Roadha Mihaaru
ސީމެގް އެޖެންޑާގައި ހިމަނައި ސަސްޕެންޑް ކުރަން އިންޒާރު

ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމަނައިފި، އިސްލާހު ނުވެއްޖެ ނަމަ ސަސްޕެންޑް ކުރަން އިންޒާރު ދީފި

23 ސެޕްޓެމްބަރ 2016

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު މިއަދު ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު މިއަދު ދީފި އެވެ.

އެެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދާ އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި މިއަދު ބޭއްވި ސީމެގުގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި އެ ގްރޫޕުގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަންތައް އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

"... [ކުރިން] ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހު ނުކޮށްފި ނަމަ، މާޗު 2017 ގައި ބާއްވާ މި ގުރޫޕުގެ ބައްދަލުވުމުގައި، ރާއްޖެއާ މެދު އެޅޭނެ ފިޔަވަޅުތަކާ މެދު ވިސްނެވުމަށް މިނިސްޓަރުން އެއްބަސްވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުން ވެސް ހިމެނެ އެވެ،" ސައިޕްރަސް އިން ރިޔާސަތު ބެލެހެއްޓި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ބޭއްވި ސީމެގުގެ ބައްދަލުވުމަށް ފަހު، ހަ ކަމެއް އިސްލާހު ކުރަން ސީމެގުން ރާއްޖެ އަށް އެންގި އެވެ. އޭގެ ތެރޭގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް، ވަކި މަގުސަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުމާއި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުމާއި ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމާއި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދޭން ވެސް ސަރުކާރަށް އެންގި އެވެ.

އެއިން އެއްވެސް ކަމެއް އިސްލާހުކޮށްފައި ނުވާ ކަމަށް ބުނެ، ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން މިއަދުގެ ބައްދަލުވުމުން ނިންމަން ކޮމަންވެލްތާ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ ކޮމަންވެލްތު ހިއުމަން ރައިޓްސް އިނީޝިއޭޓިވް (ސީއެޗްއާރުއައި)ން ހުށަހެޅި އެވެ. އިދިކޮޅު ފަރާތްތަކުން ވެސް މަސައްކަތް ކުރީ މިއަދުގެ ބައްދަލުވުމުގައި ރާއްޖެއާ ދެކޮޅަށް އެފަދަ ހަރުކަށި ފިޔަވަޅެއް އެޅޭތޯ އެވެ.

ސީމެގުން މިއަދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން އދ. މެދުވެރިވެގެން ކުރިއަށް ގެންދަން މަސައްކަތް ކުރާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް، މިނިވަން، އިންސާފުވެރި އިންތިހާބެއް 2018 ގައި ބާއްވަން އެއީ ކޮންމެހެން މުހިއްމު ކަމެއްކަން ސީމެގުން ފާހަގަކުރި އެވެ. އެހެންވެ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކޮށް، މަޝްވަރާތަކަށް ފަހި މާހައުލެއް ގާއިމްކޮށްދޭން ސީމެގުން އެދުނެވެ.

"އެއްވެސް ޝަރުތެއް ނެތި މަޝްވާރާތަކުގައި ފުރިހަމަ އަށް ބައިވެރިވުމަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ވާޖިބެކެވެ،" ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައިވެ އެވެ.

ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި އަލިމަގެއް ފެނިފައެއް ނުވެ އެވެ.

އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާން ވެސް ހިމެނޭ ގޮތަށް ކޮމަންވެލްތުގެ ނުވަ ގައުމެއްގެ ފޮރިން މިނިސްޓަރުން ތިއްބަވާ ސީމެގުން ވަނީ ރާއްޖޭގެ ކަންކަން ހައްލުކުރަން ކޮމަންވެލްތުން އެހީވެދޭނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދީފަ އެވެ. އެކަމަކު، ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ދިވެހިންނަށްކަން އެ ގްރޫޕުން ފާހަގަކުރި އެވެ.

ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނި މިއީ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޖެންޑާ އަށް ރާއްޖެ ލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނާއި މިދިޔަ ރިޔާސީ އިންތިހާބު ދިގުލައިގެން ގޮސް ރިޔާސީ ދައުރު ހަމަވިއިރު ވެސް ރައީސަކު އިންތިހާބު ނުކުރެވުމުންނެވެ.

ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެ ގްރޫޕުގެ ބައްދަލުވުންތަކުގައި ރާއްޖެ އަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ކޮމަންވެލްތުން ވަނީ ރާއްޖެ އަށް ހާއްސަ މަންދޫބެއް ކަނޑައަޅާފަ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަަމައަކަށް އެޅުވުމުގެ ޒިންމާ ހަވާލުކޮށްފައިވާ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ ވަނީ ދެ ފަހަރަކު ރާއްޖެ ވަޑައިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ.