Roadha Mihaaru
އަހަރެން ގެއްލުވައިލީ އަހަންނެވެ

އަހަރެން ގެއްލުވައިލީ އަހަންނެވެ

04 ޑިސެމްބަރ 2024

(އާދިއްތަ ދުވަހާ ގުޅޭ)

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

(އާދިއްތަ ދުވަހާ ގުޅޭ)

"އަހަންނަށް މާފުނުކުރާތި!" ކުރެހިފައިވާ އަޑަކުން ޒަލަފް ބުންޏެވެ. "މި ކަހަލަ މީހުންނަށް މާފު ހައްގެއް ނުވާނެ."

އަހަރެން ހިތަށް އެރިއެވެ. މީހުން ބަދަލު ނުވާނެއޭ އެ ބުނާ ވާހަކައަކީ ތެދެއް ނޫނެވެ. އަހަރެން ކުރިމަތީގައި ހުރީ އޭގެ ދިރިހުރި މިސާލެކެވެ. ޒަލަފަށް ބަދަލެއް އަތުވެއްޖެއެވެ. އެ ހިތުގެ އަނދިރި ކަނެއްގައި އަހަންނަށް ޓަކައި ލޯބީގެ ހުޅުކޮޅެއް ރޯވެއްޖެއެވެ. އަހަރެން ބޭނުންވީ ޒަލަފް ގާތުގައި ހުރި މީހާ ފޮނުވައިލާށެވެ. އެހެނަސް، އޭނައަށް އޯޑަރު އައިސްފައި އޮތީ ގެޔާ ހަމައަށް ޒަލަފް ގެންދިޔުމަށެވެ. އަހަރެން ޖެހުނީ އަހަންނަކީ ޒަލަފްގެ ކާކުކަން ވެސް ބުނެދޭށެވެ. އެ ހިސާބުން، ޒަލަފްއާ ވެސް ވާހަކަ ދައްކައިފައި، ކޯޗަށް އޭނަ ގުޅިއެވެ. ދެއްކި ވާހަކައެއް ދެއްކީ ތަންކޮޅެއް ދުރަށް ގޮހެވެ.

"އޯކޭ!" އޭނަ އައިސް އެހެން ބުނެފައި ދިޔައެވެ.

ކުރިން ފަދައިން ޒަލަފް އަތުލަފި ކުރާކަށް، އަތުގައި ހިފާއްޓާކަށް ވެސް ނުޖެހެއެވެ. ރީތިކޮށް ކޮޅަށް ހުއްޓެވެ. ކުޑަކޮށް އެއް ފަރާތަކަށް އޮރިއެވެ.

"ހިނގާ ގެއަށް ދަމާ!" އަހަރެން ބުނީމެވެ.

"ކީއްކުރަން ތި އައީ؟" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ޒަލަފް އެހިއެވެ.

"އަހަންނަކީ ވަރަށް ނުލަފާ މީހެއް. ޖޮބެއް ނެތް. ވައިފަށް ލިބޭ ހުރިހާ ލާރިއެއް ތަޅާބުރުއްސާ ފިރިއެއް. ކޮން ކަމެއް ދީމާއަށް ނުކުރަނީ؟"

އަހަންނާ ވާހަކަ ދައްކަމުން ޒަލަފް ގޮސް ފެންމާގަނޑު ދަށަށް ވަދެ ގަޔަށް ފެން އަޅަން ފެށިއެވެ. ކުރިޔަށް ވުރެ ތަންކޮޅެއް ފަރިތަކޮށް ހުރިހައި ކަމެއް ޒަލަފަށް ކުރެވެއެވެ.

"އަހަރެން ތިހެނެއް ނުބުނަމެއްނު! އެހެން ނޫނަސް، އެކައުންޓުގަ އެބަ ހުރި ތިރީސް ފަސް ހާސް ރުފިޔާ،" އަހަރެން ބުނީމެވެ. "އަހަންނަށް ގޯސްކޮށް ކަންތައް ކުރެވޭހެން ޒަލަފްއަށް ހީވަންޏާ، ދެން އެހެން ނަހަދަންވީނު."

އަހަންނާ ދިމާއަށް ޒަލަފް ބަލައިލީ، އެ ފަދަ ފުރުސަތެއް އެބަ އޮތްހޭ ބުނާ ކަހަލަ ގޮތަކަށެވެ. މާގަނޑުން އޮހުނު ފެންތައް ޒަލަފްގެ އިސްތަށިގަނޑުން މޫނަށް ފައިބަފައިބައި ހުއްޓެވެ. އެއީ ކުރިން ވަރަށް ގާތުން އަހަންނަށް ފެނިފައިވާ މަންޒަރެކެވެ. ބަލާހިތްވާ، ރީތި މަންޒަރެކެވެ.

"އަހަރެން ނުވާނެ ރަނގަޅެއް،" ޒަލަފް ބުންޏެވެ. "ދީމާ ވެސް ދެން އަހަރެން ދެކެ ލޯތްބެއް ނުވާނެ."

"މަސައްކަތް ކުރީމަ ކޮންމެ މީހަކަށް ވެސް ރަނގަޅުވެވޭނެ،" އަހަރެން ބުނީމެވެ. "ލޯބިވާތީއެއްނު އަލުން ގެއަށް ދިއައީ. އެކަމަކު ޒަލަފް އުޅުނީ އަހަރެން މޫނުގަ ކަޓަރު އަޅަން. އަދި ވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ! ތީ އެހާ ނުލަފާ މީހެއް ނޫނެއްނު! އަހަރެން ދެރަވާ ކަހަލަ ކަންތައް ޒަލަފް ކުރޭ! ރުޅި އަންނަ ކަންތަކާ، ފޫހިވާ ކަންތައް ވެސް ކުރޭ! އެކަމަކު ދުވަހަކު ވެސް އަހަރެން ގަޔަކު ނުޖަހަމެއްނު! ދެން ކަޓަރު..."

"އަހަރެން އުޅުނީ ދީމާ ބިރުގަންނަވާލަން." އިސްޖަހައިލަމުން، މަޑުމަޑުން ޒަލަފް ބުންޏެވެ.

އެހެން ވެދާނެއެވެ. ފުރަތަމަ ވެސް އަހަރެން ހިތަށް އެރީ އެހެންނެވެ. އިސްޖަހާލައިގެން އިރުކޮޅަކު ހުރެފައި، ދެން އިސްއުފުލައިލި އިރު އޭނަ ހުރީ ފެންކަޅިވެފައެވެ. އެއީ މާގަނޑުން އޮހުނު ފެނެއް ނޫނެވެ. ފުލޯކު ކަރުނައެއް ވެސް ނޫނެވެ. އެ ކަރުނައިން އަހަންނަށް މާނަކުރެވުނީ، ކުރެވުނު ކުށަށް ޒަލަފް އިއުތިރާފުވާ ކަމެވެ.

"ކީއްކުރަން އެ ކަހަލަ ކަންތައްކުރަނީ؟" ވަރަށް މަޑުމަޑުން އަހަރެން ބުނީމެވެ. "އެ ވަރުން ނުވެގެން ދަރިފުޅާ ދިމާއަށް ކީކޭ ބުނީ؟ އެ ކަހަލަ ކަންތައް ކުރީމަ އެންމެން ކުރިމަތީގަ ޒަލަފްގެ އަގޭ އެ ވެއްޓެނީ. ކީއްކުރަންތަ އެ ކަހަލަ ކަންތައް ކުރަނީ؟"

"ކުރާނެއްނު!" ރޮވިފައި ޒަލަފް ބުންޏެވެ. "އަހަންނަށް މި ހާލު ޖައްސާފަ، ދީމާ ގޮސް އެ ކޯޗާ އެއްކޮށް އެ ގޮތް މި ގޮތަށް އުޅުނީމަ އަހަރެން ކިހާ ދެރަވާ ކަމެއް ދީމާއަކަށް ނޭނގޭތަ؟ އަހަރެންގެ އަންހެނުން، އަހަރެންގެ މަގަތުގަ އޮވެފަ އެހެން ފިރިހެނަކަށް ގޮވާ އަޑު އިވުނީމަ ހާދަ ދެރަވެޔޭ ދީމާ! އަހަރެންގެ ވެސް ހިތެކޭ އޮންނަނީ."

އަހަރެން ހިތަށް އެރިއެވެ. އެއީ ހަމަ ތެދެކެވެ. ކުށް ކުރެވުނީ އަހަންނަށެވެ. ޒަލަފަށް އެ ހާލު ޖެއްސީ އަހަންނެއް ނޫނޭ އެއް ހާސް ފަހަރު ވެސް އަހަންނަށް ބުނެވިދާނެއެވެ. އޭގެ ބަދަލުގައި އަހަރެން ބޭނުންވީ އަހަންނަށް ކުރެވުނު ކުށަށް މާފަށްއެދޭށެވެ.

"ސޮރީ!" އަހަރެން ބުނީމެވެ.

"ކުރިން ވެސް ތިހެން ބުނި ނަމަ މިހެން ވާކަށް ނުޖެހުނީސް،" ޒަލަފް ބުންޏެވެ. "ވަރަށް އުފާވެއްޖެ ސޮރީ ބުނީމަ. އަހަންނަކީ ގޯސް މީހެއް ނޫން، އެކަމަކު ގޯސްކޮށް ކަންތައް ކުރާ މީހުންނަށް އަހަރެންނަށް ވެސް ކަންތައް ކުރެވޭނީ ގޯސްކޮށް. ވިސްނާލަބަލަ! ދީމާޔާ މެރީ ކޮށްގެން އުޅެމުން ހިލޭ އަންހެނަކަށް، ލޮލުގެ ކުޑަކޮޅުން ވެސް އަހަރެން ބަލައިލިތަ؟ ނޯންނާނެ ބަލާފައެއް. އަހަރެންގެ ރަނގަޅު ސިފަތައް ދީމާ ނިކަން ގުނާލަބަލަ! މަދެއް ނުވާނެ."

ދަބަހުން ތުވާލި ނަގައިގެން ޒަލަފް ގައި ހިއްކަން ފެށިއެވެ. އެންމެ ފުރިހަމަކޮށެއް ނޫނެވެ. އެހީވާން އަހަންނަށް އުޅެވުނެވެ. ޒަލަފް އެ ކަން ހުއްޓުވިއެވެ.

"އެނގެޔޭ!" އަހަރެން އެއްބަސްވީމެވެ. "އެހެންވެއެއްނު މި އައީ. ގެނޭ އެކައުންޓު ނަންބަރު."

ހައިރާންވެފައި އަހަންނާ ދިމާއަށް ޒަލަފް ބަލައިލިއެވެ. ހީވާ ކަހަލައެވެ. އަހަންނަށް އަނެއްކާ ވެސް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެއެވެ.

"ތި ވަރަށް އަހަރެން ފަލީހަތް ކުރަން ހެޔޮނުވާނެ ދީމާ!" ދެރަވެފައި ޒަލަފް ބުންޏެވެ. "ލާރިޔާ ހެދި އަހަރެން މަރުދަންޖެހޭ ނަމަ، ކޭޝްކާޑުގަ ނުހިފާ ހުރީސްތަ؟ ހާދަހާ ބޮޑު މަލާމާތެކޭ ތި ކުރީ."

އެހެން ބުނެފައި، ދަބަހަށް ތުވާލި ލައިފައި، ޓީޝާޓެއް ލައިގެން ޒަލަފް ހިނގައިގަތެވެ. އަހަރެން ހިތަށް އެރިއެވެ. ތެދެކެވެ. ވިސްނައިނުލައި އަހަންނަށް މި ބުނެވުނީ ކީކޭ ހެއްޔެވެ؟ އަހަރެން ހާދަހާ މޮޔައެވެ.

"މަޑުކޮށްބަލަ!" ފަހަތުން ހިނގައިގަންނަމުން އަހަރެން ބުނީމެވެ.

"އަހަރެންގެ ފަހަތުން ނައިއްޔާ ރަނގަޅު ވާނީ،" ނުހުއްޓި، ކުޑަ ކޮރެއް ޖަހަމުން، ހިނގަމުން ޒަލަފް ބުންޏެވެ.

"އަހަންނަކީ އަނބިމީހާގެ ލާރިޔާ ހެދި މޮޔަވެފަހުންނަ މީހެއް. މި ކަހަލަ މީހަކާ ވައި ވެސް ނޭޅުނިއްޔާ ރަނގަޅު ވާނީ. ދީމާ ގޮސް ކޯޓަށް ފޯމުލާ! ފުރަތަމަ ދުވަހު ވަރި ކޮށްދޭނަން."

އަހަރެން ހީކުރީ އަހަރެން ވަރި ނުކުރަން ޒަލަފް ވަރަށް ގިނަ ކުޅިވަރުތައް ކުޅޭނެ ކަމަށެވެ. އެހެނެއް ވެސް ނުވިއެވެ. ޒަލަފް ހުރީ ވަރިކުރަން ތައްޔާރަށެވެ. އެހައި ހިސާބުން އަހަރެންގެ ނިޔަތް އަރައިރުންވާން ފެށިއެވެ.

"އަހަރެން ވަރިވާން ބޭނުންނުވެއްޖެއްޔާ ޔޯ؟" އަހަރެން ބުނީމެވެ.

ޒަލަފް ހުއްޓުނެވެ. ފަސްއެނބުރިފައި އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ވަރަށް ލޯބިވާ މީހަކު ދީމާއަށް މިހާރު ލިބިއްޖެއްނު!" ޒަލަފް ބުންޏެވެ. "ދެން އަހަރެން ހަނދާން ނައްތާލާ! އަހަރުމެންގެ ދަރިފުޅާ، ދީމާގެ ރައްޓެހިން ވެސް އެ ނަސޭހަތް މިހާރު ދީފަކަން ނޭނގެ އޮންނާނީ. މި ގޮލާ މިހެން އުޅެ މަރުވެގެން ހިނގައިދާނެ. އަޅައިލާނެ ކަމެއް ނެތް."

ޒަލަފް ގޮސް ޓެކްސީއަކަށް އެރިއެވެ. އަހަރެން ހީކުރީ، އަހަރެން ފެނުމުން ޒަލަފް އުޅޭނީ އަހަރެން ގައިގަ ތަތްކޮށްލަންކަމަށެވެ. އަހަރެންގެ ކޭޝް ކާޑަށް ޒަލަފް ކަޅި އަޅާނެކަމަށެވެ. އެއިން އެއްވެސް ކަމެއް ނުވުމުން އެކަނިވެރިކަމާއި ނިކަމެތިކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ހިތަށް އެރިއެވެ. އަހަރެން ހީކުރިހައި މުހިންމު މީހަކަށް އަހަންނެއް ނުވިއެވެ. ޒަލަފްއަކީ، މީހުން ހީކުރާ ވަރަށް ވުރެ މާ ހަރުދަނާ މީހެކެވެ.

ބޭނުންވާ ބައެއް އެއްޗެހި ގަނެލައިގެން ފިހާރައަކުން ނުކުތީމެވެ. އެއީ، އަހަރެން އުޅޭ ގެއާ ކައިރީގައި ހުރި ފިހާރައެކެވެ. އެ ވަގުތު، ސައިކަލެއްގެ ފަހަތުގައި ޒަލަފް އަންނަނިކޮށް ދުށީމެވެ. އަހަރެން ފެނުމުން ކައިރިއަށް މަޑުކޮށްފައި ސައިކަލުން ފޭބިއެވެ. ސައިކަލު ދުއްވަން އިނީ އަހަރެން ދަންނަ މީހެއް ނޫނެވެ.

"ވަދޭ!" ސައިކަލުގައި އިން މީހާއަށް ޒަލަފް ބުންޏެވެ. "މި ދަނީ."

އެ މީހާ ދިޔުމުން އަހަންނަށް ހިނިތުންވެލިއެވެ.

"ޝޮޕިން ކޮށްލަނީ؟" ޒަލަފް ބުންޏެވެ. "އަހަންނަށް މިއަދު ގޯސް އެއްޗެއް ބުނެވުނު ނަމަ ސޮރީ އިނގޭ!"

ޒަލަފްގެ ޓީޝާޓުން ތަތްމުޑުވަހެއް އަހަންނަށް ދުވިއެވެ. އެއް ގޮތަކީ އެ ޓީޝާޓު ނުދޮވެ އޮތުމެވެ. އަނެއް ގޮތަކީ، ދޮވެފައި އެތެރޭގައި ހިއްކަން އަޅާފައި ހުރުމެވެ. އެހެންޏާ ޒަލަފްގެ ގައިން ދުވާނީ ސެންޓުވަހެވެ. އެހެނަސް، ފައިސާގެ ވާހަކަ ދައްކައިގެން ކުށްވެރި ވެފައި އޮތުމުން، ސެންޓުފުޅި ހުސްވީހޭ އަހާކަށް ނުކެރުނެވެ.

"ރައްޓެހިންނާ އެއްކޮށް ކޮފީބޮނީ ދޯ؟" އަހަރެން ބުނީމެވެ. "އަހަރެންނަކަށް އިންވައިޓެއް ނުކުރާނަންތަ؟"

"ކުރިޔަސް ނާންނާނެއްނު! އަހަރެންގެ ނުލަފާ ކަމުންނެއްނު ގެއިން ނުކުތީ ވެސް،" ޒަލަފް ބުންޏެވެ. "ފޯމު ލައިފިން؟"

"ދެން އަހަރެން ގެއަށް ގެންދެބަލަ!" އަހަރެން ބުނީމެވެ. "ކީއްވެތަ އަބަދު ފޯމުގެ ވާހަކަ ތި ދައްކަނީ؟ ތީ ގޭތެރޭގަ އުޅޭ އިރު ލާ ޓީޝާޓެއްނު! ކީއްވެ ތި ލައިގެން ބޭރުގަ ތި އުޅެނީ؟"

ޒަލަފް ހިނިތުންވެލިއެވެ. އެއީ މާނައިން ފުރިގެންވީ ހިނިތުންވުމެކެވެ. ބުނާ ކަހަލައެވެ. އަހަރެން އުޅޭ ހާލު އެންމެ ރަނގަޅަށް އެނގޭ މީހާ ދައްކާ ވާހަކަ ބަލައިބަލާށެވެ.

"މާދަމާ ރޭ މީ ކޮން ރެޔެއްކަން އެނގޭ ދޯ؟" ޒަލަފް ސުވާލުކުރިއެވެ.

އަހަންނަކަށް ނޭނގެއެވެ. ހަނދާން ކޮށްކޮށް ވެސް ނުވިސްނުނެވެ. އަހަރުމެން ދެ މީހުން ކުރެ އެކެއްގެ ވެސް އުފަންދުވަހެއް ނޫނެވެ. ކައިވެންޏާ ގުޅުން ހުރި ދުވަހެއް ވެސް ނޫނެވެ.

"ނޭނގޭނެ!" ޒަލަފް ބުންޏެވެ. "އަހަރެން އެންމެ ލޯބިވާ މީހާ ފުރަތަމަ ފެނުނު ރޭ!"

އަހަރެންގެ ގަނޑުފެނުގެ ހިތަށް ހޫނު ވައިރޯޅިއެއް ޖެހުނު ކަހަލައެވެ.

"ސެލެބްރޭޓް ކޮށްލަން ބޭނުން،" އެހެން ބުނި އިރު ޒަލަފް ފެންކަޅިވެއްޖެއެވެ.

"ފަހު ފަހަރަށް. އިންތިޒާރުކުރާނަން. ޑިވޯސް ފޯމު ހިފައިގެން އަންނާތި!"

ޒަލަފް ދިޔައެވެ. ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. ފޮޅެމުންދިޔަ ރީތި މަލެއްގެ ފިޔަތައް، ފަހު ޖުމުލައިން ވަކިވެގެން ވިހާލިވެގެން ދިޔައީއެވެ. އެ ކަމާ ދެރަވެގެން، ކޮޓަރިއަށް އައިސް މޮޅިސާލު ލައިގެން އޮއްވައި ދަރިފުޅު ގުޅިއެވެ. އަހަރެންގެ އަޑު އިވޭ އިރަށް، އޭނައަށް ޝައްކުވިއެވެ.

"މަންމަ ރޮނީތަ؟" ހައިފާ އެހިއެވެ.

ދަރިފުޅަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވީ ގޮތް ކިޔައިދިނީމެވެ.

"ފޯމު ކަންތަކާ އަހަރެން ވެސް މި ގުޅީ!" ދަރިފުޅު ބުންޏެވެ. "މި ދަނީ ފޯމު ހިފައިގެން."

އެ ފޯނުކޯލު ހަމަ ނިމުނު ތަނާ ޒަލަފްގެ ދައްތަ ސަމީރާ ގުޅިއެވެ. އަހަރެންގެ ފައި ދަށުން ބިންގަނޑު ދަމައިގަތެވެ. (ނުނިމޭ)