Roadha Mihaaru
ޓޯކިޔޯގެ ރޭލެއްގައި ވަޅި ހަރައި ބަޔަކު ޒަހަމްކޮށްލައިފި

ޓޯކިޔޯގެ ރޭލެއްގައި ވަޅި ހަރައި 17 މީހަކު ޒަހަމްކޮށްލައިފި

01 ނޮވެމްބަރ 2021

ޖޯކަރެއްގެ ގޮތަށް ހެދުން އަޅައިގެން ހުރި މީހަކު، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ރޭލެއްގެ ތެރެއަށް އިއްޔެ ހަވީރު ވަދެ، އެ ރޭލުން ދަތުރުކުރި މީހުންނަށް ވަޅިއަކުން ހަމަލާދީ، 17 މީހަކު ޒަހަމްކޮށްލައިފި އެވެ.

ޖޯކަރެއްގެ ގޮތަށް ހެދުން އަޅައިގެން ހުރި މީހަކު، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ރޭލެއްގެ ތެރެއަށް އިއްޔެ ހަވީރު ވަދެ، އެ ރޭލުން ދަތުރުކުރި މީހުންނަށް ވަޅިއަކުން ހަމަލާދީ، 17 މީހަކު ޒަހަމްކޮށްލައިފި އެވެ.

ޓޯކިޔޯ ފުލުހުން ބުނި ގޮތުގައި ރޭލެއްގެ ތެރޭގައި ވަޅިން ހަމަލާދީ ބަޔަކު މަރާލަން އުޅުމުގެ ތުހުމަތުގައި 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިހާދިސާ ހިނގާފައި މިވަނީ، ކްރިސްޓިއަނުން ފާހަގަކުރާ ހެލޮވީން އީދު ފާހަގަކުރުމަށް، ޓޯކިޔޯގެ މެދުތެރޭ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އުޅުނު ވަގުތެއްގަ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ވަޅި ހިފައިގެން ހުރި މީހާ ރޭލުގެ ތެރެއަށް ވަނީ، ބެޓްމޭން ކާޓޫނުގައި ފެންނަ ޖޯކަރުގެ ގޮތަށް ހެދުން އަޅައިގެންނެވެ. އެއީ ހެލޮވީން ފާހަގަކުރުމަށް ތަފާތު ހެދުންތައް އަޅައިގެން މީހުން އުޅޭ ދުވަހަކަށް ވާތީ، މާ ގިނަ ބަޔަކު އެކަމަކާ އަޅައެއް ނުލަ އެވެ.

މިހާދިސާގައި ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކުގެ ހާލަތު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ. އުމުރުން 70 އަހަރުގެ އެމީހާގެ މެޔަށް ވަޅި ހެރުމުގެ ސަބަބުން، ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯތަކުގައި، ރޭލެއްގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންތަކެއް، ކޮންމެވެސް ކަމަކުން ސަލާމަތް ވާން ދުވާ މަންޒަރު ފެނެ އެވެ. ގިނަ މީހުން ހާސްވެ ކަންބޮޑުވެގެން ރޮމުން ދުވަމުން ދާއިރު، ރޭލުގެ ކުޑަދޮރުތަކުން ފުންމާލައިގެން ސަލާމަތްވި މީހުން، އެ ހިސާބުން ދުރަށް ގެންދިއުމަށް ބައެއް މީހުން އެހީތެރިވަމުން ދެ އެވެ.

މީހުންތައް ރޭލުން ފައިބަން ފެށީ، ވަލީ ހަރަން ފެށުމާއެކު، ރޭލު ހުއްޓުމަށް އެދި ބައެއް މީހުން، ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ރަނގަބީލު އެޅުމުންނެވެ.

ކުއްލި ހާލަތުގައި ރޭލު ހުއްޓުމާއެކު، ވަޅި ހިފައިގެން ހުރި މީހާގެ އަތުގައި އޮތް ލައިޓަރެއް ހުޅުވާލައި، އޭގައި ހުރި ޕެޓްރޯލްތައް ރޭލުގެ ތެރެއަށް އޮއްސައިލުމަށް ފަހު ރޭލުގައި ހުޅު ޖެހި އެވެ. އެއާއެކު، ރޭލުގެ ތެރޭގައި އޮލަ ދުންބޮނޑިއެއް އުފެދި ހުޅުގަނޑު ފަޅައިގެން ދިޔަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި، ރޭލުގެ ބައެއް ގޮނޑިތައް ހުރީ އަނދައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި، އެމީހާ އެކަން ކުރީ ބަޔަކު މަރައިލުމުގެ ބޭނުމުގައި ކަމަށް، އޭނާ ވަނީ ތަހުގީގުގައި އެއްބަސްވެފަ އެވެ. އޭނާ ބުނި ގޮތުގައި ބަޔަކު މަރާލަން ބޭނުންވީ، އެ ހާދިސާއަށް ފަހު އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނެތީ، ދުނިޔޭގައި އުޅެން މިހާރު ބޭނުން ނުވާތީ އެވެ. އަދި އެ ހަމަލާ ދިނީ މަދުވެގެން ދެ މީހަކު މަރައިލުމުގެ ބޭނުމުގައި ކަމަށް ވެސް ތަހުގީގުގައި ބުނެފައިވެ އެވެ.