސައިބާ ހަމަލާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު

31 އޮކްޓޯބަރ 2021

އީރާންގެ އެތެރޭގައި އިންޓަނެޓް މެދުވެރިކޮށް ކުރާ ޕެޓްރޯލް ވިޔަފާރީގެ އޮންލައިން ވިއުގަ އަށް، ސައިބާ ހަމަލާތަކެއް ދިނުމުގެ އަޑީގައި އޮތީ އެމެރިކާ އާއި އިޒްރޭލު ކަމަށް، އީރާނުން އިއްޔެ ބުނެފި އެވެ.

އީރާންގެ އެތެރޭގައި އިންޓަނެޓް މެދުވެރިކޮށް ކުރާ ޕެޓްރޯލް ވިޔަފާރީގެ އޮންލައިން ވިއުގަ އަށް، ސައިބާ ހަމަލާތަކެއް ދިނުމުގެ އަޑީގައި އޮތީ އެމެރިކާ އާއި އިޒްރޭލު ކަމަށް، އީރާނުން އިއްޔެ ބުނެފި އެވެ.

އީރާން ސަރުކާރުގެ ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި، އެ ގައުމުގެ މަދަނީ ދިފާއާ ބެހޭ އިދާރާގެ ވެރިޔާ، ޣުލާމް ރިޒާ ޖަލާލީ ވިދާޅުވީ، މިދިޔަ ހަފުތާގައި އީރާންގެ ޕެޓްރޯލް ވިޔަފާރީގެ އޮންލައިން ވިއުގަ އަށް، ބަޔަކު ހަމަލާއާ ގުޅޭ ގޮތުން މިހާރު ކުރަމުން އަންނަ ޓެކްނިކަލް ތަހުގީގުތައް އަދި ނުނިމޭ ކަމަށެވެ.

"ފޮރެންސިކް ހެކިތަކަށް ބިނާކޮށް، އެކަމާ ބެހޭ ގޮތުން އަދި އެއްޗެއް ނުބުނެވޭނެ. ނަމަވެސް މިހާތަނަށް ކުރެވުނު ތަހުލީލުތަކަށް ބަލާއިރު، އަހަރެން ގަބޫލުކުރަނީ، އެ ހަމަލާތައް ދިނީ އެމެރިކާ އާއި އިޒްރޭލާއި އެ ދެ ގައުމުގެ އޭޖެންޓުން ގުޅިގެން،" ޖަލާލީ ވިދާޅުވި އެވެ.

އީރާނުން ބުނާ ގޮތުގައި، އެ ގައުމުގެ އެކި ދާއިރާތަކަށް އޮންލައިން ވިއުގައިގެ ތެރެއިން ދޭ ސައިބާ ހަމަލާތައް، މިދިޔަ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެކަން ކުރަނީ އެމެރިކާ އާއި އިޒްރޭލުން ކަމަށް އީރާނުން ތުހުމަތުކުރެ އެވެ. ނަމަވެސް އީރާނުގެ މި ތުހުމަތުތަކަށް އެމެރިކާ އާއި އިޒްރޭލުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، އެ ގައުމުތަކުގެ އިންޓަނެޓް ވިއުގައިގެ ތެރެއަށް ވަދެގަތުމަށާއި ވިއުގަ އަށް ހުރަސްއެޅުމަށް އީރާނުން ތަކުރާރުކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އީރާންގެ ޕެޓްރޯލް ވިޔަފާރީގެ އޮންލައިން ވިއުގަ އަށް ދިން ސައިބާ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ، ތެލާ ބެހޭ ވުޒާރާ އަށް ޒިޔާރަތް ކުރައްވައި މަޝްވަރާ ކުރައްވަނީ. --އޭއެފްޕީ

އީރާންގެ ޕެޓްރޯލް ވިޔަފާރީގެ އޮންލައިން ވިއުގަ އަށް ދިން ސައިބާ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ، ތެލާ ބެހޭ ވުޒާރާ އަށް ޒިޔާރަތް ކުރައްވައި މަޝްވަރާ ކުރައްވަނީ. --އޭއެފްޕީ

އީރާންގެ އާންމު ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ޕެޓްރޯލް ވިއްކަނީ، ދައުލަތުގެ ބަޖެޓުން އެ ހަރަދުގެ އެއްބައި ހިއްސާކުރާ ގޮތަށެވެ. އީރާންގެ ރައީސް އިބްރާހީމް ރައީސީ ދާދިފަހުން، ވިދާޅުވި ގޮތުގައި، އެ ގައުމުގެ ޕެޓްރޯލް ވިޔަފާރީގެ ވިއުގައަށް ހުރަސްއަޅައި، ޕެޓްރޯލްގެ ވިޔަފާރިއަށް ބަޔަކު ބުރޫ އެރުވީ، ގައުމުގައި ދާހިލީ ހަމަނުޖެހުމެއް އުފެއްދުމުގެ ބޭނުމުގަ އެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެހަމަލާތައް ދިނީ، 2019 ނޮވެމްބަރުގައި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން، އީރާންގައި ކުރި މުޒާހަރާތަކަށް ދެ އަހަރު ފުރެން ކައިރިވެފައި ވަނިކޮށެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އީރާންގެ ސިފައިން ކުރި މަސައްކަތުގައި ބައެއް މީހުން މަރުވެފައިވެ އެވެ. އެކަމާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާ އެކު، އޭރު އޮތް ސަރުކާރުގެ އިސް ވެރިން އިސްތިއުފާ ދިނުމަށް އެތައް ބަޔަކު ގޮވަމުން ދިޔަ އެވެ.

ޖަލާލީ ވިދާޅުވި ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އީރާންގެ ރެއިލްވޭ ނިޒާމަށް ދިން ސައިބާ ހަމަލާތަކާއި، 2020 ޖުލައި މަހުގެ ތެރޭގައި ޝާހިދު ރަޖާއީ ވިޔަފާރި ބަނދަރުގެ އިންޓަނެޓް ވިއުގައަށް ދިން ސައިބާ ހަމަލާތަކުގެ އަޑީގައި އޮތީ އެމެރިކާ އާއި އިޒްރޭލުކަން، ތަހުގީގުތަކުން ވަނީ ސާބިތުވެފަ އެވެ.

ޖުލައި މަހުގެ ތެރޭގައި، ރޭލްވޭ ނިޒާމަށް ދިން ސައިބާ ހަމަލާތަކުގެ ސަބަބުން، ރޭލު ދަތުރުތައް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ އެވެ. އަދި އެލަސްވުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ގުޅުމަށް އެދި، އިންޓަނެޓްގައި ދައުރުކުރި މެސެޖެއްގައި ދީފައި އޮތީ، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޯން ނަންބަރެވެ.

މިދިޔަ އަންގާރަ ދުވަހު ޕެޓްރޯލް ވިޔަފާރީގެ ވިއުގައަށް ދިން ހަމަލާގެ ސަބަބުން، ޕެޓްރޯލް ވިއްކާ 4300 އަށް ވުރެ ގިނަ ސްޓޭޝަންގެ ހިދުމަތް މެދުކެނޑިގެން ދިޔަ އެވެ.