24 ނޮވެމްބަރ 2024
(ބުދަ ދުވަހާ ގުޅޭ)
(ބުދަ ދުވަހާ ގުޅޭ)
"ކޮން ތާކު ތިހިރީ؟" އާދޭހުގެ ރާގެއްގައި ޒަލަފް އެހިއެވެ.
އަހަރެންގެ ހިތުގެ އެއް ވިންދު ނުޖަހައި ދޫކޮށްލި ކަހަލައެވެ. އެހައި ވެސް ހިތަށް ތަދުވިއެވެ. ލޯތްބަކީ އެ ކަހަލަ އެއްޗެކެވެ. ލޯބިވާ މީހާ ދެކެ ލޯބި ނުވާން ކުރެވޭނެ މާ ބޮޑު ކަމެއް ނޯވެއެވެ.
"މި އަންނަނީ އިނގޭ!" އެހެން ބުނެފައި އަހަރެން ފޯނު ކަނޑައިލީމެވެ.
އަހަރެން ވާހަކަ ކުރުކޮށްލީ ގެއަށް ދާން ބޭނުންވިލެއް ބޮޑުކަމުންނެވެ. ހޭނިފައިވާ ދިރިއުޅުމެއް ދޫކޮށްލާފައި އާ ދިރިއުޅުމެއް ތަޖުރިބާ ކުރުމަކީ ހިތް ނުތަނަވަސްވާ ކަމެކެވެ. ހޭނިފައިވާ ދިރިއުޅުމުން އުފަލެއް ނުލިބުނަސް، ގޮތް ނޭނގޭ ދިރިއުޅުމަކާ ކުރިމަތިލުމަކީ ޖެހިލުންވާ ކަމެކެވެ. ކުރިން ވިސްނި ހުރިހައި އެއްޗެއް ހަނދާން ނައްތާލައިފައި އަހަރެންގެ ހިތް ބުންޏެވެ. ކުރިން ވެސް ކެތްކުރީއެވެ. ދެން ވެސް ކުރެވޭނެއެވެ. އެހެނަސް، ގެއަށް ދިއުމުގެ ކުރިން ކޯޗާ ބައްދަލު ކޮށްލަން ހިތް އެދުނެވެ. ކުރަންޖެހޭ ކަމެއް ނުކުރެވި އޮތީމައެވެ. އަހަރެން ކޮޓަރިން ނުކުތީމެވެ. ކުރަންވީ ކަންތައް ރާވައި، ތަރުތީބުކޮށް ނިންމައިފައެވެ. އެއީ ކޯޗާ ބައްދަލުކޮށްލާފައި، މާފަށްއެދިފައި، އަންނަ ގޮތަށް އައިސް ޓެކުސީއަކަށް އަރައިގެން ގެއަށް ދާށެވެ. އެ ވަގުތު ދަރިފުޅުގެ ފޯނެއް އައެވެ. ފަހުން ހިނގައި ދިޔަ އެއްވެސް ކަމެއް ދަރިފުޅަކަށް ކިޔައެއް ނުދެމެވެ. ކޮންމެހެން ސިއްރު ކުރުމުގެ ނިޔަތަކު ނޫނެވެ. ހަމަޖެހިލައިގެން އިނދެ އެ ކަން ކޮށްލަން ވަގުތެއް ނުލިބުނީއެވެ.
"ކީކޭ ދަރިފުޅާ؟" ފޯނުނަގާފައި އަހަރެން ބުނީމެވެ.
"ބޭރުގަތަ ތި އުޅެނީ؟" ހައިފާ އެހިއެވެ.
"ކިހިނެއްވީ؟" ދަރިފުޅުގެ ސުވާލަށް ޖަވާބުނުދީ އަހަރެން އެހީމެވެ.
"އެބަ އަންނަން އިނގޭ!" ހައިފާ ބުންޏެވެ.
"އެއީ ކީއްކުރަން؟" އަހަންނަށް ބުނެވުނީ އެހެންނެވެ. "ގެއަށް ގޮއްސަ ދަރިފުޅަށް ގުޅާލީމަ އާދޭ! ވަރަށް ދިގު ވާހަކައެއް ކިޔައިދޭން އެބަ އޮތް."
ނަސީބަކުން އިތުރު ސުވާލެއް ނުކޮށް ދަރިފުޅު ފޯނު ބޭއްވިއެވެ. ދެން ވިސްނައިލެވުނު އިރު، ކޯޗު ބުނި ގޮތަށް އަހަންނަކަށް ފިޔަވަޅެއް ނުގުނުނެވެ. އޭނަ ބުނި ތަނެއް ނުވެސް ފެނުނެވެ. ކޯޗަށް ގުޅީމެވެ. އޭނަ ނުކުތީ އަހަރެން ހުއްޓި ހުރި ދިމާ ކުރިމަތީގައި ހުރި ތަނަކުންނެވެ. އޭނަ ލައިގެން ހުރީ އަތްކުރު، ކަޅު ޓީޝާޓެކެވެ. ފިރިހެންވަންތަ ހަށިގަނޑުގެ ހައިބަތު އެނގޭ ކަހަލަ، ގަޔަށް ބާރު ޓީޝާޓެކެވެ. ގަދަ ނޫކުލައިގެ ޖިންސެކެވެ. ކޯޗުގެ ހިނިތުންވުމަށް އެ ފަދައިން ޖަވާބު ދެމުން އަހަރެން ވަނީމެވެ. ދެތިން މޭޒު ހުރި، ކުޑަކުޑަ، ހިތްގައިމު ތަނެކެވެ. ތަން ފަޅު ވަގުތެކެވެ. އެތެރެއަށް ވަނުމާ އެކު މީރު ކޮފީ ވަހާއި ކޯޗުގެ ސެންޓު ވަހުން އަހަރެންގެ ހިއްސުތައް މޯޅިއަކަށް ދެމިލި ކަހަލައެވެ. ވަރަށް މަޑުމަޑު މިޔުޒިކެއް، ސިކުނޑީގެ ނާރުތަކާ ކުޅެން ފެށިއެވެ. ކުރިން އަހަރެން ހުރި ނުތަނަވަސް ދުނިޔެ އިން ހިތްގައިމު ދުނިޔެއަކަށް އަހަރެން ގެނެސް، ގޮނޑީގައި ބޭންދިއެވެ. ނޫނެކެވެ. ހިތްގައިމީ ތަނެއް ނޫނެވެ. އަޑާއި ވަހެއް ވެސް ނޫނެވެ. ކުރިމަތީގައި އިން މީހާއެވެ. ހިތްއެދޭ މީހަކު ގާތުގައި އިނުމުން މުޅި މާހައުލަށް އޭގެ އަސަރު ކުރަނީއެވެ.
"ކޯޗެއް ގެންނާނީ؟" ކޯޗު އެހިއެވެ.
"އަހަންނަކަށް ނޭނގެ މި ތާ ހުންނަނީ ކޯޗެއް ކަމެއް ވެސް،" އަހަރެން ބުނީމެވެ. އަދި މޭޒުމަތީގައި ހުރި ކޮފީތަށްޓަށް އިޝާރާތް ކޮށްލީމެވެ. "ތީގެން ވަރަށް މީރުވަހެއް އެބަ ދުވާ."
އޭގެ ކޮފީއަކަށް ކޯޗު އޯޑަރު ދިނެވެ. އެ ހިސާބުން އަހަރުމެންގެ ވާހަކަ ހުސްވިއެވެ. ދެ މީހުން ވެސް އެއްޗެއް ނުބުނެ ތިބީއެވެ. އިރުކޮޅެއްވީ އިރު، އެ ހަމަހިމޭންކަމުން އަހަރެންގެ ކަންފަތް ބައްވެއްޖެއެވެ.
"ކޮންމެވެސް ވާހަކައެއް ދައްކަބަލަ!" ކޯޗު އެދުނެވެ.
"ކީކޭތަ އަހަރެން ކިޔާނީ؟" އެހެން ބުނެފައި އަހަރެން ހަނދާންވިއެވެ. "އާނ! ސޮރީ! އަހަންނަކަށް އަސްލު ނޭނގޭ އެރޭ އަހަންނަށް ކިޔުނީ ކީކޭ ކަމެއް ވެސް. ވަރަށް ބޯ ހާސްވެފަ އޭރު ހުރީ."
"ތިޔަ ވީ!" ކޯޗު ބުންޏެވެ. "ދިމް ސޮރީ ބުނެފި. އަހަރެން ސޮރީ ގަބޫލު ކޮށްފިން. ދެން ދަނީ!"
ކޯޗު ދާން ތެދުވެފައި އަނެއްކާ އިށީނެވެ. ހީނގަތެވެ.
"ކޮފީ ބޯލައިގެން ދޯ ދާނީ؟" ކޯޗު ބުންޏެވެ.
އެ ވަގުތު ކޮފީތަށި ގެނައެވެ. އަހަންނަކީ އެހައި ކޮފީ މީހެއް ނޫނީމުއެވެ. އެކަމަކު، ޔަގީނުން ވެސް އެ ކޮފީގައި ގޮތެއް ހުއްޓެވެ. ވަސް ތަފާތެވެ. އެތިފޮދެއް ރަހަ ބަލައިލީމެވެ. ރަހަ ވެސް ވަރަށް މީރެވެ. ތަށި ވަރަށް ކުޑައެވެ. ބޮޑު ނަމަ ކިހައި ރަނގަޅުވީސްހޭ ހިތަށްއެރިއެވެ.
"އަހަރެން ބޭނުން ވާހަކައެއް ބުނެލަން،" ކޯޗު ބުންޏެވެ. "އޯކޭތަ؟"
ކޮންމެކޮންމެ ވާހަކައެއް ބުނާކަށް އަހަރެންގެ ހުއްދައެއް ބޭނުމެއް ނުވާނެއެވެ. ފުރަތަމަ ވެސް އަހަރެން ހިތަށް އެރީ އެހެންނެވެ. އަހަރެން ބޯޖަހައިލީމެވެ.
"ނަބާ ބުނި ފެމެލީ އިޝޫއެއް އުޅޭ ވާހަކަ،" ބުނަން ނުބުނަން ކަހަލަ ގޮތަކަށް ކޯޗު ބުންޏެވެ.
"ޑީޓެއިލްސްއެއް ކިޔައެއް ނުދޭ! އަހަރެން ނުވެސް އަހަން. ހުރިހާ ކަމެއް މިހާރު އޯކޭތަ؟"
އަހަރެން ހިތަށް އެރިއެވެ. އޯކޭއެއް ނޫނެވެ. ޒަލަފް ކަހަލަ މީހަކާ އިނދެގެން އުޅޭ އިރު އެއްވެސް ކަމެއް އޯކޭވޭ ހެއްޔެވެ؟ އޮންނާނީ އެންމެ ގޮތެކެވެ. އަހަރެން ދޫދިނުމެވެ. ޝުކުރު ކުރުމެވެ. އެ ފަދަ އެތައް އެއްޗެއް ހިތަށް އަރާފައި، އެއްޗެއް ނުބުނެ އަހަންނަށް އިނދެވުނީއެވެ.
"މާ ޕާސަނަލް ސުވާލެއް ދޯ މި އެހުނީ؟" ކޯޗު ބުނެލިއެވެ.
"ނޫންނޫން!" އަހަރެން ބުނީމެވެ. "ހުރިހާ ކަމެއް އޯކޭހޭ ތި އެހީ. އެއްވެސް ކަމެއް އޯކޭއެއް ނޫން. އޯކޭ ވާނެ ކަމަށް އުންމީދެއް ވެސް ނުކުރަން. އެކަމަކު..."
"ތި ހިސާބަށް އިހަށް މަޑުކުރޭ!" ކޯޗު އެދުނެވެ. އަދި ބުންޏެވެ. "އަހަރެން އެހީމެއްނު ދިމްގެ ހަސްބަންޑާ ބެހޭ ގޮތުން ސުވާލެއް. އަހަރެންގެ ވައިފަށް ގުޅައިގެން ދިމްއޭ ކިޔައިގެން ދޮގު ހެދީ ކީއްވެހޭ؟ އަހަރެން ކުރިމަތީގަ ދިމް ފަލީހަތް ކުރަނީ ކީއްވެހޭ؟ އޭގެ ޖަވާބު މިހާރު އަހަންނަށް އެނގިއްޖެ!"
އަހަރެން ހިތަށް އެރިއެވެ. އެ ވާހަކަ ކިޔައިދޭނީ ނަބާހާ ނޫން އެހެން ކާކު ހެއްޔެވެ؟ ނަބާހާ އެ ކޮށްދިނީ ހެޔޮކަމެކެވެ. އޭނަ އެ ކަން ނުކުރި ނަމަ، އެ ބުރަ އުފުލަން ޖެހުނީހީ އަހަންނަށެވެ.
"ދިމް ހީކޮށްލާ މިހެން،" ކޯޗު ބުންޏެވެ. "ކޮންމެ ހުވަފެނަކީ ބިލާހަކަށް ވާކަށް ނުޖެހޭ! ބައެއް ހުވަފެން ހަގީގަތަކަށް ހެދިދާނެ."
ކޯޗު އެ ބުނީ ކީކޭ ހެއްޔެވެ؟ ފުރަތަމަ ވެސް އަހަރެންގެ ހިތަށް އެރި ސުވާލަކީ އެއީއެވެ. އަހަރެން މި އުޅެނީ އެނބުރި ޒަލަފް ކައިރިއަށް ދާށެވެ. މިހާރު ވެސް އަހަންނަށް ލަސްވެއްޖެއެވެ. ތަންކޮޅެއް ކުރިން ކޯޗު އެހެން ބުނި ނަމައެވެ. ކުރިން އެ ފުރުސަތު ދިން ނަމައެވެ. އެހެން ނަމަ، އަހަންނަށް ވުރެ އުފާވެރި މީހަކު މި ބިންމައްޗަކު ނުހުންނާނެއެވެ. އަހަންނަށް މަޑުމަޑުން ތެދުވެވުނެވެ. އެހެން މީހަކު އަހަންނަށް ގޮވާ ކަހަލައެވެ. ކޯޗު ވަރަށް ހައިރާން ވެފައި އަހަންނާ ދިމާއަށް ބަލައިލިއެވެ. ހީވާ ކަހަލައެވެ. އަހަރެންގެ ފަރާތުން ކޯޗަށް ފެނުނީ، އޭނަ އުންމީދުކުރި މަންޒަރެއް ނޫނެވެ. ކޯޗަށް ވެސް ތެދުވެވުނެވެ.
"ގޯސް އެއްޗެއްތަ އަހަންނަށް ބުނެވުނީ؟" ކޯޗު އެހިއެވެ.
އަހަރެންގެ ހިތް ބުންޏެވެ. މި ވަގުތު އަހަރެން ނުނިކުމެއްޖެއްޔާ ދެނެއް އަހަންނަކަށް ނުނިކުމެވޭނެއެވެ. ކުރިމަތީގައި ހުރީ އަހަރެން އެންމެ ގަޔާވާ މީހާއެވެ. އެ ފަދަ ފިރިޔަކު އަހަންނަށް ވެސް ލިބޭނެ ނަމައޭ ހީކުރި މީހާއެވެ. އޭނަގެ އަންބަކަށް ވާން އަހަރެން އެންމެ ބޭނުންވި މީހާއެވެ. ހަމަ ތަންކޮޅެއް ލަސްވީއެވެ.
"ދިމް!" ކޯޗު ގޮވައިލި އަޑު އަހަންނަށް އިވުނީ، ތަނެއްގައި ޖެހިފައި އަޑު ތަކުރާރުވެގެން އަންނަ ކަހަލަ ގޮތަކަށެވެ.
އަހަރެން އެ ތަނުން ނުކުމެގެން ހިނގައިގަތީމެވެ. ހިތުގެ ވިންދާއި އަހަރެންގެ ފިޔަވަޅާ އެއްހަމަކުރަމުންނެވެ. ކޯޗު ދެކެ އަހަރެން ލޯބިވެއެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމަކު، އަހަރެންގެ ފިރިޔަކު އެބަ ހުއްޓެވެ. އޭނަ އެބަ ގޮވައެވެ. އެ އަޑަށް ސަމާލުކަން ނުދީ އަހަރެން ހުންނާނީ ކިހިނެއް ހެއްޔެވެ؟ ކޯޗު އަހަންނަށް ގުޅިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ހިތާހިތުން ބުނީމެވެ. ނޫނެކެވެ. އަހަންނަށް ނުގުޅާށެވެ. އަހަންނަށް ނުގޮވާށެވެ. އެނބުރި ތި ދިމާއަށް އަހަންނަށް ދެވިދާނެއެވެ. އަހަރެން ނުހުއްޓުވާށެވެ. ތި ބަގީޗާގައި އަހަންނަށް ނިދިއްޖެ ނަމަ، އަހަންނަށް ނުހޭލެވިދާނެއެވެ. ތިހާ ރީތި ބައިތެއް، ތިހާ ރީތި ރާގެއް ނުކިިޔައި ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟
ކޮޓަރިޔާ ހަމައަށް އަހަންނަށް ދެވުނީ ދުވެފައެވެ. ފޮށި ހިފައިގެން، މަގުމައްޗަށް ނުކުމެވުނު އިރު، ޓެކުސީއެއް ތައްޔާރަށް އޮތެވެ. އަހަރެން އެ އަށް އެރީމެވެ. އެއީ އެހެން މީހަކަށް އައިސްފައި އޮތް ކާރެކެވެ. އެ ކަން އެނގުނީ ފަހުންނެވެ. ގެސްޓު ހައުސްއަށް ފައިސާ ނުދެވޭކަން ހަނދާންވީ ވެސް ފަހުންނެވެ. ހިތަށް އެރިއެވެ. ނަބާހާ އަށް ގުޅައިގެން އެ ކަން ހަމަޖައްސާނީއެވެ. ކާރުގައި އިން އިރު ވެސް ކޯޗު، ހުއްޓައިނުލައި ގުޅިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ހިތަށް އެރިއެވެ. އެ ނަންބަރުން ނުގުޅޭ ގޮތް ހަދަންވީއެވެ. އެ ނޫން ގޮތެއް ނެތެވެ. ފޯނު ނެގީމެވެ. ފަސް ކޯލު ކަޓައިފައި އޮތެވެ. އެ އިން އެއްވެސް ކޯލަކީ ކޯޗުގެ ކޯލެއް ނޫނެވެ. ޒަލަފްގެ ކޯލެވެ. "ވައިބްރޭޓް" އަށް ލެވިފައިވާ ފޯނު، އެއް ފަހަރު ވެސް ބަލައި ނުލައި، ކޯޗުގެ ފޯނެއް ކަމަށް އަހަންނަށް ނިންމުނީއެވެ. އަނެއްކާ ޒަލަފް ގުޅަން ފެށިއެވެ. ވަގުތުން ފޯނު ނެގީމެވެ.
"މިހާރު މިހިރީ..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"ކޮން މިހާރު މިހިރީއެއް؟" ޒަލަފް ވަރަށް ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. "ކޮން ތާކު ކަލޭ ތިހިރީ؟ ހަމަ މިހާރު ބުނޭ! ތި ހީކުރީ ކަލޭ ހުރި ތަނެއް އަހަންނަށް ނުހޯދޭނެ ކަމަށްތަ؟ ތި ހީކުރީ އަހަންނަށް ފިލައިގެން އުޅެވިދާނެ ކަމަށްތަ؟ އަދި ކޭޝް ކާޑު ވެސް ވަގަށް ނަގައިގެނޭ ދިޔައީ؟ ކަލޭ ވައްކަން ވެސް ކުރަންތަ؟ ދެން ގުޅާނީ ޕޮލިހަށް. ޖަލަށް ލާ ވަރުގެ ކުށެއް ތި ކުރީ."
ބުނާނެ އެއްޗެއް ނޭނގި، ބިރުގެންފައި އަހަރެން އިނީމެވެ. ޒަލަފް ހުއްޓައެއް ނުލިއެވެ.
"މި ވީހާ ތަނަށް ކަލެއަށް ފެނުނީ އަހަރެންގެ ލޯބި. ދުވަހަކު ވެސް ނޯންނާނެ އަނިޔާއެއް ކޮށްފައެއް. ދެން ބަލައްޗޭ ވާ ގޮތް،" ޒަލަފް އިންޒާރު ދިނެވެ. "ލާސްޓް ވޯނިންގް މި ދެނީ. ހަމަ މިހާރު ގެއަށް އާދޭ!"
ޒަލަފް ފޯނުކަނޑައިލިއެވެ. ގެ ކައިރިއަށް ކާރު މަޑުކުރިއެވެ. ގަބުވެފައި ހުރެގެން އަހަރެން ކާރުން ފެއިބީމެވެ. (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.