Roadha Mihaaru
"ފޯޓްނައިޓް" ޗައިނާގައި ހުއްޓާލަނީ

"ފޯޓްނައިޓް" ޗައިނާގައި ހުއްޓާލަން ނިންމައިފި

03 ނޮވެމްބަރ 2021

މަޝްހޫރު ވީޑިއޯ ގޭމް، "ފޯޓްނައިޓް" ގެ ޗައިނާ ވާޝަން "ފޯޓްރެސް ނައިޓް" މި މަހުގެ ތެރޭގައި ޗައިނާގައި ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ވީޑިއޯ ގޭމް، "ފޯޓްނައިޓް" ގެ ޗައިނާ ވާޝަން "ފޯޓްރެސް ނައިޓް" މި މަހުގެ ތެރޭގައި ޗައިނާގައި ހުއްޓާލަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ގޭމްގެ ބެލެނިވެރި ކުންފުނި އެމެރިކާގެ އެޕިކް ގޭމްސް އިން ބުނީ ޗައިނާގެ ޓެންސެންޓް ކުންފުނީގެ ދަށުން 2018 ގައި ބީޓާ ޓެސްޓިންއެއްގެ ގޮތުގައި ލޯންޗްކުރި ގޭމް ހުއްޓައިލާނީ މި މަހުގެ 15 ގައި ކަމަށެވެ. އަދި މި މަހުގެ 1 އިން ފެށިގެން ގޭމަށް އަލަަށް ސައިން-އަޕްނުކުރެވޭ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ.

އެޕިކް ގޭމްސް އިން "ފޯޓްރެސް ނައިޓް" ޗައިނާގައި ނިމުމަކަށް ގެންނަން ނިންމި ސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ "ފޯޓްނައިޓް" ގެ ޗައިނާ ވާޝަނަށް އެ ގައުމުން ލިބުނު ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށާއި ބީޓާ ޓެސްޓިން އަށް ލިބުނު ބައިވެރިވުން އަބަދު ވެސް ފާހަގަ ކުރާނެ ކަމަށް ބުނެފަ އެވެ.

"ފޯޓްނައިޓް" ޗައިނާގައި ހުއްޓުމަކަށް ގެންނަން ނިންމި އިރު، މި ފަހުން އެ ގައުމުން އަންނަނީ ޒުވާނުންނާއި ކުޑަކުދިން ވީޑިއޯ ގޭމްތަކަށް ދެވިހިފައި އިޖުތިމާއީ، ނަފުސާނި އެތައް މައްސަލައް ވެސް ނުކުންނާތީ ގޭމް ކުޅުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންނެވެ. އެގޮތުން އަލަށް ހަމަޖެއްސި އުސޫލެއްގެ ދަށުން 18 އަހަރުން ދަށުގެ ކުދިންނަށް ވީޑިއޯ ގޭމް ކުޅެވޭނެ ދުވަސްތައް ކަނޑަޅައި އެކަމަށް ހޭދަކުރާ ވަގުތު ވެސް ގަޑިއިރަކަށް ލިމިޓް ކޮށްފައިވެ އެވެ.

މި ބަދަލާއި އަދި ޓެކް ކުންފުނިތަކަށް އެ ގައުމުގައި އޮތް ހަރުކަށި އުސޫލުތަކާ ގުޅިގެން ގުޅިގެން ގޭމް އުފައްދާ ބިދޭސީ ކުންފުނިތަކާއި އެހެނިހެން ޓެކް ކުންފުނިތައް މި ފަހުން އަންނަނީ ޗައިނާ މާކެޓާ ވަރަށް ބޮޑަށް ފެއަށް ޖެހެމުންނެވެ.