13 ނޮވެމްބަރ 2024
(އާދިއްތަ ދުވަހާ ގުޅޭ)
(އާދިއްތަ ދުވަހާ ގުޅޭ)
އެއީ އަހަރެންގެ ފޮށީގައި ހަރުކޮށްފައިވާ ކުޑަކުޑަ ފުރޮޅު، ގާތަކުގެ އަޑިގުޑަންތަކުން ދަތުރުކުރާ އަޑެވެ. ފުރޮޅުތަކަށް އެ ދަތުރު ނިންމޭނެކަމެއް ނޭނގެއެވެ. ދާންވީ މަންޒިލެއް ވެސް ނޭނގެއެވެ. އަހަރެން ފަދައިންނެވެ. ޒަލަފް ނިދުމުން، ވީހައި ވެސް ސިއްރުން ފޮށްޓަށް އެއްޗެހި އަޅައިގެން އަހަރެން ނުކުތް އިރު، ދާނެ ވަކި މަންޒިލެއް ކަނޑައެއް ނާޅަމެވެ. ހަމަ ނުކުތީއެވެ. ކިހައި ދުވަހަކު ކެތްކުރެވިއްޖެ ހެއްޔެވެ؟ ޒަލަފްގެ ގޯނާތަކަށް ކެތްކުރެވެންޏާ އަހަންނަށް ކެތްނުކުރެވޭނީ ކޮން ކަމަކަށް ހެއްޔެވެ؟ ބުނެއެވެ. އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ނުގަންނާށެވެ. ނޫނެކެވެ. އިށީންނާނެ ގަލެއް ނުފެނުނަސް، ބައެއް ފަހަރު އުދުއްސައި ގަންނަންޖެހެއެވެ. އިށީނދެގެން އިންނަ އިރު ފެންނަ ވަރަށް ވުރެ ކުޑަ ތަންކޮޅެއް ދުރުގައި ވެސް ގަލެއް އޮވެދާނެއެވެ. އެ ގާ ފެންނާނީ އުދުއްސައިގަތީމައެވެ. އަހަރެންގެ ހިތް ބިރުން ރޫރޫނާޅަނީއެއް ނޫނެވެ. ހިތް ބުނެއެވެ. ކޮންމެ ވަގުތަކު ޒަލަފަށް ހޭލެވުނަސް އަހަރެން ހޯދަން އޭނަ ތެޅިފޮޅިގަންނާނެއެވެ. ކީއްވެ ހެއްޔެވެ؟ ލޯބިވާތީއެއް ނޫނެވެ. އަހަންނަކީ ޒަލަފްގެ ފައިސާ ދަބަހަށް ވީމައެވެ. އެ ހަނދާންވުމާ އެކު އަހަރެންގެ ދަބަސް ހުޅުވައިލާފައި ކޭޝްކާޑު އޮއްތޯ ކަށަވަރު ކޮށްލީމެވެ. ކާޑު އެބަ އޮތެވެ. އެކައުންޓުގައި ހުރީ ކިހައި ވަރެއް ކަމެއް ނޭނގެއެވެ. އެ ބިރު ވެސް އަހަރެންގެ ފަހަތުން ހިޔަންޏެއްހެން އާދެއެވެ.
ދެން އޮތީ އަހަރެންގެ މުސްތަގުބަލެވެ. ވާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ހިތާ އަހަރެން ވާހަކަ ދެއްކީމެވެ. ބުނީމެއެވެ. އޭ ހިތާއެވެ. ހިތްވަރު ކުރާށެވެ. ބިރު ނުގަންނާށެވެ. ދެން ފަސްއެނބުރި ބެލުމެއް ނެތެވެ. އެ ވަގުތު އަހަރެންގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އެއީ ނަބާހާ ގުޅި ފަސްވަނަ ފަހަރެވެ. ކުރީ ހުރިހައި ފަހަރަކު ވެސް އަހަންނަށް ފޯނު ނުނެގުނީއެވެ. އަޑުއިވޭ ހިސާބުގައި ޒަލަފް އޮތީމައެވެ. ގެއިން ނުކުތުމުގެ ކުރިން ޒަލަފް ހޭލާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ހަލޯ!" އަހަރެން ބުނީމެވެ.
ފަހަތުން ސައިރަންގެ އަޑުއިވުނެވެ. ފުލުސް ކާރެއް ނިކަން ބާރަށް އައިސް، އަހަރެން ފަސްދީ ދިޔައެވެ. "މަގުމަތީގަތަ ތިހިރީ؟" ނަބާހާ އެހިއެވެ.
"އާނ!" އަހަރެން ބުނީމެވެ. "ކިހިނެއްވީ؟ ކީއްވެ ނިދި ނައިސްގެން ތި އުޅެނީ؟"
"ނިދި އަންނާނެތަ؟" ނަބާހާ ބުންޏެވެ. "ކޯޗު ފަކީރަށް ކިހިނެއް ހަދައިގެން ތި އުޅެނީ؟ އޭނަ ބުނީ ރަތްމަހަކާ ދިމާއަށް ނުގޮވާ ވަރަށް އޭނަޔާ ދިމާއަށް އެއްޗިހި ގޮވައިލައިފިޔޯ މި ރޭ. ތެދެއްތަ؟"
ވިދުވަރެއް ފަދައިން އެ ހަނދާން އަހަރެންގެ ކުރިމަތީގައި ފިޔަޖަހައިލިއެވެ. އެއީ ތެދެކެވެ. ޒަލަފާ ދިމާއަށް ގޮވަންޖެހޭ ހުރިހައި އެއްޗެއް އަހަރެެން ގޮވައިލީ ކޯޗާ ދިމާއަށެވެ. އެއީ އަހަރެންގެ ހިތުގައި ތޮއްޖެހިފައި ހުރި ޝަކުވާތަކެވެ. އެތައް ޒަމާނެއް ވަންދެން ބަންދުވެފައި ހުރި އަލިފާނެވެ.
"ކީކޭތަ އަހަންނަށް ކިޔުނީ؟" އަހަރެން އެހީމެވެ.
"ސާބަސް!" ނަބާހާ ބުންޏެވެ. "ކަލޭމެން ހުރިހާ ފިރިހެނުން ވެސް ވާނީ އެއްގޮތޭ! ހުވަފެން ދައްކައިގެން އިނދެފަ ދެން ހަދާނީ.. ކީކޭތަ ބުނީ؟ ކޮންމެވެސް ބޮއްޔަކަށް ހެދި ގޮތެކޯ ހަދާނީ.. އާނ! ފެނުންކައްކާ ބޮލިކަން ނޭނގެ! ކިތަންމެ ލޯބިވިޔަސް، ފައިގަ ދޫލިޔަސް ފުޓުބޯޅައެއްހެން ޖަހާ ވިއްސާލާނެޔޭ.. ދެން ނޭނގެ އަހަންނަށް ހުރިހާ އެއްޗެއް ކިޔައިދޭކަށް ވެސް. އަޅެ އެ ފަކީރުގެ ކުށަކީ ކޮބާ؟ އެހާ ނައިސް، އެހާ ހެޔޮ މީހަކު.."
ނަބާހާ އެ ހިސާބަށް ބުނި އިރު އަހަންނަށް ރޮވިއްޖެއެވެ. އެހެން ނޫނަސް އަހަރެން ހުރީ ބަޑިފަޅައިގެންދާން ކައިރިވެފައެވެ. ވަރުބަލިވެފައެވެ. އެކަނިވެފައެވެ.
"އަޅޭ! ބުނޭ ސޮރީއޭ!" އަހަރެން ބުނީމެވެ.
"ރޮނީތަ؟ ކޮން އަޑެއްތަ އެ އިވެނީ؟" ނަބާހާ ބުންޏެވެ.
"އެއީ ފޮށީގެ ފުރޮޅުން އިވޭ އަޑެއް،" އަހަރެން ބުނީމެވެ. "ފޮށްޓަށް އެތިކޮޅު އަޅާލައިގެން ގެއިން މި ނުކުތީ."
"އޭނ؟" ހައިރާންކަމާ އެކުގައި ނަބާހާ ބުނި އަޑުއިވުނެވެ. "ތަޅައިގަތީތަ؟"
އަހަރެން ޗޮކެއް ކަނޑައިލީމެވެ. އިތުރު އެއްޗެއް ނުބުނަމެވެ.
"ކޮން ތާކަށް ތި ދަނީ؟" ނަބާހާ ބުންޏެވެ. "ކިހާ ހިސާބެއްގަ ތިހިރީ؟ އާދޭ މި ގެއަށް. ދަންތަ ބަލާ؟"
އަނެއްކާ ވެސް އަހަރެން ޗޮކެއްކަނޑައިލީމެވެ.
"ތަޅައިގަތީކީ ނޫން. އޭނަ ނިދީމަ ނުކުތީ،" އަހަރެން ބުނީމެވެ. "ދާނެ ތަނެއް ވެސް ނޭނގޭ! ތި ގެއަކަށް ވެސް ނުދާނަން. ބޭނުމެއް ނޫން އެއްވެސް މީހަކަށް އުނދަގޫ ކުރާކަށް."
"ދެން..." ނަބާހާ ބުންޏެވެ. "ހާދަ ބޯހަރު މަންޖެއެކޭ ދޯ؟ ކޮން ތާކު ތިހިރީ؟ އަހަރެންނަކީ ފްރެންޑެއް ކަމަށް ބަލަންޏާ ތި ހުރި ހިސާބެއް ބުނޭ! ޕްލީޒް!"
ބުނެފިއްޔާ ނަބާހާ އަންނާނެއެވެ. އެކަމަކު ނުބުނެއެއް ވެސް ހިތްހަމައެއް ނުޖެހުނެވެ. ނަބާހާއަކީ އަހަރެންގެ ތިބި މަދު ރައްޓެހިންގެ ތެރެއިން އެކަކެވެ. އެ ކަން ސާބިތުކޮށްދޭން ޖެހެއެވެ. މަގުގެ ދެ ފަރާތަށް ބަލައިލާފައި، އަހަންނަށް އެނގޭ ގޮތަކަށް މަގު ކިޔައިދިނީމެވެ.
"ތި ހުރި ތަނުގަ ހުރޭ!" ނަބާހާ އަމުރުކުރިއެވެ. "ގުޑައި ވެސް ނުލާތި!"
އެއްޗެއް ބުނަން އަހަންނަށް ފުރުސަތެއް ވެސް ނުދީ ނަބާހާ ފޯނު ކަނޑައިލިއެވެ. ދެން އަދި މާ ބޮޑަށް ރޮވުނެވެ. އެއީ އުފަލުގެ ކަރުނައެވެ. ޝުކުރުވެރި ކަމުގެ ކަރުނައެވެ. ނަބާހާ ކަހަލަ ރައްޓެއްސަކު ހުރީމައެވެ. އެންމެ ގާތް މީހާގެ ލޯބި ނުލިބުނު ދަނޑިވަޅު ދުރު ހިލޭ މީހެއްގެ ލޯބި ލިބުނީމައެވެ.
މީހުން ބުނެއެވެ. އެކަނިވެރިވާ ވަގުތު ހިޔަނި ވެސް ތިމާ ދޫކޮށްލާނެއެވެ. އެހެން ނުވީމައެވެ. ހަގީގަތުގައި އަހަންނަކީ އެ ފަދަ ވަގުތެއްގައި، އެ ފަދަ ތަނެއްގައި ހުންނަން ޖެހޭ މީހެއް ނޫނެވެ. އަހަރެން އޮންނަން ޖެހޭނީ އެނދުގައެވެ. ފިރިމީހާގެ އަތްމަތީގައި ބޯ އަޅާލައިގެން ނިދައިފައެވެ. އަހަރެން ކަހަލަ މީހަކަށް ހައްގު ވަނީ އެ މަގާމެއް ނޫން ހެއްޔެވެ؟ އަހަރެން ކުށެއް ނުކުރަމެވެ. މީހަކަށް ދެރައެއް ނުދެމެވެ. އަހަރެންގެ ހަމަ އެކަނި މައްސަލައަކީ ތެދުވެރިކަމެވެ. ފިރިމީހާއަށް އިތުބާރު ކުރުމެވެ. އޭނަގެ އަމުރަށް ކިޔަމަންތެރިވުމެވެ. ފިރިމީހާއަށް ޓަކައި އަހަރެން ނުކުރަނީ ކޮން ކަމެއްހެއްޔެވެ؟ އަހަރެންގެ ނޭވާ ވެސް ހަދިޔާކުރީ ފިރިމީހާއަށެވެ. އެ ވަގުތު ފޯނު ރަނގަބީލުވާން ފެށުމުން ހިޔާލުން އެނބުރި އާދެވުނެވެ. ފޯނަށް ބަލައިލި ވަގުތު އަހަރެންގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ގުޅީ ޒަލަފެވެ. އޭނައަށް ހޭލެވުނީއެވެ. އަހަރެން ނެތްކަން އެނގުނީއެވެ. އެ ފޯނު ނަގާކަށް ބޭނުމެއްނުވިއެވެ. ނުނަގައެއް ވެސް ނުކެރުނެވެ. އަހަރެން ފޯނުނެގީމެވެ.
"ކޮން ތާކު ތި އުޅެނީ؟" ނިންޖާއި ރުޅި އެކުލެވިފައިވާ ރާގެއްގައި ޒަލަފް ބުންޏެވެ. "އާދެބަލަ!"
އަހަރެން އެއްޗެއް ނުބުނަނީސް ޒަލަފް ފޯނު ބޭއްވިއެވެ. ގުޅީ ފިރިމީހާއެވެ. އޭނަ އަމުރެއް ކުރީމައި އަހަރެން ކިޔަމަން ވާން ޖެހޭނެއެވެ. ދާންވީ ހެއްޔެވެ؟ އަނެއްކާ ވެސް ކުރީގައި އުޅުނު ފުން ވަޅުގަނޑަށް ފުންމައިލަންވީ ހެއްޔެވެ؟ އަހަރެން ފިލަން އުޅުނުކަން ޒަލަފަށް އެނގިއްޖެއްޔާ އަހަންނަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އެތައް އިރަކު ވިސްނަން ހުރެފައި، ގެއާ ދިމާއަށް ހިނގައިގަތީމެވެ.
"އޭތްއޭތް!" ފަހަތުން ގޮވައިލި އަޑުއިވުނެވެ.
އަހަރެން ފަހަތް ބަލައިލި އިރު ނަބާހާ އިނެވެ.
"ކޮން ތާކަށް ތި ދަނީ؟" ސައިކަލު ޕާކުކުރަމުން ނަބާހާ ބުންޏެވެ. "މަޑުކުރޭ!"
ނަބާހާ އައިސް އަހަރެންގެ ފޮށި ހިފައިގެން ހިނގައިގަތެވެ. ފަހަތުން އަހަރެން ވެސް ހިނގައިގަތީމެވެ. ނަބާހާ ދިޔައީ އަހަރެންގެ ގެއާ ދުރަށެވެ.
"ކޮން ތާކަށް މި ދަނީ؟" އަހަރެން އެހީމެވެ.
"އެއްވެސް ވާހަކައެއް ނުދައްކާ އަހަންނާ އެކީގަ އާދޭ!" ނަބާހާ ބުންޏެވެ. "މިހާރު މި އޮތީ އަހަންނާ ޖެހިފަ. ކިހާ ވަރަކަށް ބުނިން ދީމާއޭ ތި ކަމުން ސަލާމަތްވާށޭ، ތި ތާކު ނޫޅެވޭނޭ! ޒަލަފް އެހެނޭ! ޒަލަފް މިހެނޭ! ބިޓެއް ނުނަގައޭ! އަނިޔާއެއް ނުކުރެޔޭ! އާނ ޅިޔައަޅާފަ އުލަކަށް ނުޖަހާ! އެ ކަހަލަ ފިރިންނާ އެއްކޮށެއް ނޫޅެވޭނެ. އަތުންފައިން މަސައްކަތެއް ކުރަނީކީ ނޫން! އަނބިމީހާއަށް ރެސްޕެކްޓެއް ކުރަނީކީ ނޫން! އުޅެން މި ޖެހެނީ އަނބިމީހާގެ ތައްޕާހުން."
އަނގަ ހުއްޓައިނުލައި ނަބާހާ އެއްޗިހިކިއެވެ. އެއީ އަހަރެން ދެކެ އޭނަ ލޯބިވާތީ ކިއި އެއްޗެއްސެވެ. ރަނގަޅުވީހީ އަހަރެންގެ މޫނުމަތީގައި އެތިފަހަރެއް ވެސް ޖެހި ނަމައެވެ. ދިރިއުޅުމުގެ ކިހައި ދުވަހެއް އަހަންނަށް ބޭކާރު ކުރެއްވިއްޖެ ހެއްޔެވެ؟
ދެން ތި ވަރަށް އެއްޗެހި ނުކިޔަބަލަ!" އަހަރެން ބުނީމެވެ.
"މަ ވާ ރުޅިމަޑޭ!" ނަބާހާ ބުންޏެވެ. "އެކަމަކު ބުނަން. ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުކުރެވޭނެ ކަހަލަ ކަމެއް ތި ކުރީ! އަހަރެން ނަމަ ގޭގަ ރޯ ވެސް ކޮށްލާފަ ނުކުންނާނީ. އެކަމަކު ފިރިމީހާއަކީ ބަލިމީހެއް.
އެހެންވެ ބުނެވޭނީ ރޯކޮށް ނުލިކަން ނަސީބެކޭ!"
"އޭނައަކަށް ނޭނގެޔޭ އޭނަ ކިހާ ބަލިކަމެއް." އަހަރެން ބުނީމެވެ.
"އެބަ ރަނގަޅުވޭ!" ހިނި އައިސްފައި ނަބާހާ ބުންޏެވެ. "ކޮބާ ކޭޝްކާޑު؟"
އަހަރެން ދަބަހުގައި އަތުން ޖަހައިލީމެވެ.
"ގަދަ!" ނަބާހާ ބުންޏެވެ.
އަހަރެން ގޮވައިގެން ނަބާހާ ދިޔައީ ގެސްޓު ހައުސްއަކަށެވެ. އެހައި ރީތި ތަނެއް ނޫނެވެ. އެހައި ހަޑި ތަނެއް ވެސް ނޫނެވެ. އެކަނިމާއެކަނި އެ ތަނުގައި ހުންނަން އަހަރެން ބިރުގަތެވެ. އެ ބިރު އަހަރެންގެ މޫނުމަތިން ނަބާހާއަށް ފެނުނެވެ.
"މީ އަހަރެންގެ ފްރެންޑެއްގެ ތަނެއް،" ނަބާހާ ބުންޏެވެ. "ގަނޑުވަރެއް ނޫން. އެކަމަކު ވަރަށް ސޭފް ވާނެ. އެހެރީ ސީސީޓީވީ ކެމެރާތައް. ގޭޓް ލޮކްކޮށްފަ ހުންނާނީ. ރޫމްގެ ދޮރުގަ ދެ ލޮކް ހުންނާނެ. މާދަމާ އަހަރެން ހޯދާނަން ވަން ރޫމް ތަނެއް. އެ އެޕާޓްމަންޓުގަ އުޅޭނީ ދެމަފިރިން. ވަރަށް ނައިސްވާނެ. ތަން ވެސް ސަޅިވާނެ. އެއް ރޫމް އެ މީހުން ކުއްޔަށް ދެނީ. މަހަކު އެއިޓް ތައުޒަން. އޯކޭއެއްނު!"
އަހަރެން ކުޑަކޮށް ހިތްހަމަޖެހުނެވެ. އެ ވަގުތު ކޮޓަރީގެ ތަޅުދަނޑި ލިބުނެވެ.
"އަހަރެންގެ އެކައުންޓުގަ ހުރީ ކިހާ ވަރެއް ކަމެއް ނޭނގެ." ނަބާހާ ކަންފަތް ކައިރީގައި އަހަރެން ބުނީމެވެ.
"މާދަމާ އޭޓީއެމްއަކަށް ގޮސް ތި ކަން ވެސް ޖެހޭނެ ބަލަން،" ނަބާހާ ބުންޏެވެ. "މި ތާގެ ރެންޓު ފަހުން ދިނަސް އޯކޭ ވާނެ."
ދެ މީހުން އެކުގައި ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. އަނެއްކާ ޒަލަފް ގުޅިއެވެ. ހަމަ ގުޅާ އިރަށް އަހަންނަށް ފޯނުނެގެއެވެ. ނަބާހާ ފޯނު އަޑުއިވޭ ވަރަށް ކަންފަތް ކައިރިކޮށްލިއެވެ.
"އެތިކޮޅު ހިފައިގެން ރައްކާވީ ދޯ؟" ވަރަށް ރުޅިއައިސްފައި ޒަލަފް ބުންޏެވެ. "ހަމަ މިހާރު އާދޭ! އެހެން ނޫނީ ޕޮލިހަށް ގުޅައިގެން ގަދަކަމުން ގެންނާނީ."
"އޭ ހަލޯ!" ފޯނު ޖަހައިގެންފައި ނަބާހާ ބުންޏެވެ. "ދީމާ ދެނެއް ނާންނާނެ. ގުޑްނައިޓް!"
ނަބާހާ ފޯނުކަނޑައިލިއެވެ. (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.