ހ، ށ އަށް ހާ ށަވިޔަނި ކިޔުނީ ކީއްވެހެއްޔެވެ؟ އާބާފިއްޔާއި އޯބޯ ފިއްޔާ ދެމެނީ ކީއްވެބާ އެވެ؟
04 މާޗް 2025
ހ، ށ އަށް ހާ ށަވިޔަނި ކިޔުނީ ކީއްވެހެއްޔެވެ؟ އާބާފިއްޔާއި އޯބޯ ފިއްޔާ ދެމެނީ ކީއްވެބާ އެވެ؟
އަމަތު އާންޓީ (އަމަތުﷲ ޝަކީބް) މީގެ ވިއްސަކަށް އަހަރު ކުރިން މި ސުވާލުތަކާ އެކު ޓީވީއަށް އަރައި އެ ނަގައިދިން ފިލާވަޅުތައް އޭރު ޓީވީ ދޮށުގައި ތިބި ހުރިހާ ކުދިންގެ ބޮލުގައި މިހާރުވެސް ހަރުލާފައި ހުންނާނެ އެވެ.
އަމަތު އާންޓީގެ "ހާ ށަވިޔަނި" ޕްރޮގްރާމަށް އޮންނަ ޝައުގުވެރިކަން ބޮޑެވެ. އެއީ ޒަމާނުއްސުރެ ރާއްޖޭގައި ތާނަ އަކުރު ކިޔަވައިދެމުން އައި ވައްޓަފާޅި މުޅިން ބަދަލުކޮށްލި އަދި މިއަދު ވެސް އެންމެ މަގުބޫލު ދިވެހި "މާސްޓަ ޕީސް" އެވެ.
މި ފަހުރުވެރި މަސައްކަތަށް ފަހު އަމަތު އާންޓީ އަހަރެމެންނަށް ދުރުގައި ދުވަސްތަކެއް ވަދެން އުޅުމަށް ފަހު އަނެއްކާވެސް ބައްދަލުކުރަނީ އެވެ. މިހާރު އަމަތު އާންޓީއާ ބެހޭ ގޮތުން ދައްކަން ހުރީ ހާ ށަވިޔަނީގެ ވާހަކަ އަށްވުރެ މާ ބޮޑެތި ވާހަކަ އެވެ. ތުއްތު ކުދިންނަށް ކިޔަވައި ދިނުމުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީޗަރު އަދި ޕްރިންސިޕަލް 24 އަހަރަށް ވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާ އަށް ހިދުމަތްކުރެއްވުމަށް ފަހު، ޅަފަތުގެ ތަރުބިއްޔަތާއި ތަރައްގީ އަދި ހުރިހާ ކުދިން ޝާމިލް ކޮށްގެން ކިޔަވައިދިނުން ނުވަތަ އިންކްލޫސިވިޓީގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވައިގެން އަލުން ހިދުމަތް ފައްޓަވަނީ އެވެ.
އޮސްޓްރޭލިއާގެ މެލްބަންގެ ޑީކަން ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރެއްވުމަށާއި ވަޒީފާގައި އެ ގައުމުގައި ހޭދަކުރެއްވި ނުވަ ވަރަކަށް އަހަރަށް ފަހު މި ބައްދަލުކުރައްވަނީ މި އަހަރުގެ އޮގަސްޓް މަހު މާލޭގައި ހުޅުވާ ސިންގަޕޫރުގެ ފްރެންޗައިސް ސްކޫލް، މައިންޑް ޗޭމްޕްސް އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފީގެ މެނޭޖިން ޑިރެކްޓަރު އަދި އެ ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގަ އެވެ.
އަމަތުﷲ ޝަކީބު (އަމަތު އާންޓީ) ކުޑައިރު ގޭގައި ކިޔަވަނީ: އޭނާ ވަނީ ކުޑަކުދިންނަށް ކިޔަވައިދެއްވުމުގައި ތަފާތު މަސައްކަތެއް ކުރައްވާފައި.
އަމަތު އާންޓީ ވިދާޅުވި ގޮތުގައި އޭނާއަކީ ގްރޭޑް 10 ނިންމި އިރު ވެސް ކިޔެވުމަށް އެހާ ބޮޑަށް ޝައުގުވެރި އަދި މޮޅު ކުއްޖެއް ނޫނެވެ. އެހެންވެ، އަމަތަށް ފިލާވަޅުތައް ދަސްކޮށްދީ، އުނގަންނައި ދިނުމުގައި ގެންގުޅުނީ ތަފާތު އުފެއްދުންތެރި ގޮތްތަކެކެވެ. އެކަން ދަސްކޮށްދިނީ ކުޑައިރުއްސުރެ ވެސް ކިޔެވުމުގައި އެންމެ އެހީތެރިވެދެއްވި އޭނާގެ ބައްޕަ އެވެ. ޓީޗަރެއްގެ ގޮތުގައި އަމަތު އާންޓީ އެހެން ޓީޗަރުންނާ ތަފާތު ވަނީ ވެސް މި ތަފާތު އުކުޅުތަކާއި ވައްޓަފާޅީގެ ސަބަބުންނެވެ؛ ބައްޕަގެ ހުނަރެވެ.
އަމަތު އާންޓީގެ ބައްޕަ އަކީ ޓީޗަރެކެވެ. ގާރީކަމާއި އިމާމުކަން ވެސް ކުރެއްވި އެވެ. މަޖީދިއްޔާ ސްކޫލާއި އޭރުގެ އެމްއީއެސް އާއި އަމީނިއްޔާ އަދި ތައިބާ ފަދަ ސްކޫލްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޓީޗަރެއްގެ ގޮތުގައި އުޅުއްވި އެވެ. އަދި ހަތްދިހައިގެ ތެރޭގައި ލިބުނު އިތުރު ވަގުތުތަކުގައި މ. ރަންބުސްތާނުގޭގެ ފެންޑާގައި ގުރުއާން ކްލާސްތަކެއް ވެސް ހިންގެވި އެވެ. އެއީ އަމަތު ލިބުމާ އެކު، އޭނާ އަށް ކިޔަވައި ދިނުމުގެ ބޭނުމުގައި ފެއްޓެވި ކްލާސްތަކެވެ.
"އަދިވެސް ހަނދާން ހުރޭ، އަޅުގަނޑު ކުޑައިރު އަކުރު ދަސްކޮށްދެއްވަން ބައްޕަ ކުޑަ މޭޒެއް ތައްޔާރުކުރެއްވި. އަޑިން ލައިޓެއް ހަރުކޮށްފައި އަކުރުތައް ދިއްލޭ ގޮތަށް ތައްޔާރު ކުރެއްވީ. އެއީ ގާތްގަނޑަކަށް 1978. އޭރު މާ ބައިވަރު އުނގަންނައިދިނުމަށް ބޭނުންކުރާ ވަސީލްތްތަކެއް ނުވަތަ މެޓީރިއަލްތަކެއް ވެސް އެގޮތަކަށް ނުހުންނާނެ،" ގއ. މާމެންދޫގައި މިހާރު ވެސް ތަރުތީލުލް ގުރުއާންގެ ނަމުގައި ގުރުއާން ކްލާސް ހިންގަވާ ބައްޕައާ ބެހޭ ގޮތުން އަމަތު ވިދާޅުވި އެވެ.
"އެކަމަކު އަބަދުވެސް ވަރަށް ޝައުގުވެރި ގޮތްތަކަށް ކިޔަވައި ދެއްވާނީ. އެކަހަލަ ވަރަށް ލޯބި ހަނދާންތަކެއް ހުރޭ."
ބައްޕަގެ ގާތުން އެދުރުވެ އަމަތު ވެސް އަހަރެމެންނަށް ޓީވީއެމުން "ހާ ށަވިޔަނި" ޕްރޮގްރާމް ހުށަހަޅައިދިނީ އެ ހުނަރުތައް ބޭނުންކޮށްގެންނެވެ.
ގްރޭޑް 10 ނިންމައި ލަންކާ އިން ޕްރީ ސްކޫލު ޓީޗިން އިން ޑިޕްލޮމާ ހާސިލް ކުރިއިރު ވެސް ބައްޕަގެ އުންމީދަކަށްވީ ކޮންމެވެސް ދުވަހަކުން އަމަތު ހެޑްމާސްޓަރު ކޯސް ފުރިހަމަ ކުރުމެވެ.
ޑިޕްލޮމާއަށް ފަހު އޭރުގެ ހެންވޭރު ސްކޫލު (ފަހުން އަމީރު އަހުމަދު ސްކޫލު) ގައި އަމަތު މަސައްކަތް ފެއްޓެވީ 1992 ގަ އެވެ. އެ ސްކޫލުގައި 14 އަހަރު ވަންދެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު ޔުނިސެފާ ގުޅި، ތައުލީމީ ދާއިރާގައި މަސައްކަތް ފުޅާކުރެއްވި އެވެ. ޅަފަތުގެ ތަރުބިއްޔަތާއި ތަރައްގީގެ މަޝަރޫއެއް ކަމަށްވާ "ފުރަތަމަ ފިޔަވަޅު" ގެ ނަމުގައި ކުރިޔަށް ގެންދިޔަ އެއް އަހަރު ދުވަހުގެ މީޑިއާ ކެމްޕެއިނާއި ގައުމީ މަންހަޖުގެ ފައުންޑޭޝަން ސްޓޭޖު ތަރައްގީކުރުމާއި މި ދާއިރާއިން ޓީޗަރުން ބިނާކުރުމުގައި ވެސް އަމަތު ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.
ވަކި ހިސާބަކުން 2011 ގައި އަނެއްކާވެސް އަމީރު އަހުމަދު ސްކޫލުގެ ހެޑް ޓީޗަރެއްގެ ގޮތުގައި ދެ އަހަރު ވަންދެން މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން 2016 ގައި މާސްޓާސް ހާސިލް ހައްދަވަން އޮސްޓްރޭލިއާ އަށް ވަޑައިގަތުމާ ހަމައަށް ހުންނެވީ އަމީރު އަހުމަދުގެ ޕްރިންސިޕަލްގެ ގޮތުގަ އެވެ.
އަމަތުﷲ ޝަކީބު (އަމަތު އާންޓީ) "މިހާރު" އަށް އިންޓަވިއު ދެއްވަނީ. --- ފޮޓޯ:ފަޔާޒް މޫސާ | މިހާރު
އަމަތު އާންޓީއަކީ މިހާރު ރާއްޖޭގައި އާލީ ޗައިލްޑްހުޑް އިންކްލޫސިވް އެޑިއުކޭޝަން ނުވަތަ ޕްރީސްކޫލް އުމުރުފުރައިގެ ހުރިހާ ކުދިން ޝާމިލް ކޮށްގެން ކިޔަވައި ދިނުމުގެ ދާއިރާގެ މަދު ތަޖުރިބާކާރުންގެ ތެރެއިން އެކަކެވެ. ދާދި ފަހުން މި ދާއިރާ އިން ޕީއެޗްޑީ ނެގިޔަސް އެއީ އޭނާގެ ކިޔަވައިދިނުމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގެންގުޅުއްވި މުހިންމު އަސާސެކެވެ.
"ހެންވޭރު މަދަރުސާގައި އޭރު ޕްރިންސިޕަލަކަށް ހުންނެވީ ހަމްދޫން ހަމީދު. އެއީ އަޅުގަނޑުގެ އެންމެ ބޮޑު މެންޓާ. އެ ދުވަސްވަރު ވެސް ހަމްދޫން ވަރަށް ބޮޑަށް އިންކްލޫސިވް އެޕްރޯޗް ގެންގުޅުއްވާ. ބައެއް އެހެން ސްކޫލްތަކުގައި ނުކުޅެދުންތެރިކަމެއް ހުރެގެން ނުވަތަ އެހެން ކަމެއް ދިމާވެގެން ފުރުސަތެއް ނުލިބޭ ފަހަރު ވެސް ހަމްދޫން ބައްލަވާނެ ކޮންމެ ކުއްޖަކަށް ވެސް ހެންވޭރު މަދަރުސާގައި ޖާގަ ހުރި މިންވަރަކުން ފުރުސަތު ދެއްވަން،" އަމަތު ވިދާޅުވި އެވެ.
އަމަތު އާންޓީގެ ޕީއެޗްޑީ ވެސް ހާއްސަކުރެއްވީ ރާއްޖޭގައި ޅަފަތުގެ ތަރުބިއްޔަތާއި ތަރައްގީ މަރުހަލާގައި ހުރިހާ ކުދިން ޝާމިލް ކޮށްގެން ކިޔަވައިދިނުމުގެ މައްޗަށެވެ. އޭނާގެ ދިރާސާގެ ހޯދުންތަކަކީ ކުރިމަގުގައި ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާނެ މުހިންމު މައުލޫމާތުތަކެކެވެ.
ދިރާސާގެ އެންމެ މުހިންމު ހޯދުމެއްގެ ގޮތުގައި އަމަތު ފާހަގަކުރެއްވީ ޓީޗިން ހަދައިގެން ނުކުންނަ ޓީޗަރުންނަށް އިންކްލޫސިވް ކްލާސްރޫމްތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބެންވާވަރަށް ނުލިބުމެވެ. އެކަށީގެންވާ ތަމްރީނު ނެތި މިފަދަ ކްލާސްރޫމްތަކުގައި މުދައްރިސުން ކިޔަވައިދޭން ޖެހުމެވެ.
"ކިޔަވައިގެން ވަރަށް ގިނަ މީހުން އެބަ ނުކުމޭ، އެކަމަކު އަޅުގަނޑަކަށް ހިއެއްނުވޭ ސަމާލުކަން ދޭންޖެހޭ ވަރަކަށް ދެވޭ ހެނެއް އެ މުދައްރިސުންނަށް އެންމެ ރަނގަޅަށް ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭ މާހައުލެއް (އިންކްލޫސިވް ކްލާސްރޫމެއްގައި) ތަޖުރިބާ ކުރަން. މިސާލަކަށް މި ޒަމާނުގައި ކޯހެއް ހަދައިގެން ނުކުމެވިދާނެ،" އަމަތު ވިދާޅުވި އެވެ.
އަމަތު އާންޓީގެ ދިރާސާގައި ރާއްޖޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ކިޔަވައިދީފައިވާ ގިނަ އަދަދެއްގެ ޓީޗަރުން ބައިވެރިކުރި އެވެ. އެ ހުރިހާ ޓީޗަރުންގެ ފަރާތުން ފެނުނީ އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާ އަށް އަހުލުވެރި ނޫން ކަމެވެ.
އަމަތުﷲ ޝަކީބު އިންޓަވިއުދެނީ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ރާއްޖޭގެ ތައުލީމީ ނިޒާމުގައި އިންކްލޫސިވް އެޑިއުކޭޝަން ރަސްމީ ސިފައެއްގައި ފެށުނީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. މިހާތަނަށް އައިއިރު މި ރޮނގުން ގިނަ މަސައްކަތްތަކެއް ކުރެވި، އެދެވޭ ނަތީޖާތަކެއް ވެސް އަންނަނީ ފެންނަމުންނެވެ. އެކަމަކު، އަދިވެސް ގިނަ ބަޔަކަށް މިއީ ހަމައެކަނި "ސިޔާސަތެކެވެ". ތަރައްގީ ވެފައިވާ ގައުމުތަކުގައި ކިޔަވައިދިނުމަށް ގެންގުޅޭ މޮޑެލް އެކެވެ. އަމަތުގެ ދިރާސާ އިން މިކަން ވެސް ފާހަގަވި އެވެ.
އެކަމަކު އަމަތު ދެކެވަޑައިގަންނަވާ ގޮތުގައި އިންކްލޫސިވް އެޑިއުކޭޝަން އަކީ "ގުޑް ޓީޗިން" އެވެ. އެއީ "ފޮރިން ޕްރޮޑަކްޓެއް" ރާއްޖެ ގެނެސް ތަންފީޒު ކުރުން ކަމުގައި ނުބަލައި އިސްލާމީ ތާރީހާއި އަދި ސުންނަތުން ވެސް ސާބިތުވާ މުހިންމު އަސާސެއްގެ ގޮތުގައި ބަލައިގަނެ ތައުލީމީ ނިޒާމުގައި މި ނަޒަރުން ތަންފީޒުކުރުން މާ ރަނގަޅުކަމަށް އޭނާ ގަބޫލު ކުރެ އެވެ.
އަޅުގަނޑުމެން ކޮންމެ ދިވެއްސަކީ މުސްލިމެއް. އެންމެހާ ރިވެތި ދީނީ އަހްލާގާއި އާދަތައް ހުންނަންޖެހޭ ބައެއް. އެހެންވީމަ ކީއްކުރަންތޯ އަޅުގަނޑުމެން އިންކްލޫސިވް އެޑިއުކޭޝަން ފޮރިން މޮޑެލްއެއް ގޮތަށް މި ބަލަނީ؟: އަމަތު
އެކިވަރަށް ގާބިލްކަން ހުރި ކުދިން އެއް ކްލާހެއްގައި ކިޔަވާއިރު، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ވެސް އެ ފަރާތްތަކަށް އެކަށީގެންވާ ގޮތަށް ފޯރުކޮށްދެވޭކަން ކަށަވަރު ކުރުން މުހިންމެވެ. ކުލާހެއްގައި އިތުރު އެހީއަށް ބޭނުންވާ ކުދިންނަށް ޓީޗާސް އެއިޑް ނުވަތަ ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ވަކި މުދައްރިސެއް ހުރުން ފަދަ އިންތިޒާމުތައް ވެސް ހުންނަން ޖެހެ އެވެ.
އޮސްޓްރޭލިއާގައި އަމަތު ކިޔަވާދިން ކްލާސްރޫމެއްގެ މަންޒަރެއް --
މާސްޓާސް ނިންމުމަށް ފަހު އަމަތު އާންޓީ ވަނީ އޮސްޓްރޭލިއާގައި ކިޔަަވައިދިނުމުގެ ތަފާތު ތަޖުރިބާތަކެއް ވެސް ހޯދައިފަ އެވެ. ޔުނިވާސިޓީގެ ޓީޗިން ކޯސްތަކުގައި ޑިގްރީ ޕްރޮގްރާމަށް އިންކްލޫސިވް އެޑިއުކޭޝަން އަދި މާސްޓާސް ޕްރޮގްރާމަށް އާލީ ލިންގުއިސްޓިކްސް މޮޑިއުލް ކިޔަވައިދެއްވި އެވެ.
އަބަދުވެސް ކުޑަކުދިންނަށް ކިޔަވައިދޭ ހިތްވާ އަމަތު އާންޓީ އަށް މި ކްލާސްރޫމްތަކުގެ ތަޖުރިބާ އަދި މުޅިން ތަފާތެވެ. އުމުރު ތަފާތުވެފައި، ފިލާވަޅުތައް މަތި ނަމަވެސް ކޮންމެ ދުވަހެއްގެ ފިލާވަޅުތައް ވެސް ކުރިއަށް ގެންދިޔައީ ދަރިވަރުން ގަޔާވާ، ޝައުގުވެރިވާ ކްލާސްތަކެއްގެ ގޮތުގަ އެވެ. އެ މާހައުލާއި ފިލާވަޅު ނަގައިދޭ ގޮތާއި ކުދިންނާ ބަހައްޓާ ގާތްކަމަކީ ކޮންމެހެން ވެސް އަމަތު ހިފަހައްޓަވާ އުސޫލުތަކެވެ.
ބެނޮވެލެންސް އޮސްޓްރޭލިއާ ނަމަކަށް ކިޔާ މުސްލިމް ޖަމިއްޔާއަކުން ހިންގާ ބެނެ ކިޑްސް އިސްލާމިކް ސްކޫލުގައި އޭނާވަނީ ހިލޭ ސާބަހަަށް ކިޔަވައިދެއްވައިފަ އެވެ. މިއީ ޒަމާނީ ގޮތްތަކަށް އިސްލާމްދީން އުގަންނައިދޭ ސްކޫލެކެވެ. މި ސްކޫލުގައި ތުއްތު ކުދިންނަށް ޝައުގުވެރި އެކި ހަރަކާތްތަކާއި ފިލާވަޅުތަކުން އިސްލާމް ދީނާއި މާތްﷲގެ އިސްމުފުޅުތަކާއި އަދި އެ ނޫން ވެސް އަގީދާގެ ކަންކަން އުނގަންނައިދޭ ގޮތަކީ، ދީނީ ކަންކަން ތުއްތު ކުދިންގެ ޅަ ސިކުނޑިތަކަށް މާނަ ފުން އަދި ޝައުގުވެރި ގޮތަކަށް ކިޔަވައިދެވޭނެ މުޅިން އާ ގޮތްތަކަކަށް ލޯ ހުޅުވިގެންދިޔަ ކަމެއްގެ ގޮތުގައި އަމަތު ސިފަކުރެއްވި އެވެ.
އަމަތުﷲ ޝަކީބު ގްރެޖުއޭޭޝަން ހަފްލާގައި: އޭނާ ހިދުމަތަށް އެނބުރި ވަޑައިގަންނަވަނީ އެތައް އަހަރެއް ފަހުން.
މެދުކެނޑުމަކަށް ފަހު އަލުން ރާއްޖޭގައި ހިދުމަތް ފައްޓަވާއިރު އެންމެންގެ ވެސް ސުވާލަކީ "ހާ ށަވިޔަނި" ޕްރޮގްރާމް ކަހަލަ އިތުރު ޕްރޮގްރާމެއް ފެނިދާނެތޯ އެވެ. "މިހާރު އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ ދިވެހިބަހުގެ ފޮނިކްސް އަށް ހާއްސަ ޕްރޮގްރާމެއް ހެދުން. އެއީ ކުދިން ޝައުގުވެރިވާ ގޮތަށް އަދި ކުދިންނަށް ފަސޭހައިން އަވަހަށް ބަހަށް އަހުލުވެރިވެ ދަސްވާގޮތަށް ތައްޔާރުކުރެވޭ ޕްރޮގްރާމެއް،" އަމަތު ވިދާޅުވި އެވެ.
މި ޕްރޮގްރާމް އެކުލަވާލަން މިހާރު އަންނަނީ ދިރާސާކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އޭނާ ވިދާޅުވީ މި މަސައްކަތުގެ މާ ބޮޑު ތަފްސީލަކަށް ދިއުން މިވަގުތަށް އަދި މާ އަވަސް ކަމަށެވެ.
އަމަތު އާންޓީގެ މި ހިދުމަތްތެރި ހަޔާތުން ފާހަގަވާ އެންމެ މުހިންމު ކަމަަކީ، ކިތަންމެ ދުރަށް ދެވުނަސް، އަމިއްލަ ފަލްސަފާތަކާއި ދުރަށް ނުދިއުމެވެ. ކުދިންނާ އެ ބަހައްޓާ ގާތްކަމާއި، އެކުދިންގެ ޅަ ސިކުނޑިތަކަށް ވިސްނޭހެން އަދި ކިޔަވަން ޝައުގުވެރިވާނެހެން އުނގަންނައިދިނުމަށް ކުރި ލޯތްބެވެ. އަމަތު މި ހުރިހާ ކަމެއްގެ ޝުކުރު އަދާކުރައްވަނީ އޭނާގެ މަންމަގެ ދެގޮތެއް ނުވި ސާބިތުކަމާއި، ބައްޕަގެ ފޮނި އުންމީދާއި ހިތްވަރުން އަޅައިދެއްވި ބިންގަލަށެވެ.
މި މަންމަގެ ކެތްތެރިކަމާއި ހިތްވަރަށް ނިމުމެއް ނެތް!
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
ހައްޖު ހަދިޔާއަށް ކާފަ ދިން މުސްހަފުން އަލިވީ ހަޔާތެއް
މި ކަވި މަސައްކަތުން ފާއިޒާ އެންމެން އާޝޯހުކޮށްލަނީ
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
ޒުވާނުންނަށް ޒުވާން ޝައިހެއް
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ކުއްޅަވައް މޮހީޓޯ އިން ލަންދޫ ފަހުރުވެރިކޮށްލި ޖައުފަރު
ކެންދޫ އައްޔަބެ: މިވަރުގެ ޚިދުމަތްތެރިޔަކު އެބަހުރިތަ؟