Roadha Mihaaru
އަހަރެން ގެއްލުވައިލީ އަހަންނެވެ

އަހަރެން ގެއްލުވައިލީ އަހަންނެވެ

01 ޑިސެމްބަރ 2024

(ބުދަ ދުވަހާ ގުޅޭ)

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

(ބުދަ ދުވަހާ ގުޅޭ)

"މިނެޓެއް ވެސް ނުވާނެއްނު!" އަހަރެން ބުނީމެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ނަބާހާ ބަލަހައްޓައިގެން އިނެވެ. އޭނަ ހިތަށް އަރާނީ ކީކޭކަން އަހަންނަށް އެނގެއެވެ. އޭނަ ހިތަށް އަރާނެއެވެ. އަހަންނަކީ މޮޔައެކެވެ. ނޫނެކެވެ. އަހަރެން މޮޔައެއް ނޫނެވެ. އަހަރެން މޮޔަ ނަމަ ޒަލަފްގެ ގެއިން ނުކުތް ރޭ، ދެން އޭނަ ނުގުޅާ ވަރު ކޮށްލީމުހެވެ. އަހަންނަށް އެ ކަން ކުރެވެން އޮތެވެ. ޒަލަފްއަކީ ބަލިމީހެކެވެ. އޭނަ އޮތީ ނިދާފައެވެ.

"ހިނގާދަމާ!" ނަބާހާ އެއްބަސްވިއެވެ. "އަހަންނަކީ ދީމާގެ މަންމައެއް ނޫން. ފްރެންޑެއް. އެކަމަކު މީ އަހަރެން ބޭނުންވި ގޮތެއް ނޫން."

"އެނގެޔޭ!" އަހަރެން އެއްބަސްވީމެވެ.

ޒަލަފްގެ ގެއާ ދިމާއަށް ޓެކުސީ އަނބުރައިލީމެވެ. އެ ވަގުތު ހައިފާގެ ފޯނެއްއައެވެ. އަހަރެން ފޯނު ނެގީމެވެ. "ކޮންތާކު؟" ދަރިފުޅު އެހިއެވެ.

"ޓެކްސީގަ މީނީ،" އަހަރެން ބުނީމެވެ. "އަދި ނުދެވޭ!"

"ދެވުނީމަ ގުޅާތި!" ހައިފާ ބުންޏެވެ. "އަހަރެން ބިރު ގަންނަނީ ބައްޕަ ކައިރިއަށް މަންމަ ގޮއްސާނެތީ. ނުދައްޗޭ!"

"ދަރިފުޅުގެ ބޮޑީގާޑު މީނީނު މަންމަ ކައިރީގަ،" ނުދާނަމޭ ނުބުނަން ވެގެން އަހަރެން ބުނީމެވެ. "ގެއަށް ދެވުނީމަ ގުޅާނަން އިނގޭ!"

ޒަލަފްގެ ގެ ކައިރިއަށް ކާރު މަޑުކުރިއެވެ. އަހަރެން ފައިބަން އުޅުމުން އަހަރެންގެ އަތުގައި ނަބާހާ ހިފެހެއްޓިއެވެ.

"ފައިބައިގެން ނުވާނެ،" ނަބާހާ ބުންޏެވެ. "ގެނޭ ކާޑު."

ބޭނުންވީ އަހަރެން ގޮސް ކާޑު ދޭށެވެ. އެހެން ނަމަވެސް، ނަހާބާ އަތަށް ކާޑު ދިނީމެވެ.

"އޭނައަށް އެއްޗެހި ނުކިޔައްޗޭ!" އަހަރެން އެދުނީމެވެ.

ނަބާހާ އެއްޗެއް ނުބުނެ އަހަންނާ ދިމާއަށް ބަލަން އިނދެފައި، ދެ އަތަކަށް ބޯހޫރާލައިފައި ކާރުން ފޭބިއެވެ.

"އަހަރެން ފަހަތުން ނާންނާތި!" ނަބާހާ ބުންޏެވެ.

އަހަރެން ބޯޖަހައިލުމުން ނަބާހާ ދިޔައެވެ. ކާރަކަށް އެ ތާކު ނޯވެވުނެވެ. ފަހަތުން ބަރުގޮނު އަޅާ ވަރުން ކާރު ދުއްވައިލިއެވެ. އެހެން ނޫން ނަމަ އަހަންނަށް ކާރުން ފޭބުނީހެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ ހީކޮށްލައިގެން، ކެތްތެރިކަމާ އެކުގައި އިނީމެވެ. ވަށައި ބުރެއްޖަހައިފައި އެ މަގަށް ކާރު ވަން އިރު، ނަބާހާ ދޮރުމަތީގައި ހުއްޓެވެ. އޭނަ ގޮވައިގެން އަހަރުމެންގެ މަންޒިލާ ދިމާއަށް ދަތުރު ފެށީމެވެ. ވީ ގޮތް ނަބާހާ ކިޔައެއް ނުދެއެވެ. އަހަރެން ނުވެސް އަހަމެވެ. އެހެނަސް ކެތްވަނީކީ ނޫނެވެ. ކުޑަމިނުން، ކާޑުގައި ޒަލަފް ހިފިތޯ، ޒަލަފް ބުނީ ކީކޭތޯ އަހާލާ ހިތްވިއެވެ.

އަހަރެން ގެންދިޔަ އެޕާޓުމަންޓު ވަރަށް ނަލައެވެ. އެހައި ކުޑައެއް ވެސް ނޫނެވެ. މުސައްލަ އަޅާނެ ޖާގަ ވެސް އޮވެފައި، ކުޑަ ބެލްކަނީގައި އެއްޗެހި ހިއްކަން އަޅާނެ ޖާގަ ވެސް ހުއްޓެވެ. އަހަންނަށް އެ ވަރު ފުދެއެވެ.

"ދެމަފިރިންނާއި ކުޑަކުއްޖަކާ މި ތާ އުޅޭނީ،" ތަޅުދަނޑިތައް ދެމުން ނަބާހާ ބުންޏެވެ.

"މީ ދޮރާށީގެ ޓެގު. މީ އެޕާޓުމަންޓުގެ ކީ. މީ ރޫމްގެ ކީ. ތައުޒަން ފައިވް ދައްކައިގެން ކެއުން ވެސް ހަމަޖެއްސިދާނޭ ބުނީ. އަހަރެން ބުނެގެން ތައުޒަންއަށް ވެސް ކުޑަކޮށްފި. އެ މީހުން ވަރަށް ނައިސްވާނެ. މި ވަގުތު އެކަކު ވެސް ނެތް."

"މައްސަލައެއް ނެތް،" އަހަރެން އެއްބަސްވީމެވެ. "ބުނޭ ކެއުން ވެސް އޯކޭ ކުރާށޭ!"

"މި ތާ އުޅޭ ގާލް އަށް ކިޔާނީ ބަސްމާ. އެއީ އަހަރެންގެ ފްރެންޑް،" ނަބާހާ ބުންޏެވެ.

"އޭނަގެ ހަސްބަންޑް ގިނައިން އުޅޭނީ ރަށުން ބޭރުގަ. އަހަރެން ފޮނުވާނަން ބަސްގެ ނަންބަރު. އެހެން ކަމެއް އެބަ އޮތް؟"

"މާދަން ދާން ވާނެ އަނެއް ބެންކުގަ އެކައުންޓެއް ހުޅުވަން،" އަހަރެން ބުނީމެވެ. "ސެލަރީ ދެން ޖަމާކުރާނީ އެ އެކައުންޓަށް."

"ތިހެން ބުނީމަ މި ހަނދާންވީ،" ދަބަހުން އަހަރެންގެ ކާޑު ނަގާފައި ދެމުން ނަބާހާ ބުންޏެވެ. "އޭނަ ކާޑެއް ނުހިފި."

އަހަންނަށް ލިބުނީ ޝޮކެކެވެ. ހިތަށް އެރިއެވެ. ޒަލަފް އެހައި ބަދަލު ވެދާނެ ހެއްޔެވެ؟

"އޭނަ އެއްކޮށް ޗޭންޖްވީތަ؟" އަހަންނަށް ބުނެވުނެވެ.

"އަހަންނަށް އެނގޭ ދީމާ ވިސްނާނީ ތިހެންކަން،" ނަބާހާ ބުންޏެވެ. "އެހެންވެ ކާޑު ނުދީ ވެސް މި އިނދެވުނީ. އެކަމަކު ދޭންތާ ޖެހޭނީ. އަހަރެންގެ އެއްޗެއް ނޫން ވިއްޔަ! އޭނަ ޗޭންޖެއް ނުވާނެ. އަހަރެންނަށް ފެންނަނީ ދީމާ ދެން އެ ޗެޕްޓަރ ސީރިޔަސްކޮށް ކްލޯސް ކޮށްލަން."

ނަބާހާ ދިޔުމުން، އަހަރެން އެނދުގައި ޖައްސައިލީމެވެ. އަހަންނަށް ހެޔޮވަރުގެ ހިތްގައިމު އެނދެކެވެ. ކޮޓަރީގައި އޭސީ ވެސް ހުއްޓެވެ. ފާހާނާ ވެސް ރީއްޗެވެ. ފާހާނައިގެ ލޯގަނޑުން އަހަރެންގެ ތުންފަތް ފެނުނެވެ. އޭރު ވެސް ދުޅައެއް ނުއޮބެއެވެ. ތަދު ވެސް ވެއެވެ. ޒަލަފް ގަސްތުގައި ޖެހީއެއް ނޫނެވެ. އަތްހޫރައިލި ތަނައި ޖެހުނީއެވެ. އެ ވަގުތު ވެސް އެހެން ހިތަށް އެރިއެވެ. ދަރިފުޅަށް ގުޅާފައި، ގެއަށް އައި ވާހަކަ އާއި ގެ ހުންނަ ތަނާއި އެހެން މައުލޫމާތުތައް ވެސް ދިނީމެވެ. އެހެނަސް، ހިތުގައި ކުޑަ ނުތަނަވަސް ކަމެއް ހުއްޓެވެ. ޒަލަފް ކޭޝްކާޑު ނުހިފީމައެވެ. ޒަލަފް އަތުގައި އޭނަގެ ކަންކަމަށް ހަރަދުކުރާނެ ފައިސާއެއް ނުހުންނާނެއެވެ. އެ ކަމާ ވަރަށް ވިސްނުނެވެ. ހިތަށް އެރިއެވެ. އަހަރެންގެ އެކައުންޓުގައި ހުރި ފައިސާ ޒަލަފްގެ އެކައުންޓަށް ފޮނުވައިލަންވީއެވެ. އެއީ ކުރެވިދާނެ ކަމެކެވެ. އެހެނަސް، ޒަލަފްގެ އެކައުންޓު ނަންބަރަކީ ކޮބައި ހެއްޔެވެ؟ އޭނަގެ އަމިއްލަ އެކައުންޓެއް އޮވޭ ހެއްޔެވެ؟ އަހަންނަކަށް ނޭނގެއެވެ. އަހަރެން ފޯނު ނެގީމެވެ.

"ބައްޕަގެ ހާލު ބަލައިލައްޗޭ!" ދަރިފުޅަށް ފޮނުވި މެސެޖެއްގައި ލިޔުނީމެވެ.

ޒަލަފްގެ އެކައުންޓު ނަންބަރު ހޯދަން ދަރިފުޅު ގާތުގައި ބުނާކަށް ނުކެރުނެވެ. ދެން ހުންނާނީ ޒަލަފްގެ ދައްތައެވެ. އޭގެ ކުރިން ކޯޗަށް ގުޅައިލީމެވެ. އަހަންނަށް ދިމާވި ހާދިސާ އާއި އަހަރެން ހުރި ތަން ކޯޗަށް އެނގޭނެ ކަމަށް ނިންމީމެވެ. ނަބާހާ އޮންނާނީ އެ ވާހަކަތައް ކިޔައިދީފައެވެ. ކޯޗު ފުރަތަމަ ބުނި ވާހަކައިން ވެސް އެ ކަން އެނގުނެވެ.

"ނޭވައެއް ލެވުނީ ދޯ؟" ފޯނު ނަގާފައި ކޯޗު ބުންޏެވެ. "އަހަންނަށް އެނގޭ ނޭވާ ލެވުނީމަ ގުޅާނެކަން."

"އެއީ؟" އަހަންނަށް ބުނެވުނެވެ.

"ރައްޓެހިންވީމަ،" ކޯޗު ބުންޏެވެ. "ރައްޓެހިންނަކީ އެކަކު އަނެކަކުގެ ހާލުބަލާ މީހުންނެއްނު! އަނބިންގެ ވެސް ރައްޓެހިން ތިބޭނެ. އެއްވެސް މީހަކަށް އެ މީހަކު ބޭނުން ހުރިހާ ކަމެއް ނުވާނެ. އެއީ މައްސަލައެއް ނޫން. އެކަމަކު ރައްޓެހިކަން އޮންނަން ވާނެއްނު! އެއްވެސް ކަމެއް ދިމް ބޭނުންވެއްޖެއްޔާ ފުރަތަމަ ވެސް މި ނަންބަރު ހަނދާން ކޮށްލާތި!"

އަހަންނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ.

"އެހެންވެ މި ގުޅީ،" އަހަރެން ބުނީމެވެ. "އަހަރެން ބޭނުންވާ ކަންތައް ކޮށްދެވޭނެ ހަމަ އެކަނި މީހާއަށް މި ގުޅީ. އެނގޭނެކަން ނޭނގެ ކީކޭކަން ބުނަން މި އުޅެނީ."

"އާނ! އެނގިއްޖެ!" ކޯޗު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "މި ގުޅަނީ އޭނައަށް."

އަހަރެން އަބަދު ވެސް ބޭނުންވީ އެ ކަހަލަ ފިރިއެކެވެ. ހިތުގައި އޮންނަ އެއްޗެއް އަޑުން އެނގޭ ކަހަލަ އޯގާތެރި މީހެކެވެ.

ޖެހިގެން އައި ދުވަހު އަހަންނަށް ވައިބާ އިން ވީޑިޔޯއެއް ލިބުނެވެ. ޒަލަފް މޫދަށް ގެންގޮސްގެން ކަސްރަތު ކުރުވާ ތަނެވެ. ޒަލަފްގެ ފަރާތުން އަހަންނަށް ފެނުނީ އާދަޔާ ހިލާފު ހިތްވަރެކެވެ.

"ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ދޯ؟" އަހަރެން މެސެޖެއް ލިޔެލީމެވެ.

"ތިހެން ހީވާތީ ވީޑިޔޯ މި ފޮނުވީ. އެއީ ފިރިހެނުންނަށް ވާ ގޮތެކޭ! ވައިފް ކައިރީގަ ހުންނަ އިރު ނުކުރެވޭ ކަންތައް، ދުރަށް ދިޔައިމަ ކުރެވޭނެ. ރަނގަޅު ވާނީ ދުރަށް ދިޔަ ވަރެއް." ކޯޗު ވަގުތުން ޖަވާބު ލިޔުނެވެ.

"ފިރިހެނުންނަކީ އަރަތެއް. ކިތަންމެ ވަރަކަށް ވިސްނިއަސް ނޭނގޭނެ." އަހަރެން ލިޔުނީމެވެ.

"އެނގޭނެ. މިރޭ ވަރަށް ހަމަޖެހިލައިގެން ފުންކޮށް ވިސްނާލާ! އަހަރެންގެ ހިތް ބުނަނީ، ރަނގަޅު މީހުންނަށް، ކޮންމެވެސް ދުވަހަކުން ރަނގަޅު ގޮތް މިންވަރު ކުރައްވާނެ. ވިސްނާލާ!"

ޖެހިގެން އައި ދުވަހު އަހަރެން އޮފީހަށް ނުކުތީމެވެ. ގޭގައި ހުރުމުގެ ބޭނުމެއް ނެތީމައެވެ. ކިތަންމެ ބޮޑު ހައިޖާނުގަނޑެއް ތެރޭގައި އުޅެފައި ނުކުތް ނަމަވެސް، ނަބާހާ ނޫން މީހަކަށް އެކައްޗެއް ވެސް ނޭނގެއެވެ. އަހަރެން އުޅެން ބޭނުންވީ އެއްވެސް ކަމެއް ނުވާ ކަމަށް ހެދިގެންނެވެ. އެހެނަސް، ޒަލަފް މަތިން އަހަރެން ހަނދާނެއް ނުނެތެއެވެ.

"ސާބަހޭ!" ކެންޓީނުގައި އަހަރެން އިންދައި ނަބާހާ އައިސް މަޑުމަޑުން ބުންޏެވެ. "މިއަދު ވާނެ ފޯމު ފުރާލަން. ބޭގްގަ އޮންނާނެ ފޯމު."

އަހަރެން އެ ވާހަކަ އިވުނު ކަމަކަށް ނަހަދަމެވެ. ފޯމުލާނެ ހިތްވަރެއް އަހަންނަކަށް ނުވެސް ލިބެއެވެ. އަހަރެން ވަރިވާން އުޅެފިއްޔާ، ނިދީގައި އަހަރެން ކޯޗާ ބެހޭ ގޮތުން ދެއްކި ވާހަކަ ގާޒީ އަށް އިއްވާނެ ވާހަކަ ޒަލަފް އޮތީ ބުނެފައެވެ. އެ ލަދުވެތިކަމާ ކުރިމަތިލާނެ ހިތްވަރެއް ވެސް އަދި ނުލިބެއެވެ.

"ހަވީރު ބުރެއް ޖަހާލަން ދެވޭނެތަ؟" އަހަރެން ބުނީމެވެ. "ކޯޗު އުޅޭނެ ރަސްފަންނުގަ."

"ތި އުޅެނީ ކޯޗު ބަލާކަށް ނޫން،" ޔަގީންކަމާ އެކުގައި ނަބާހާ ބުންޏެވެ. "ކީއްކުރަން އެ ތަނަށް ދަނީ. އެނގޭތަ އޭނަ ކާޑުގަ ނިހިފީ ކީއްވެގެންކަން؟ ރޭގަ އަހަރެން އެ ކަމާ ވަރަށް ވިސްނީމޭ! އެ އުޅެނީ ދީމާގެ ހަމްދަރުދީ ބޭނުންވެގެން."

"އެކަމަކު ނަބާ!" އަހަރެން ބުނީމެވެ. "އޭނަ ބުނި ކަމެއް، ބުނި ގޮތަކަށް ކޮށްދީދީ ހުއްޓައޭ މި ހުރިހާ ކަމެއް މި ވީ. ދެން މިހާރު ކީއްކުރަން އަހަރެންގެ ހަމްދަރުދީ ހޯދަންވީ؟"

"ޑިވޯސް ފޯމު ލިޔަ ނުދޭން!" ނަބާހާ ބުންޏެވެ. "ހީވޭތަ އޭނަ ކޭޝްކާޑު ދޫކޮށްލާނެހެން؟ ހުސް ފޭކް! ބަލަ އެ ސްޓަންޓް ޖެއްސީމައެއްނު ދީމާ ތި އުޅެނީ އޭނަ ނުފެނިގެން ލޮލަށް ނިދި ނައިސްގެން. އަހަރެން ހިތަށް އަރާ އޭނަ ހާދަ މޮޅޭ! ހާދަ ސްމާޓޭ! އެ މަޅީގަ ޖެހޭނެ ކަމެއް ނެތް. ފޯމު ވައްޓާލާ!"

"ފޯމުލާނަމޭ!" އަހަރެން ބުނީމެވެ. "އަދި މަޑުކޮށްލާ!"

"ޒަލަފް ބަލަން ދާކަށް އަހަންނަކަށް ނުފެނޭ!" ނަބާހާ ބުންޏެވެ.

ހަވީރު އަހަރެން އެކަނި ގެއިން ނުކުތީމެވެ. ރަސްފަންނަށް ދިޔައީމެވެ. ދެވުނު އިރު ޒަލަފް މޫދުން އަރައިގެން އަންނަނީއެވެ. އެ ދުވަހު ކޯޗެއް ނެތެވެ. ކުރިޔަށް ވުރެ އައިބު ކުޑަކޮށް ހިނގާލައިފައި އައިސް އަހަރެން ކުރިމައްޗަށް ޒަލަފް ހުއްޓުނެވެ. ގާތުގައި އެހީތެރިޔަކު ހުއްޓެވެ. އެހެން މީހަކު ނެތެވެ. ފެންކަޅިވެފައި އަހަންނަށް ބަލަހައްޓައިގެން، އިރުކޮޅަކު ޒަލަފް ހުއްޓެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ފެންކަޅި ނުވާން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ.

"އަހަންނަށް މާފު ނުކުރާތި!" ކުރެހިފައިވާ އަޑަކުން ޒަލަފް ބުންޏެވެ. (ނުނިމޭ)