Roadha Mihaaru
ޓެންސެންޓްގެ ގޭމްތައް އަލުން ވާވޭ އެޕް ގެލެރީ އަށް

ޓެންސެންޓްގެ ގޭމްތައް އަލުން ވާވޭ އެޕް ގެލެރީ އަށް

03 ޖެނުއަރީ 2021

ފައިދާ އިން ބައިއަޅާނެ ގޮތަކާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި، ޗައިނާގެ ޓެންސެންޓްގެ އޮންލައިން ގޭމްތައް ވާވޭގެ އެޕް ސްޓޯރުން ނެގުމަށް ފަހު އެކަން ހުކުރު ދުވަހު އިޔާދަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފައިދާ އިން ބައިއަޅާނެ ގޮތަކާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި، ޗައިނާގެ ޓެންސެންޓްގެ އޮންލައިން ގޭމްތައް ވާވޭގެ އެޕް ސްޓޯރުން ނެގުމަށް ފަހު އެކަން ހުކުރު ދުވަހު އިޔާދަކޮށްފި އެވެ.

ދެ ކުންފުނީގެ މެދުގައި ކުނި ޖެހުނީ ވާވޭ އެޕް ސްޓޯރުން ޑައުންލޯޑްކުރާ ޓެންސެޓް ގޭމްތަކުގެ އަގު ދެ ބައިކުޅަ އެއްބައި ކުޑަކުރުމާއި ފައިދާ އިން ވާވޭ އަށް ބައިއަޅާނެ މިންވަރަކާ މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ. މި މައްސަލާގައި ދެ ކުންފުންޏަށް ކުރިން އެއް ގަލަކަށް ނޭރި މޫނު އަނބުރާލަން ޖެހުނަސް، އިތުރު މަޝްވަރާތަކެއްގެ ތެރެއިން މައްސަލަ މިހާރު އޮތީ ކޮޅެއްގައި ޖައްސައިފަ އެވެ.

ޓެންސެންޓަކީ އެންމެ މަގުބޫލު އޮންލައިން ގޭމްތައް ލިބެން ހުރި އެއް ތަނެވެ. އަނެއްކޮޅުން ވާވޭ އަކީ ފޯނުގެ މާކެޓަށް ބަލާ އިރު ޗައިނާގެ ފޯނުގެ ވިޔަފާރީގެ 41.4 ޕަސަންޓް ހިއްސާކުރާ ކުންފުންޏެކެވެ. ބައިނަލްއަގްވާމީ މާކެޓަށް ބަލާ އިރު، އެ ނިސްބަތް 14.9 ޕަސަންޓަށް އަރަ އެވެ.

އެހެންވެ މި ނަމްބަރުތަކަށް ބަލާއިރު ވާވޭ އެޕް ސްޓޯރުން ޓެންސެންޓްގެ ގޭމްތައް ލިބޭނެ ގޮތް ހަދާފައި އޮތުމަކީ އެ ކުންފުންޏަށް ވެސް ދޫކޮށްލައިގެން ތިބެވެން ނެތް ކަމެކެވެ.

މީޑިއާތަކުން ބުނީ ވާވޭ އާއި ޓެންސެންޓް މިހާރު ވެސް ތިބީ ކުރިން ޖެހުނު މައްސަލާގައި އިތުރަށް ކުރިއަށް ދެވޭނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާގެ ތެރޭގައި ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ޓެންސެންޓަކީ އޮންލައިން ގޭމް އުފައްދާ ކުންފުނިތަކުގެ ތެރެއިން ވާވޭއާ މައްސަލަ ޖެހުނު ފުރަތަމަ ކުންފުނި ނޫން ކަމެވެ. ވާވޭގެ އިން ކުރިމަތިކުރާ ރެވެނިއު ޑިމާންޑާ ހެދި މިދިޔަ އަހަރު ޝަންހާއީގެ މިހޯޔޯ އިން އެތަނުގެ ހިޓް ގޭމް "ގެންޝިން އިމްޕެކްޓް" އެޕް ގެލެރީ އަށް ނުލާން ނިންމި އެވެ.