Roadha Mihaaru
މުވައްޒަފުންނަށް ޕީއެސް5 އާއި އައިފޯނާއި އައިޕެޑް

ވިޔަފާރި ރަނގަޅުކަމުން މުވައްޒަފުންނަށް ޕީއެސް5 އާއި އައިފޯނާއި އައިޕެޑް

09 ފެބުރުއަރީ 2021

ވީޑިއޯ ގޭމް އުފައްދާ ޗައިނާގެ ކުންފުންޏަކުން އެތަނުގެ މިދިޔަ އަހަރުގެ ވިޔަފާރި ވަރަށް ރަނގަޅުވުމުން އެ ކާމިޔާބީ ފާހަގަކޮށް މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އަގުބޮޑު ހަދިޔާތަކެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވީޑިއޯ ގޭމް އުފައްދާ ޗައިނާގެ ކުންފުންޏަކުން އެތަނުގެ މިދިޔަ އަހަރުގެ ވިޔަފާރި ވަރަށް ރަނގަޅުވުމުން އެ ކާމިޔާބީ ފާހަގަކޮށް މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އަގުބޮޑު ހަދިޔާތަކެއް ދީފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ވެރިރަށް ޝަންހާއީގައި ހެޑްކުއާޓަރު ހުންނަ މިހޯޔޯ އިން މިދިޔަ އަހަރު އެތަނުގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެ، ބޮޑު އާމްދަނީއެއް ލިބިފައިވާތީ މުވައްޒަފުންނަށް ހަދިޔާގެ ގޮތުގައި ޕްލޭސްޓޭޝަން 5 އާއި އައިފޯނާއި އައިޕެޑްގެ އިތުރުން ގްރެފިކް ކާޑް (ޖީޕީޔޫ) އާއި ނިންޓެންޑޯ ސްވިޗް ކޮންސޯލްތައް ދީފައިވެ އެވެ.

ދެހާސް ބާރައިގައި ވުޖޫދަށް އައި މިހޯޔޯ އަކީ މިހާރު 1،500 މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ މިދިޔަ އަހަރު ބޮޑު މަގުބޫލުކަމެއް ހޯދި މަޝްހޫރު ގޭމް "ގެންޝިން އިންޕެކްޓް" ގެނެސްދިން ކުންފުނި ވެސް މެ އެވެ.

މިހޯޔޯ އިން ނެރެފައިވާ ގޭމްތަކުގެ ތެރޭގައި "ޓިއާޒް އޮތް ތެމިޒް" އާއި "ހޮންކާއި އިމްޕެކްޓް ތާޑު" އާއި "ގަންޒް ގާލްސް" އާއި "ޒޮމްބީގަލް ކަވާއީ" އަދި "ފްލައި2ދަމޫން" ހިމެނެ އެވެ.

މިހޯޔޯ އަކީ އެކުގައި ޔުނިވަސިޓީގައި ކިޔަވަން އުޅުނު ތިން އެކުވެރިޔަކު ގުޅިގެން އުފެއްދި ކުންފުންޏެކެވެ. އޭގެ ބާނީންނަކީ ކާއި ހައޯޔޫ އާއި ލިއު ވީގެ އިތުރުން ލުއޯ ޔުހާއޯ އެވެ.

މީޑިއާތަކުން ބުނީ ކުންފުނީގެ މިދިޔަ އަހަރުގެ ވިޔަފާރި ރަނގަޅުކަމުން އަގު ބޮޑު އިނާމުތަކެއް މުވައްޒަފުންނަށް ދިން އިރު ޕީއެސް 5 ފަދަ ބައެއް އެއްޗެހީގެ ސްޓޮކް ބާޒާރުގައި ވަރަށް ލިމިޓެޑްކޮށް ހުރުމާ ގުޅިގެން އިނާމުތައް މުވައްޒަފުންނަށް ދިނީ ގުރުއަތު އުސޫލުން ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނެރުނު ޕީއެސް 5 ގެ ސަޕްލައިދަށްކަމުން އެ ކޮންސޯލް ބޭނުންވާ އެންމެންނަށް އަދިވެސް ނުލިބޭކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ.