ބ. ކަމަދޫ ޗާންދަނީގޭ، އާމިނަތު ސަދުނާގެ އަލަތު ދަރިފުޅަށް އުމުރުން ދެ އަހަރު ފުރެންދެން ހުރިހާ ކަމެއް ވެސް ބަރާބަރެވެ. އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ދުވެ، ކުޅެ ހަދަ އެވެ. ކުލަ ޖައްސައި، ވާހަކަ ވެސް ދައްކަ އެވެ. އެކަމަކު އެ އުފާވެރިކަން ދެމިހުރީ ކުޑަ ވަގުތުކޮޅަކަށެވެ.
09 މާޗް 2025
ބ. ކަމަދޫ ޗާންދަނީގޭ، އާމިނަތު ސަދުނާގެ އަލަތު ދަރިފުޅަށް އުމުރުން ދެ އަހަރު ފުރެންދެން ހުރިހާ ކަމެއް ވެސް ބަރާބަރެވެ. އެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ދުވެ، ކުޅެ ހަދަ އެވެ. ކުލަ ޖައްސައި، ވާހަކަ ވެސް ދައްކަ އެވެ. އެކަމަކު އެ އުފާވެރިކަން ދެމިހުރީ ކުޑަ ވަގުތުކޮޅަކަށެވެ.
ދެ އަހަރުގައި ކުއްލިއަކަށް ތުއްތު ޝައިމަން އަޑުއިވުމުން މަހުރޫމުވި އެވެ. ސިކުނޑީގައި ހުރީ ފެން ހެދިފަ އެވެ. އޭރުއްސުރެ ރަށުން ފުރައިގެން މާލެއިންނާއި އިންޑިއާ އިން ވެސް އެތައް ފަހަރަކު ބޭސްކުރި އެވެ. އުމުރުން ފަސް އަހަރު ހަމަވިއިރު ޝައިމަންގެ ފައި ހިއްލެމުން ހިއްލެމުން ގޮސް ބިންމަތީގައި ޖެއްސެނީ އިނގިލިތަކުގެ ވެސް ކޮޅެވެ. އޮޕަރޭޝަންކޮށް ކުޑަ ދުވަސްކޮޅެއްގެ ލުޔެއް ލިބުނަސް މަޑުމަޑުން ހަރަކާތް ކުޑަވެ، އުމުރުން 13 އަަހަރުގައި މި ދުނިޔެއާ ވަކިވީ އެވެ.
އެ ހިތްދަތިކަމާއި ވޭނުން މުޅިއަކުން އަރައިނުގަނެވުނީސް، އަނެއްކާވެސް އެ ކެކުޅުންތަކުގެ ރަނގަބީލު ޖެހީ ތިންވަނަ ދަރިފުޅު ޝާޔަން އަށް ވެސް ހަމަ ދެ އަހަރުގައި އަޑުއިވުމުގެ މައްސަލަތަކެއް ދިމާވުމުންނެވެ.
ދޮށީ ދަރިފުޅު ޝައިމަން (ދޮންބެ) ނިޔާވިއިރު ވެސް ރާއްޖެ އާއި އިންޑިއާ އިން ވެސް މި ބަލި ދެނެގަނެވޭ ގޮތެއް ނުވި އެވެ. އޭނާގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅާއި އެންމެ ހަގު ދަރިފުޅު (ޝަޔާން) އަކީ މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް ކަމަށްވާ މިއުކޮޕޮލިސެކަރިޑޯސިސް ނުވަތަ ސެންފިލިޕޯ ސިންޑްރޯމް ހުންނަ ދެބެއިންނެވެ.
ޝާޔަން އާއި އޭނާގެ ދައްތަގެ ކުރީގެ ފޮޓޯއެއް ފޯނުން ދައްކަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު
ހެޔޮހާލުގައި އުފަންވެ، އުފަލުގައި ބޮޑުވެ ވަކި ހިސާބަކުން ލޮލުގެ ނޫރު ކަމުގައިވާ މި ތުއްތު ފުރާނަތަކަށް އަލްވަދާއު ކިޔަންޖެހޭ ކަމުގެ ހިތްދަތި ވާހަކަތައް އަޑުއެހުމަކީ ކޮންމެ ކޮންމެ ހިތަކަށް ކުޅަދާނަ ކަމެއް ނޫނެވެ.
އެކަމަކު އެ ކުދިންނަށްޓަކައި މި މަންމަ ދައްކަނީ ގަދަ ހިތްވަރެވެ. އެ ލޮލުގެ ކަރުނަތަކުން އާކުރަނީ ނުގުޑާނެ ކެތްތެރިކަމެވެ. މި ބަލީގައި އޭނާގެ އެންމެ ހަގު ދަރިފުޅު ދުނިޔޭގައި ހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކުރަނީ އުމުރުން 10 އަހަރު ވަންދެންނެވެ. މި ބަލީގެ އެއްވެސް އަލާމާތެއް އަންހެން ދަރިފުޅުގެ ކިބައިގައި ނެތެވެ.
ޝާޔަން: ޝާޔަންއަށް ޖެހިފައިވަނީ ސިމްފެލިކް ސިންޑްރޯމް ކިޔާ މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް -- ފޮޓޯ:ނިޝާން އަލީ/މިހާރު
ސަދުނާ އާއި އޭނާގެ ފިރިމީހާ އަލީ މުސްތަފާ ދިމާވީ ރަށު ސްކޫލްގައި ކިޔަވަމުން ދަނިކޮށެވެ. އޭރުއްސުރެ އެ ލޯބީގައި ފަނޑުކަމެއް ނެތެވެ. އެކަމަކު އެ ދެމަފިރިންގެ ހަޔާތުގައި އުފާވެރި ދުވަސްތަކަށް ވުރެ ގިނައީ ހިތްދަތިކަމާއި ކަރުނަ އެވެ.
ސަދުނާއާ ބައްދަލުކުރަން އަހަރެމެން ޗާންދަނީގެ އަށް ވަދެގެން އައިއިރު ވެސް ފާހަގަވީ މުޅި ގޭތެރެ އޭނާގެ ލޯބިވާ ދަރިންނަށްޓަކައި ތައްޔާރު ކޮށްފައިވާލެއް ޗާލު ކަމެވެ. "ޗައިލްޑް ޕްރޫފް" ކަމެވެ. އެ ގޭގެ ކޮޓަރިތައް ތަޅެއް ނުލެވެ އެވެ. ހުންނަނީ އެތެރެއިން ދޮރުގެ އަތް ނުލެވޭ ހިސާބުގައި ތަންޑެކެވެ. ކުޑަދޮރުތަކުގެ ވެސް މަތިންނާއި ތިރިން ތަންޑެކެވެ. މުޅި ކޮޓަރީގެ ބިންމަތީގައި ގޮދަޑި އެވެ. އެއީ މީގެ 21 އަހަރު ކުރިން ވެސް އޭނާގެ ކޮޓަރި ޝައިމަން އަށް ވެސް ތައްޔާރު ކޮށްފައި ހުރި ގޮތެވެ.
"... އެއީ ދޮންބެ އަށް ފައިގެ ކޮޅު ޖައްސައިގެން ހިނގޭތީ ވަރަށް ގިނައިން ވެއްޓި ބޯފަޅައިގެން ދޭ. ހަމަ ދުޅަވެފައި ހުންނާނީ. ޝަޔާން އިރާދަކުރެއްވިއްޔާ އެހެން ނުވޭ. ފުރަތަމަ ދަރިފުޅު ވީމަ އޭރު އަހަރުމެންނަށް ނޭގެނީ އެހާ ބޮޑަށް،" ކޮޓަރިތެރޭގައި ގޮދަޑި އަޅަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ސަދުނާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި، ދެބެއިންގެ ވެސް ސިފަ އާއި މިޒާޖު އަދި ޝައުގު ހުންނަ ކަންކަން ވެސް ވަރަށް އެއްގޮތެވެ. ބަލިވަމުންދިޔަ ގޮތާއި އަންނަން ފެށި ބަދަލުތަކުގައި ވެސް ތަފާތެއް ނެތެވެ.
"ބަލިވާން ފެށި ފަހުން ވަރަށް ހައިޕާވޭ. އަސްލު ނުވެސް ހިފެހެއްޓޭ. ސައުވީސް ގަޑިއިރު ހުންނަން ޖެހެނީ ކައިރީގައި. ފަން ވިޔަން ވެސް އިންނަނީ ހަމަ ސިޓިންރޫމުގައި ހުރިހާ ދޮރުތަކެއް ލައްޕައިގެން، ކުޅޭނެހާ ސާމާނެއް އެއްކޮށްގެން. މި ކޮޓަރިއަކު ވެސް ނުހުންނާނެ ހުސް އެންމެ ތަންކޮޅެއް ވެސް. ކުޑަ ތަންކޮޅެއް ވިއްޔާ ވެސް އަމިއްލަ އަށް ބާލިސް ފަހައިގެން ގޮދަޑިން ސްޕޮންޖު ނަގަައިގެން ހަދާފަ ހުންނާނީ،" ސަދުނާ ކިޔައިދިނެވެ.
ސަދުނާ "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.--- ފޮޓޯ:ނިޝާން އަލީ/މިހާރު
ޝައިމަންގެ އުމުރުން ހަތަރު އަހަރުގައި ދެފައިގެ ބޮޑު އޮޕަރޭޝަނެއް ކުރި އެވެ. ތިން މަސް ވަންދެން އިންޑިއާގައި ހޭދަކުރި މި ދުވަސްތަކަކީ ސާދުނާ ބުނާގޮތުން އޭނާގެ ހަޔާތުގެ އެންމެ ހިތްދަތިވި ދުވަސްތަކެވެ. އިންޑިއާގެ ޓްރިވެންޑްރަމްގެ ޓީއާރްއެސް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނަށް ފަހު، އައިސީޔޫގައި އެތައް ދުވަހެއް ވަންދެން ޝައިމަން ބޭއްވި އެވެ. ނަމަވެސް ހާލަތުގެ ގޮތުން ދަރިފުޅު ކައިރިއަށް ވަދެވެނީ އޭނާ އަށް އެކަންޏެވެ.
"މިތަނުން [ބޮޑުވާ އިނގިލި ކޮޅުން] އިންނަނީ ދަގަނޑު ވައްދާފައި ބަޅު ކޮށްފައި. ތިން މަސްވިއިރު ވެސް އެ ދަގަނޑު އިން. އައިސީޔޫގައި އޮންނައިރު ވެސް ފައި ތަޅުވާލާ ބޮޑީގައި އެ ދަގަނޑު ބުޅިވެފައި އިންނާތީ ބެޑުޝީޓުގައި އަޅައިގަނެގެން ފައި ދަމައިގަތީމާ ދަގަނޑުގަނޑު ފައިން ނުކުމޭ،" ދަރިފުޅުުގެ ހާލު ފެނި އޭނާގެ ރުއިމަށް އައިސީޔޫގައި ތިބި އެހެން މީހުން ވެސް އައިސް އޮޅުލައި ބައްދާލި ކަން ފާހަގަކުރަމުން ސަދުނާ ބުންޏެވެ.
"އަނެއްކާ ހަމަ އެ މީހުން އައިސް ދަގަނޑުގަނޑު ކޮށްޕާލާ އެތެރެއަށް ހަމަ ކުރިމަތީގައި. ދެން ހަމަ ރޯލަ ރޯލާ އޮންނަނީ. ދަރިފުޅު އޮތީ ހަމަ އެއްކޮށް ދުޅަވެ ރަތްވެފައިި."
ޝާޔަންގެ ފައި: ބަލި ބޮޑުވެ މިހާރު ޖެއްސެނީ ހަމައެކަނި ފައިގެ އިނގިލިތަކުގެ ކޮޅު.--- ފޮޓޯ:ނިޝާން އަލީ/މިހާރު
ދަރިފުޅުގެ ބައްޕަ އައިސީޔޫ އަށް ވެއްދޭ ގޮތްވީ ރަށުގެ އެހެން ބަޔަކާ ދިމާވެ، އެ މީހުން ވެސް ހޮސްޕިޓަލުގައި އެދުމުންނެވެ. އެ ހަނދާންތަކާ އެކު ސަދުނާ ބުނީ ދަރިފުޅުގެ ޕްލާސްޓަރު ބަދަލުކުރަން ވެއްދިއިރު ފަޔަށް ޖަހާފައި ހުރި ހީރަސްތައް ފެނުމުން ވެސް "ހިތް ފަޅަފަޅައިގެން" ދިޔަ ކަމަށެވެ. އެ އޮޕަރޭޝަނަށް ފަހު ކުޑަކުޑަ އުންމީދެއް އާވިޔަސް، ފައިގެ ހަރަކާތްތައް ކުޑަ ދުވަސްކޮޅަކުން އަނެއްކާވެސް ކުރީގެ ހާލަތަށް ދިޔަ އެވެ.
"އޮޕަރޭޝަނަށް ފަހު ކޮޅަށް ވެސް ހުރި، ހިނގަން ވެސް ހިނގުނު. އެކަމަކު އަނެއްކާވެސް ފައިގެ ކޮޅު ޖައްސަން ފަށައި، ދެން ހަމަ އެއްކޮށްވެސް ނުހިނގޭ. ނިޔާ ވަންދެން ވެސް ދޮންބެ ގެންގުޅެނީ މިހާރު ޝަޔާން ވެސް ގެންގުޅޭ ހެން ހަމަ ގޮނޑިއެއްގައި. ހަރަކާތްތައް ދަމުން ދަމުން ދަނީ."
ޝައިމަން އަށް ޖެހުނު ބައްޔެއް ނޭނގި ސިކުނޑީގައި ފެން ހުރި މައްސަލައަށް ކޮންމެ ދުވަހަކު 13 ގުޅަ ބޭސް ދޭން ޖެހުނެވެ. ކޮށި އަރާވަރުން އޭނާ އަށް ކާންދޭން އޭރު ގެންގުޅުނީ ސިރިންޖެކެވެ. އެކަމަކު އެ ސިރިންޖުން ދޭ ކުޑަ ދިޔަ ފޮދުގެ ވެސް ބޮޑުބައި އޮންނަނީ ކަރުދަށުގައި ބާއްވާފައި އޮންނަ ފޮތިކޮޅުގަ އެވެ.
"އޭރަކު ނޭގޭ. މިހާރު ޝަޔާންގެ ބަލި އެނގުނީމަ އެބަ އެނގޭ ކޮށި އަރަނީ ހޮޅިތަކުގެ އެ ބާރު ނުހުންނާތީވެކަން. ދެން ނުބައި ހޮޅިއަކަށް ގޮސްގެން މި ކޮށި އަރަނީ،" ސަދުނާ ބުންޏެވެ.
ދޮންބެ ނިޔާވީ ވެސް މިގޮތަށް ކޮށި އަރައިގެން ކަމަދޫން އޭދަފުއްޓަށް ގޮސް އަދި އޭދަފުށިން އެރޭ މާލެ ގެނެސް އެޑްމިޓް ކޮށްގެން ފަރުވާ ދެނިކޮށެވެ. ދޮންބެ ނިޔާވީ ހާލު ދެރަވެ، ދެމަހެއްހާ ދުވަސް ވަންދެން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިން ފަހުންނެވެ. އޭރު ސަދުނާގެ ދެވަނަ ދަރިފުޅަށް އަހަރެއް ފުރުނީ ކިރިޔާ އެވެ. ދަރިފުޅަށް ގާތުން ދެމުން އައިސީޔޫގައި ބާއްވާފައި އޮތް ދޮށީ ދަރިފުޅާ ބައްދަލުކުރެވެނީ އެހާ މަދުންނެވެ.
ސަދުނާ އޭނާގެ ދަރިފުޅު ޝާޔަންއާ އެކު.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ހީސްލާއިރު ދިލަނަގާތީވެއާ އެކު، އެ މީހުން ހުރީ ބެލޫންއެއް ކަހަލައެއް އެއްޗެއް ގުޅާފައި. އެ ދުވަހު ނެޕީ ބަދަލުކުރަމުން ބެލި އިރު ދޮންބެގެ ހީސްލާ ތަން އޮތީ އެއްކޮށް ގިރިފައި. ކިހާ ތަދުވާނެ. ކިހާ އުނދަގޫވާނެ. އެ ގަޑީގައި ހިތަށް އެރި ބޭނުމެއް ނޫނޭ މި ވޭނުގައި މަގޭ ދަރިފުޅު ބާއްވާކަށް. ބުނިން ހީސް ހޮޅި ގުޅަން ވިޔަސް އޭތި އުފުރާލަދޭށޭ،" އެ ހަނދާންތަކުން ލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތަކާއެކު ސަދުނާ ކިޔައިދެމުން ދިޔަ އެވެ.
ނުތަނަވަސްކަމާއި ހިތްދަތިކަމުގައި ހޭދަކުރި ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއިރެއްގައި ވެސް ހަނދާން ކުރެވެނީ ދަރިފުޅު އުފުލަމުންދިޔަ ވޭނެވެ. ލޯ މަރާލާފައި ހުޅުވާލެވޭ ކޮންމެ އިރަކު ވެސް ހިތަށް އަރަނީ ދަރިފުޅު އަދި ދުނިޔޭގައި އޮތް ތޯ އެވެ.
"އޮށޯވެލާފައި ހޭލާއިރުވެސް ހިތަށް އަރަނީ އަނެއްކާ މިހާރު ދަރިފުޅު އޮންނާނެ ބާވައޭ. ދޮންބެ ނިޔާވި އިރު އަޅުގަނޑު ހުރީ ގޭގައި. އެރޭ 1 ޖެހި ހާއިރު ދައްތަ ބުނީ ހިނގާށޭ ދާން ހޮސްޕިޓަލަށް. އެ ހިސާބުން އެނގިއްޖެ އަސްލު ނިޔާވީކަން."
ޝައިމަންގެ ހަނދާންތައް މިއަދުވެސް ދެންމެ ދެންމެ ވީ ކަމެއްހެން ސަދުނާގެ ހަނދާނުގައި ހުރެ އެވެ. ވަކިވި ލޯބި ދަރިފުޅުގެ މަތިން ހަނދާންވެ ދެރަވިޔަސް، އެ ދަރިފުޅެ ބެލުމަށް ކުރި މަސައްކަތާ މެދު ސަދުނާ ފަހުރުވެރިވެ އެވެ.
"ދެރަވޭ، އެކަމަކު ހިތްހަމަ ޖެހެނީ ދަރިފުޅުނު ބެލުނު ގޮތާ ދޭތެރޭ. މަންމައަކަށް ބެލޭނެ އެންމެ ރަނގަޅަކަށް ބެލިން. ކުޑަމިނުން މަދިރިއެއް ވެސް ހެފިޔަކަ ނުދެން."
ސަދުނާ އޭނާގެ ދަރިފުޅު ޝާޔަން އާ އެކީ ބޭރުގައި.--- ފޮޓޯ:ނިޝާން އަލީ/މިހާރު
އޭނާގެ ކުދިންނަށް ދިމާވެފައިވާ މި ބަލި ދެނެގަނެވުނީ ޝަޔާން އަށް އަޑުއިވުމުގެ މައްސަލަތަކެއް ދިމާވެ، ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކައި ސާމްޕަލްތައް އެމެރިކާ އަށް ފޮނުވައިގެން ހެދި ތަހުލީލުތަކުންނެވެ. އަދި ކުރިން ނިޔާވި ޝައިމަންގެ ވާހަކަތަކުން ވެސް ޔަގީންވީ މިއީ ފަަރުވާއެއް ނެތް، އުމުރު ކަނޑައެޅިފައިވާ ބައްޔެއް ކަމެވެ.
ބަލި ދެނެގަނެވުމާ އެކު، އޭރު ސްރީ ލަންކާ އަށް ވެސް ދަރިފުޅު ގޮވައިގެން ދިޔަ އެވެ. ނަމަވެސް ފަރުވާއެއްގެ ބަދަލުގައި ޑޮކްޓަރުންނަށް ދެވެނީ ނަމްބަރެކެވެ. މިލިއަނުން ހަރަދު ކޮށްގެން އިންޑިއާގައި މިކަމަށް ކުރެވޭ 50-50 އޮޕަރޭޝަނެއްގެ ވާހަކަ ވެސް ބުނި ކަމަށް ސަދުނާ ބުންޏެވެ. އެކަމަކު އިންޖެކްޝަނެއްގެ އިތުރަށް ދަރިފުޅުގެ ހަށިގަނޑުގައި ވޭން އަޅާނެ އިތުރު އެއްވެސް ކަމެއް ކުރާކަަށް މި ދެމަފިރިން ދެން ބޭނުން ނުވެ އެވެ.
"އިންޖެކްޝަނެއްގެ އިތުރަށް ދަރިފުޅުގެ ގައިގައި ވޭން އަޅާނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން. އެއީ އަނެއް ދަރި ގައިގަ އެ އެޅި ވޭން މި ދަރީގެ ގައިގަ އަޅާކަށް ބޭނުމެއް ނޫން. އޭރު ހަމަ ހިތް ކުދިކުދި ވި ދޮންބެގެ ހާލުން. "
ޝާޔަން ބައްޕައާ އެކު ވަގުތުތައް ހޭދަކުރަނީ.---- ފޮޓޯ:ނިޝާން އަލީ /މިހާރު
ޝަޔާން ގޮނޑީގައި ގެންގުޅޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. ހަރަކާތްތައް ދަނީ ދަށްވަމުންނެވެ. ކޮށިއެރުމުގެ މައްސަލަތައް ބޮޑުވެ، މި ފަހުން ވަނީ ބަނޑަށް ހޮޅި ލައްވައިފަ އެވެ.
ދޮށީ ދަރިފުޅު ބަލިވުމާ ހަމައަށް ވެސް ސަދުނާ އާމްދަނީ ހޯދީ ގޭގެ އަށް ގޮސް އެކި މަސައްކަތް ކޮށްދީގެންނާއި ގޭގައި އިނދެ ފަންގިވިޔެ އަދި ރިސޯޓުތަކަށް ކައްކައިދީގެންނެވެ. ކުދިންގެ ބައްޕަ ރިސޯޓުގައި ވެސް މަސައްކަތްކުރި އެވެ. ނަމަވެސް ދަރިފުޅު ބަލިވުމުން އެ މަސައްކަތް ދޫކޮށް މިހާރު ކުރަނީ ރަށުތެރޭގެ އެކި މަސައްކަތްތަކެވެ.
ކޮންމެ ދުވަހަކުވެސް ސަދުނާ ޝާޔަން ގޮވައިގެން ބޭރަށް ނުކުމެލާ -- ފޮޓޯ:ނިޝާން އަލީ/މިހާރު
މި ދުވަސްވަރު ޝަޔާން އަށް އެއްގޮތަކަށް ވެސް ރޭގަނޑަކު ނުނިދެ އެވެ. އެހެންވެ، ސަދުނާގެ ދެމަފިރިން ތިބެނީ ދަރިފުޅާ އެކު ހޭލަ އެވެ. ނިދަނީ ދަރިފުޅަށް ވެސް ލޯ މެރި ހަމަޖެހުމެއް ލިބުމުންނެވެ. އެކަމަކު، އެއީ ކުޑަހިނދުކޮޅެކެވެ. މިހާރު ވެސް ރިސޯޓުތަކުން ކެއްކުމުގެ އޯޑަރުތައް ބަރާބަަރަށް ނަގަ އެވެ. އަދި ކޮންމެ ދުވަހަކު ހަވީރު ސަޔަށް ރަހަމީރު ތާޒާ ހެދިކާ ހަދާފައި ވިއްކަ އެވެ. މި ރޯދަމަހަށް ކޮންމެ ދުވަހަކު 300 ހެދިކާ ރިސޯޓުތަކަށް އެކަނި އޭނާ ހަދާދެ އެވެ.
ރަށުތެރޭގެ އެކި މަސައްކަތުގައި ފިރިމީހާ އުޅޭއިރު، ގޭތެރޭގެ ޒިންމާތަކާ އެކު ޝަޔާންގެ ކަންކަން ވެސް ވަގުތުން ވަގުތަށް ވަރަށް ފުރިހަމައަށް ސަދުނާ ބަލަހައްޓަ އެވެ. ރޭގަނޑު ވިޔަސް ކޮންމެ ދުވަަހަކު އެއްފަހަރު މަދުވެގެން ޝަޔާން ގޮވައިގެން ބޭރަށް ނުކުމެ އެވެ. ދިރިއުޅުމުގެ ޒިންމާތައް ދެމަފިރިން ބަހާފައި އޮންނަލެއް ފުރިހަމަ އެވެ. ދަރިންނަށް ދޭންޖެހޭ ލޯތްބާއި ވަގުތަށް ކުޑަވެސް ބުރުލެއް ނާރަ އެވެ.
ޝާޔަންއާ ބައްޕަ : ބައްޕަ އައިސް ގޮވާލުމުން ހިނިތުންވެފައި -- ފޮޓޯ:ނިޝާން އަލީ/މިހާރު
ދުލުން ނުބުނެވުނަސް، އަދި ހަތަރުކަޅި ހަމަ ނުކުރެވުނަސް ޝަޔާންގެ މޫނުމަތިން ވެސް އޭނާގެ މަންމަ އާއި ބައްޕަ ފެނުމުން މަޑު ހިނިތުންވުމަކާ އެކު އެ އުފާވެރިކަން އިހުސާސް ކުރެވެ އެވެ. މަންމަ އާއި ބައްޕަ ދެކެ ފަހުރުވެރިވާ ކަމަށް ބުނެލާ ކަހަލަ އެވެ. އެ ކެތްތެރިކަމާއި ހިތްވަރަށް ސާބަސް ދޭ ކަހަލަ އެވެ.
.
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
ހައްޖު ހަދިޔާއަށް ކާފަ ދިން މުސްހަފުން އަލިވީ ހަޔާތެއް
މި ކަވި މަސައްކަތުން ފާއިޒާ އެންމެން އާޝޯހުކޮށްލަނީ
ހާ ށަވިޔަންޏަށް ފަހު އަމަތު އާންޓީގެ އާ ފިލާވަޅުތަކެއް
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
ޒުވާނުންނަށް ޒުވާން ޝައިހެއް
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ކުއްޅަވައް މޮހީޓޯ އިން ލަންދޫ ފަހުރުވެރިކޮށްލި ޖައުފަރު
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި