06 ނޮވެމްބަރ 2024
(އާދިއްތަ ދުވަހާ ގުޅޭ)
(އާދިއްތަ ދުވަހާ ގުޅޭ)
ހަޔާތުގައި ކުރިމަތިވި އެންމެ ހިތި ސަފުހާގެ ފަހު ފޮޅުވަތެވެ. ކުރިން އަހަރެން ހިތަށް އަރައެވެ. އަހަންނަކަށް މި ނޫން ދުވަހެއް ނުފެންނާނެއެވެ. ލޯތްބަކީ ކޮންމެކޮންމެ މީހަކަށް ލިބޭ އެއްޗެއް ނޫނެވެ. ބައެއް މީހުންނަށް ހާއްސަ އެއްޗެކެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެކަމަކު ހިތްދަތިކަމުގައި އުމުރު ދުވަހު އުޅޭކަށް އެކަކަށް ވެސް މަޖުބޫރެއް ނޫނެވެ. ހާލަތު ބަދަލުވާނީ ތިމާ އެ ކަމަށް މަސައްކަތް ކުރަން ފެށީމައެވެ.
އަހަރެން އަތިރިމަތީގައި ހުއްޓައި ކޯޗު ގުޅިއެވެ. ފޯނު ހިފައިގެން އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. އޭގެ މާނަ ދަރިފުޅަށް އެނގޭނެކަން އެނގި ހުރެއެވެ.
"ވަރަށް ވިސްނައިފިން،" ކޯޗު ބުންޏެވެ. "ކިޔައިދީ!"
"އަހަރެން ކިޔައިދޭ ވާހަކައަކުން ޒަލަފް އަށް މިހާރު ތި ކޮށްދޭ ކަންތަކަށް ބަދަލެއް އައިސްގެން ނުވާނެ،" އަހަރެން ބުނީމެވެ. "އަހަރެން ދެކެ ރުޅި އައިސްގެން ނުވާނެ. އަހަރުމެންގެ އެކުވެރިކަމަށް ބުރޫއަރައިގެން ވެސް ނުވާނެ."
ކޯޗު ފުން ނޭވައެއް ބޭރުކޮށްލިއެވެ. ވާން ޖެހޭނީ ވެސް އެހެންނެވެ. އާދައިގެ ކަމަކަށް އަހަރެން އެހައި ގިނަ ޝަރުތެއް ކަނޑައެއް ނާޅާނެއެވެ. ކޯޗުގެ ނިޔަތެއް އަހަންނަކަށް ނޭނގެއެވެ. ހަގީގަތް ކިޔައިދޭ ތަނާ ކޮންމެ ފަދަ ގޮތަކަށް ވެސް އޭނަ ރައްދު ދީފާނެއެވެ.
"ތި ޖެހުނީ ދެވަނަ ވިސްނުމަކަށް ދާން،" ކޯޗު ބުންޏެވެ. "ފަހުން ގުޅާނަން."
އެ ގޮތް އަހަންނަށް ވަރަށް ކަމުދިޔައެވެ. ސީރިއަސްކޮށް ވިސްނާ މީހުން ވަގުތަކުން ޖަވާބެއް ނުދޭނެއެވެ. އަހަރެން އެނބުރި ދަރިފުޅު ގާތަށް އައި އިރު ދަރިފުޅު ހުރީ ލާނެތް ފާޑަކަށް އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ކިހިނެއްވީ؟" އަހަރެން އެހީމެވެ.
"ނަތިންގް!" ދަރިފުޅު ބުންޏެވެ. "ދަރިއަކަށް މަންމަ ނުކިޔައި ދޭނެ ކަހަލަ ވާހަކަތަކެއް އަހަންނަށް މިއަދު ކިޔައިދިނީ. ދެން ފޯނު ހިފައިގެން ދުރަށް ދިޔައީމަ ހަމަ ޝޮކްގަ މިހިރީ. އަހަންނަށް ހައިޑް ކުރަން ބޭނުންވާނީ ހާދަހާ ސީކްރެޓް ކޯލްއެކޭ ދޯ؟ އެއީ ކޮން ކުއްޖެއް؟"
އަހަރެން ހިތަށް އެރިއެވެ. ދެން ހައިފާ އަށް ކަންކަން ސިއްރު ކުރާނެ ކަމެއް ނެތެވެ.
"ކީކޭތަ ދަރިފުޅުމެން އެ އަށް ކިޔަނީ؟" ވިސްނައިލަމުން އަހަރެން ބުނީމެވެ. "ކްރަޝް؟ މަންމަގެ ކްރަޝްއެއް އެއީ. މަންމަގެ މޫދުކުލާހުގެ ކޯޗު. ބައްޕަ އަށް އޭނައޭ މިހާރު އެހީވަނީ. ވަރަށް ވަރަށް ނައިސް މީހެއް."
އަހަރެން ވަރަށް ދިގުކޮށް އެ ވާހަކަ ކިޔައިދިނީމެވެ. ވަރަށް ޝައުގުވެރިކަމާ އެކުގައި ދަރިފުޅު އަޑުއެހިއެވެ. "ސޯ ރޮމޭންޓިކް،" ދަރިފުޅު ބުންޏެވެ. "އެ ކަހަލަ މީހަކާ މަންމަ އަށް މެރީކުރެވުނު ނަމަ ކިހާ ރަނގަޅުވީސް. އެ ގައީ އަށް އަހަރެން އިންޓްރޮޑިއުސް ކޮށްދީބަލަ!"
"ބަލާނަން." އަހަރެން ބުނީމެވެ.
އަހަރެން ގެއަށް އައީ ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށެވެ. ޒަލަފް ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ގޭގެ ހަތަރު ފާރުން ބޭރަށް އަހަންނަށް ނުކުމެވުނީތީ ހެއްޔެވެ؟ އެކަމަކު އެއްޗެއް ނުބުނެއެވެ. ޝަކުވާއެއް ވެސް ނުކުރެއެވެ. އެއީ ޒަލަފާ ވަރަށް ނުގުޅޭ ކަމެކެވެ. މެންދުރަށް ކެއްކި އެއްޗެހި ހުއްޓަސް، އެހެން އެއްޗެއް ބޭނުންވެގެން ޒަލަފް ނުބުނާތީ ވެސް އަހަރެން ހައިރާންވިއެވެ. ވަރަށް ގިނަ ސުވާލު އުފެދުނެވެ.
"ކަމަކާ ހިތްހަމަނުޖެހިފަތަ؟" އަހަރެން އެހީމެވެ.
"ނޫން!" ޒަލަފް ބުންޏެވެ.
"ވަކި އެއްޗެއް ކާން ބޭނުން؟" އަހަރެން އެ ސުވާލު ވެސް ކުރީމެވެ.
"ނޫން!" ޒަލަފް ދިނީ ކުރިން ވެސް ދިން ޖަވާބެވެ.
ކާން ހެދި އިރު، ޒަލަފްގެ ތުންފަތަށް ވެރިވެފައިވާ ކެހިވެރި ހިނިތުންވުން އަހަރެންގެ ލޮލަށް އުނދަގޫ ކުރިއެވެ. ކިތަންމެ ފަހަރަކު ޒަލަފާ ދިމާއަށް ބެލުނެވެ. ޒަލަފް އުޅެނީ އަހަންނަށް ނުބަލަން ވެގެންނެވެ. އޭނަ ބެލީ ގަޑިއަށެވެ. އެ ކަމާ ވިސްނުމުގެ ބޭނުމެއް ނެތެވެ. އަހަންނަށް ސަަބަބު ނޭނގޭނެތީއެވެ. އެކަމަކު، ނުވިސްނައެއް އަހަންނަކަށް ނުހުރެވެއެވެ. އަށްގަޑި ބައިވާން ދެތިން މިނެޓު ހުއްޓައި، ދޮރުގެ ރަނގަބީލު ޖެހި އަޑުއިވުނެވެ. ރަނގަބީލު ޖަހައިފިއްޔާ ޒަލަފް ދޮރުހުޅުވަން ދާނެއެވެ. ނޫނީ އަހަރެން ގާތުގައި ދޮރު ހުޅުވަން ބުނާނެއެވެ. އެއިން އެއް ކަމެއް ވެސް ނުވިއެވެ. އަހަރެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެން ގޮސް ދޮރު ހުޅުވީމެވެ. ހީވީ މެޔަށް ފެންއެއްޗެއް އޮއްސައިލިހެންނެވެ. ދޮރުމަތީގައި ހުރީ ކޯޗެވެ. ވަރަށް ރީތިވެލައިގެންނެވެ. މީރު ސެންޓު ވަހެން މުޅި ތަނަށް ފެތުރިފައިވިއެވެ.
"އާދޭއާދޭ!" ޒަލަފް ބުނި އަޑުއިވުނެވެ. "ޑިނަރ ރެޑީ!"
ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. އެހެނަސް، ހުރިހައި ސުވާލެއްގެ ޖަވާބު ލިބުނެވެ. ކޯޗު އެތެރެއަށް ވަނެވެ. އެއީ އަހަންނަށް ލިބުނު ރަނގަޅު ދަނޑިވަޅެކެވެ.
"އަޅެ އަހަރެން ކައިރީގަ ނުވެސް ބުނޭ!" ހަމަ އެކަނި އޭނަ އަށް އިވޭ ވަރަށް އަހަރެން ބުނެލީމެވެ. "ހާދަ ގޯހޭ!"
އެ ވަގުތު މައިދައިތަ ކޮޓަރިން ނުކުތެވެ.
"ހަމަ ބަރާބަރު ގަޑި އަށް ތި އައީ." މައިދައިތަ ބުންޏެވެ.
އަހަރެން ހިތަށް އެރިިިިިިިިިިިިިިިިިިިިިިިއެވެ. އެ ކަމަކީ، ކަސްރަތު ކުރަން މައިދައިތަޔާ އެކުގައި ޒަލަފް ދިޔަ ފަހަރު ރޭވި ކަމެކެވެ. ގަސްތުގައި އަހަންނަށް ދިން ލަނޑެކެވެ. މެހުމާނަކަށް ދޭ ކަހަލަ އެއްވެސް އެއްޗެއް އަހަންނެއް ނަހަދަމެވެ. ވަރަށް ލަދުގަތެވެ. ކޯޗު ކުއްލިއަކަށް ފޯނު ނެގިއެވެ. މީހަކާ ވާހަކަ ދައްކަން ފެށިއެވެ.
"އޭ! އަހަރެން ހަމަ ހަނދާން ވެސް ނެތް،" ވާހަކަ ދެއްކި މީހެއް ގާތުގައި ކޯޗު ބުންޏެވެ. "ކޮން ތާކު ތިހިރީ؟ މަޑުކުރޭ! އެބަ އަންނަން،" ފޯނު ބާއްވަމުން ޒަލަފްއާ ދިމާއަށް ކޯޗު އެނބުރުނެވެ. "އެބަ އަންނަން ބޭރަށް ޖެހިލާފަ."
ކޯޗު އަލުން ބޭރަށް ނުކުތެވެ.
"ފައިވް މިނިޓްސް އިނގޭ!" ކޯޗު ބުންޏެވެ.
އެއީ އެ ގޮތަށް ކޯޗު ކަންތައް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ޒަލަފަށް ކަސްރަތު ކޮށްދޭން ގޮސް އުޅެނިކޮށް ވެސް، ޒަލަފް އަހަރެން ލަދުގަންނަވައިލި ފަހަރެއްގައި އަހަރެން ސަލާމަތް ކޮށްދިނީ ކޯޗެވެ. ކޯޗު އަލުން އަންނާނެ ކަމަށް ޒަލަފް އާއި މައިދައިތަ އިންތިޒާރުކުރި އިރު، އަހަރެން މޭޒު ކައިރީ އިށީނދެލައިގެން އިނީމެވެ.
"ހަސްބަންޑް ނުބުނޭތަ؟" އެ ވަގުތު ކޯޗު ފޮނުވި މެސެޖުގައި އޮތެވެ.
"އަޅެ ކޯޗު ކީއްވާނީ ބުނެލަން؟" އަހަރެން މެސެޖެއް ލިޔެލީމެވެ. "އަހަންނަށް ގުޅި ފަހަރު ވެސް ނުބުނޭ!"
"ހަސްބަންޑް އިންވައިޓް ކުރީ،" ޖަވާބުގައި ކޯޗު ލިޔުނެވެ. "ހީ ވެސް ނުކުރާނެއްނު ދިމް އަށް ނޭނގޭނެ ކަމަކަށް. ހާސްނުވޭ! އަހަރެން މި ރޭ ދެން މި ބިޒީވީ. އެކަމަކު އެއްކަލަ ވާހަކަ ދައްކަން ގުޅާނަން. ފްރީވީމަ އަންގާލާ!"
ކޯޗު ހަމަ އެކަނި މޮޅީ ކަސްރަތު ދަސްކޮށްދޭކަށް ނޫނެވެ. އޭނައަކީ ވަރަށް ހަރުދަނާ، ބުއްދިވެރި މީހެކެވެ. ފަހުން ޒަލަފަށް ގުޅިއެވެ. މޮޅު ވާހަކައެއް ދައްކައިގެން ޒަލަފް ހައްދައިލިއެވެ. ކުޑަ ވެސް ޝައްކެއް ވިޔަކަ ނުދެއެވެ. އެ ރެޔަކު ދެން ކޯޗަށް ގުޅާކަށް އަހަންނަކަށް ފުރުސަތެއް ނުލިބުނެވެ.
ނިދަން ވެގެން ދަތް އުނގުޅައިގެން އަހަރެން ފާހާނަ އިން ނުކުތް އިރު ޒަލަފް އިނީ އަހަރެންގެ ފޯނާ ކުޅޭށެވެ. އަހަރެން އަޅައެއް ނުލަމެވެ. ނުހުންނަންވާ އެއްވެސް އެއްޗެއް ފޯނަކު ނުހުންނާނެއެވެ. ކުޑަމިނުން ތި ކުރަނީ ކީއްތޯ ވެސް އަހަރެން ނާހަމެވެ. އަހަންނަށް ހިތުހުރި ގޮތެއް ހަދާ އިރު ފޯނަށް ކަމެއް ކޮށްފާނެތީ ގަންނާނީ ކޮން ބިރެއް ހެއްޔެވެ؟ ބަލާނެ ވަރަކަށް ބަލައި، ކުޅޭނެ ވަރަކަށް ކުޅުމަށް ފަހު އެނދުމައްޗަށް ފޯނު ހޫރައިލިއެވެ. ނަސީބަކުން ތަޅުންގަނޑު މައްޗަކަށް ނުވެއްޓެއެވެ. "ބިޓުންނަށް ފޮނުވާ މެސެޖުތައް ފުހެލާފަ ދޯ ހުންނަނީ؟" ޒަލަފް ބުނެލިއެވެ.
އެ ސުވާލަކަށް އަހަރެން ޖަވާބެއް ނުދެމެވެ.
"ފޮނިއެއްޗެއް ކަވައިގެންފި،" ޒަލަފް ބުންޏެވެ. "ދޭބަލަ ފްރިޖުން ސަޅި އެއްޗެއް ހިފައިގެން އަންނަން."
ޗާބީ ދީފައި ދޫކޮށްލި ބުދެއް ހެން އަހަރެން ގޮސް އައިސްއަލަމާރި ތެރެއަށް ބޯކޮށްޕައިލީމެވެ. ކޮޓަރީގައި އިނދެގެން ކެވޭ ކަހަލަ އެއްވެސް އެއްޗެއް ނެތެވެ. އަހަރެން ޖެހޭނީ އެއްޗެއް ހަދާށެވެ. ކޮޓަރި އަށް އައިސް އެ ވާހަކަ ބުނީމެވެ.
"ކޯޗެއް ހަދައިދޭންވީ؟" އަހަރެން އެހީމެވެ.
ޒަލަފް ވިސްނަން ފެށިއެވެ. ވެފައި ހުރި ފޫހި އެތެރެއަށް ހިންދާލައިގެން އަހަރެން ހުރީމެވެ. އެހެން ހުރި އިރު އަހަންނަށް ކަމެއް ފާހަގަކުރެވުނެވެ. ޒަލަފް ފަލަވާން ފަށައިފިއެވެ. ސިނގު ބަނޑެއް ވެސް ލައިފިއެވެ. އެ ދާ ރޭޓުން ދަންޏާ، އޭނަ އުފުލައި ގެންގުޅުން އަހަންނަށް ނުކުޅަދާނަވާ ދުވަހެއް އަންނާނެއެވެ.
"އައިސްކްރީމް ކާނީ." އެތައް އިރަކު ވިސްނައިފައި ޒަލަފް ބުންޏެވެ.
"ނުހުންނާނެ،" އަހަރެން ބުނީމެވެ. "މިހާރު އެހެރަ އެގާރަ ޖަހަނީ. ދެން ނޭނގެ..."
"މި ތާ ކައިރީގަ އެހެރީނު އޯލްވޭސް އޯޕަން،" ނުބައި ދިމާ އަށް އިޝާރާތް ކޮށްފައި ޒަލަފް ބުންޏެވެ. "އެ ތާ ހުންނާނެ. ޗޮކެލެޓް އައިސްކްރީމް ގެންނާނީ. އަވަސް ކުރޭ! އެ އޮތީ ވޮލެޓް."
އެއްޗެއް ބުނަން އަހަންނަށް ފުރުސަތު ނުދީ އޯޑަރު ދީ ނިންމައިލި އިރު، މި ތާ ކައިރީގައޭ ޒަލަފް ބުނި ތަނަށް ހިނގާފައި ދާން ތިރީހަކަށް މިނެޓު ނަގާނެއެވެ. އެގާރަ ޖަހައިފިއެވެ. އެހައި ދުރަށް އަހަރެން އެކަނި ފޮނުވާކަށް ޒަލަފް އެއްވެސް އެއްޗެއް ހިތަކަށް ނޭރިއެވެ. އަހަންނަށް އިހުސާސް ކުރެވުނީ އަހަރެންގެ އަގެއް ނެތް ވަރެވެ. އެކަނިވެރިކަމެވެ. ވަގުތުން ތައްޔާރު ވެލައިގެން ނުކުތީމެވެ. ހިތަށް އެރިއެވެ. ތިރީސް މިނެޓުގެ ދަތުރެކެވެ. ގުޅައިލަން ކޯޗު ކައިރީގައި ބުނަންވީއެވެ. ކިހައި ރަނގަޅު ފުރުސަތެއް ހެއްޔެވެ؟ އޭރު ދިހަ ވަރަކަށް މިނިޓު ހިނގިއްޖެއެވެ. ދަބަސް ބަލައިލި އިރު ފޯނެއް ނެތެވެ. ދެން ހަނދާންވިއެވެ. ފޯނު އޮންނާނީ އެނދުމަތީގައެވެ. އަލުން ފޯނު ބަލާ ދާން އުޅެފައި ވެސް އެހައި ހިތްވަރެއް ނުލިބުނެވެ. ކުޑަކޮށް ކަންބޮޑުވިއެވެ. ފަހަރެއްގައި ވެސް ކޯޗު މެސެޖެއް ފޮނުވައިފާނެތީއެވެ.
"އައްސަލާމް އަލައިކުމް!" ފިރިހެނެއްގެ އަޑުއިވުނެވެ.
ބަލައިލި އިރު، މަގުގެ އެއްފަރާތުގައި ހުއްޓިލައިގެން ކޯޗު ހުއްޓެވެ. ހިތަށް އެރިއެވެ. އެއީ އިއްތިފާގެއް ނޫނެވެ. އެ އަށް ކިޔަން ޖެހޭނީ ތަގުދީރެވެ.
"މި ގަޑީގަ ކޮން ވަޑާމެއް؟" އަހަރެން އެހީމެވެ.
"އަހަރެން ތި ސުވާލު ކޮށްފިއްޔާ؟" ހިނިތުން ވެލާފައި ކޯޗު ބުންޏެވެ. "ރައްޓެއްސަކު އަންނާނަމޭ ބުނެގެން މި މަޑުކުރަނީ. އެ ރައްޓެއްސަކަށް މި ވީ ދިމް. ކޮބާ ހަސްބަންޑް؟"
އަހަރެން ނުގޮތަކަށް ހިނިތުންވެލީމެވެ.
"ކީއްވެތަ ކޮންމެ ފަހަރަކު އޭނަގެ ވާހަކަ ތި އަހަނީ؟" އަހަރެން ބުނީމެވެ. "މާ ރަނގަޅެއްނު އަހާލަން މި ގަޑީގަ، އެކަނިމާއެކަނި ކޮން ތާކަށްހޭ ތި ދަނީ؟ ނޫނީ ހަމަ މިހެން ވެސް އަހާލެވިދާނެ. ހާލު ކިހިނެއް؟" ކޯޗު ފޯނު ނަގާފައި އަހަންނަށް މެސެޖެއް ދައްކައިލިއެވެ. އެއީ އަހަންނަށް ފޮނުވާފައިވާ މެސެޖެކެވެ. "ތިހެން އަހައިގެން މި ހުންނަނީ،" ކޯޗު ބުންޏެވެ. "ފޯނު ބަލާބަލަ!" (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.