Roadha Mihaaru
ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވައިފި

ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވައި ހިދުމަތްތައް އަވަސްކޮށްދީފި

04 ނޮވެމްބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކޮށް ހުޅަނގު ސަރަހައްދު މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކޮށް ހުޅަނގު ސަރަހައްދު މިއަދު ހުޅުވައިފި އެވެ.

މި އޭޕްރަން ހުޅުވުމުގެ ގޮތުން އެމްއޭސީއެލުން ވަނީ އިންޑިއާއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަކަށް ފެނުގެ ސެލިއުޓާއެކު މަރުހަބާ ކިޔާފަ އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި އެއާލައިން އޮޕަރޭޓަ ކޮމެޓީގެ ޗެއާމަން މަހުޖޫބު އަބްުދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

އަލަށް ހުޅުވި މި އޭޕްރަންގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ޕާކު ކުރުމަަށް ނުވަ ސްޓޭންޑު ހުންނާނެ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން ސްޓުވާޓް ވިދާޅުވީ އާ އޭޕްރަންއާއެކު އެމްއޭސީއެލްގެ ހިދުމަތްތައް ކުރިއަށްވުރެ އަވަސްވެފައި ފަސިންޖަރުންނަށް ވެސް ދަތުރުފަތުރު ކުރުމުގައި ފަސޭހަވާނެ ކަމަށެވެ. އަދި މި އޭޕްރަން ޑޮމެސްޓިކް އެއާޕޯޓު ކުރިމަތީގައި އޮތުމުން ޑޮމެސްޓިކް ދަތުރުތައް ކުރާ މީހުންގެ ވަގުތު ސަލާމަތްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑޮމެސްޓިކް ފްލައިޓުތަކުގެ އަންނަ ފަސިންޖަރުން ކުރިން މި ޖެހެނީ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީ އޮންނަ އޭޕްރަންއަށް މަޑު ކުރުމަށްފަހު ބަހުގައި ޓާމިނަލަށް އަންނަން. ލަގޭޖް ލިބެން ވެސް ވަގުތު ނަގާ. އެކަމަކު މި ހުޅުވި އޭޕްރަންއާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިނގާފައި އެރައިވަލްއަށް ވަދެވޭއިރު އެހާ އަވަހަށް ލަގޭޖުވެސް ލިބޭނެ،" ގޯޑަން ވިދާޅުވި އެވެ.

ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެލެއްވި އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަން އަދި އެއާލައިން އޮޕަރޭޓަ ކޮމެޓީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ނިޝާން އަލީ/މިހާރު

ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެލެއްވި އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަން އަދި އެއާލައިން އޮޕަރޭޓަ ކޮމެޓީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ނިޝާން އަލީ/މިހާރު

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މި ދުވަސްވަރާ ދިމާކޮށް ހުޅަނގު އޭޕްރަން ހުޅުވުމަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުޔެއް ކަމަށެވެ. އަދި އެއާލައިންތަކަށް ވެސް މީގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ރަނގަޅު ވަގުތަކާ ދިމާކޮށް މި އޭޕްރަން މިހުޅުވީ. މި ސީޒަނަކީ ވަރަށް ބިޒީ ސީޒަނެއް. މި އޭޕްރަންގެ ސަބަބުން ޑޮމެސްޓިކަށް އަންނަ މީހުންނަށް އިންޓަނޭޝަނަލް ބައިގައި ބާރު ބޮޑުވިނަމަވެސް އަވަހަށް ހިދުމަތްތައް ލިބޭނެ،" މިހާދު ވިދާޅުވި އެވެ. "އާ އޭޕްރަން ހުޅުވުމަކީ މޯލްޑިވިއަންގެ އޮޕަރޭޝަނަށް ވެސް ލުޔެއް ލިބޭނެ ކަމެއް."

އާ އޭޕްރަންގައި އެމްއޭސީއެލުން ވަނީ ފްލައިޓުތައް ޕާކު ކޮށްފައި އޮންނާނެ ތަނާއި މީހުން ހިނގާ ސަރަހައްދު ފާހަގަކޮށްފަ އެވެ.