Roadha Mihaaru
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި

އިބްރަހިމޮވިޗްގެ 400 ވަނަ ލީގް ގޯލާއެކު ރޯމާ ބަލިކޮށްފި

01 ނޮވެމްބަރ 2021

ރޯމް (ނޮވެމްބަރު 1) - އިޓާލިއަން ސެރީއާ ގައި އޭސީ މިލާނަށް ކުޅޭ ޒްލަޓާން އިބްރަހިމޮވިޗްގެ ކެރިއަރުގައި ޖެހި 400 ވަނަ ލީގް ގޯލާއެކު ރޯމާ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޯމް (ނޮވެމްބަރު 1) - އިޓާލިއަން ސެރީއާ ގައި އޭސީ މިލާނަށް ކުޅޭ ޒްލަޓާން އިބްރަހިމޮވިޗްގެ ކެރިއަރުގައި ޖެހި 400 ވަނަ ލީގް ގޯލާއެކު ރޯމާ ބަލިކޮށްފި އެވެ.

ސްވިޑެންގެ އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗްގެ މި ލަނޑަކީ އޭނާ ސެރީއާ ގައި ޖެހި 150 ވަނަ ލަނޑެވެ. ސެރީއާގައި އޭނާ ވަނީ އޭސީ މިލާންގެ އިތުރުން ޔުވެންޓާސް އާއި އިންޓަ މިލާނަށް ކުޅެފަ އެވެ.

ރޯމާގެ ދަނޑުގައި ކުޅުނު މެޗުން އޭސީ މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިލާނުން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން އިބްރަހިމޮވިޗް ޖެހި ތާރީހީ ގޯލުންނެވެ. ދެވަނަ ހާފު ފަށައި، ފަސް މިނިޓުގެ ތެރޭގައި އިބްރަހިމޮވިޗް އިތުރު ލަނޑެއް ޖެހި ނަމަވެސް ފަހުން ވީއޭއާރުން ނިންމީ ބޯޅަ ލިބުނުއިރު އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

އޭސީ މިލާނުގެ ދެވަނަ ލަނޑު 57 ވަނަ މިނިޓުގައި ޖެހީ ފްރޭންކް ކިސިއޭ އެވެ. މި ޕެނަލްޓީއަކީ ރޯމާގެ ކުޅުންތެރިއަކު އިބްރަހިމޮވިޗަށް ކުރި ފައުލަކާ ގުޅިގެން، ވީއޭއާރު ބެލުމަށް ފަހު ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ޖެހިތާ 15 މިނިޓު ފަހުން އޭސީ މިލާނުގެ ތިއޯ ހެނާންޑޭޒް އަށް ދެވަނަ ރީނދުލަކާއެކު ރަތް ކާޑެއް ދެއްކުމުން، މެޗުގެ ބާކީ ބައި އެ ޓީމު ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ.

ރޯމާގެ ހަމައެކަނި ލަނޑު 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖަހައިދިނީ ކުރިން އޭސީ މިލާނަށް ކުޅުނު ސްޓެފާން އަލް ޝަރާވީ އެވެ.

ރޯމާގެ މި ބައްޔަކީ އިޓާލިއަން ސެރީއާ ގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

ޒްލަޓާންގެ ކެރިއަރުގެ އެންމެ ފުރަތަމަ ލީގް ގޯލް ޖެހީ މަލްމޯ އަށް ކުޅުނު ފުރަތަމަ ސީޒަނުގައި، 1999 ގަ އެވެ. ސްވިޑްން ލީގާއި އިޓާލިއަން ސެރީ އާގެ އިތުރުން އޭނާ ވަނީ ނެދަލޭންޑްސްގެ އަޔެކްސް އާއި ސްޕެނިޝް ލަ ލީގާގައި ބާސެލޯނާގެ އިތުރުން ފްރާންސް ލީގުގައި ޕީއެސްޖީ އާއި ޕްރިމިއާ ލީގުގެ މެންޗޗެސްޓާ ޔުނައިޓެޑް އަދި އެމެރިކާގެ އެލްއޭ ގެލެކްސީގައި ވެސް ގޯލު ޖަހައިފަ އެވެ.

މީގެ ތެރެއިން އެންމެ ގިނަ ގޯލު ޖެހީ ޕީއެސްޖީއަށެވެ. އޭނާ ވަނީ ޕީއެސްޖީގައި ލީގުގައި ކުޅުނު 122 މެޗުން 113 ލަނޑު ޖަހައިފަ އެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީން އަލަށް ޕްރޮމޯޓްވި ސެލާނިޓާނާއާ ދެކޮޅަށް ރޭ ކުޅުނު މެޗް ކާމިޔާބު ކުރީ 1-0 އިންނެވެ. މި މެޗުގައި ނަޕޯލީން ޖެހި ހަމައެކަނި ލަނޑު 61 ވަނަ މިނިޓުގައި ޖެހީ ޕިއޮޓްރަ ޒިލިންސްކީ އެވެ.

ލަނޑަށް ފަހު މެޗުގެ 70 ވަނަ މިނިޓުގައި ސެލާނިޓާނާގެ މިޑްފީލްޑަރު ގްރިގޯރިސް ކަސްޓަނޯސް އަށް ރަތް ކާޑު ދެއްކި އިރު، އޭގެ ހަތް މިނިޓު ފަހުން ނަޕޯލީގެ ޑިފެންޑަރު ކަލިދޫ ކުލިބަލީއަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އިއްޔެ ހަވީރު އިންޓަ މިލާން ވަނީ އުދިނޭސީއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. އިންޓަގެ ދެ ލަނޑު ވެސް ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ވާކިން ކޮރިއާ އެވެ. ފިއޮރެންޓީނާއިން 3-0 އިން ސްޕެޒިއާ ބަލިކުރިއިރު މިމެޗުގައި ފިއޮރެންޓީނާގެ ސާބިއާ ފޯވަޑް ޑޫސާން ލަހޯވިކް ވަނީ ހެޓްރިކް ހަދައިފަ އެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ ގަދަ ހަތަރެއްގެ މަގާމުތަކަށް ބަދަލެއް ނާދެ އެވެ. ކުޅުނު 11 މެޗުގެ ތެރެއިން މެޗަކުން ބަލިނުވެ، އެންމެ ކުރީގައި 31 ޕޮއިންޓާ އެކު ނަޕޯލީ އާއި އޭސީ މިލާން އޮތްއިރު، އިންޓަ މިލާން ތިންވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. އަދި ރޯމާ އޮތީ 19 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.