Roadha Mihaaru
ސިވިލް ސާވަންޓުން ސިޔާސީ ނުވެވޭ ގޮތް ހަދައިދީ: ޝަމީމް

ސިވިލް ސާވަންޓުންނަށް ސިޔާސީ ކަންކަމުގައި ނޫޅެވޭ ހަދަން އެދިއްޖެ

13 ނޮވެމްބަރ 2019

ސިވިލް ސާވިސް ގާނޫނު ފުރަތަމަަ ފާސްކުރި އިރު އޮތް ގޮތަށް، ސިވިލް ސާވަންޓުންނަކީ އެއްވެސް ސިޔާސީ ހަރަކާތެއްގައި އަދި ސިޔާސީ ޕާޓީއެއްގައި ވެސް ބައިވެރި ނުވެވޭ ބައެއް ކަަމަށް އަލުން ހަދަން އެދޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިވިލް ސާވިސް ގާނޫނު ފުރަތަމަަ ފާސްކުރި އިރު އޮތް ގޮތަށް، ސިވިލް ސާވަންޓުންނަކީ އެއްވެސް ސިޔާސީ ހަރަކާތެއްގައި އަދި ސިޔާސީ ޕާޓީއެއްގައި ވެސް ބައިވެރި ނުވެވޭ ބައެއް ކަަމަށް އަލުން ހަދަން އެދޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ސިވިލް ސާވަންޓުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބޭ ބައެއް ކަމަށާއި އެކަމަކު އެކަން އެގޮތަށް ހިނގާކަން ކަށަވަރުކުރަން މިހާރު އޮތް ގޮތުން ވަރަށް ދަތި ކަމަށެވެ.

"އެއީ އެއްކަމެއް އަޅުގަނޑުމެން ސިވިލް ސާވިސް ކޮމިޝަނުން ހުށަހަޅާ، ސަރުކާރަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް، ކުރީގައި އޮތް ގޮތަށް ސިވިލް ސާވަޓުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫނީ ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭ ބައެއްގެ ގޮތުގައި އޮތުން އެއީ މުޅި މި ސަރަހައްދުގައި ވެސް ކަން އޮތް ގޮތް،" ޝަމީމް ވިދާޅުވި އެވެ.

އަލީ ޝަމީމް ދެއްކެވި ވާހަކައާ ގުޅިގެން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އޭނާ އަށް ފާޑުވިދާޅުވެ، ވާހަކަ ދެއްކެވި އެވެ. ސުވާލުކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި ގާސިމް ވިދާޅުވީ މިދިޔަ ސަރުކާރުގެ ބައެއް ޖަލްސާތަކުގައި ޝަމީމް ބައިވެރިވެވަޑައިގެންނެވިތަން ފެނިފައިވާ ކަަމަށާއި ކޮންމެ މީހަކު ވެސް އެހެން މީހުންނާ މެދު ވިސްނާ އިރު އެ މީހަކު ފުރަތަމަ އިޚުލާސްތެރިކޮށް ހުރުން ރަނގަޅު ކަމަށެވެ.

"އެގޮތުން ކަންނޭނގެ ދެއްތޯ މަނިކުފާނު ވެސް މިދިޔަ ސަރުކާރުގައި، ބައެއް ޖަލްސާތަކުގައި މަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ތަން ވެސް ފެނޭ. ދެން އަޅުގަނޑު ކޮންމެހެން އެއާ ދޭތެރޭ އެއްޗެއް ދަންނަވާކަށެއް ނޫން. އެެހެން ވިދާޅުވީތީ ދެން ދަންނަވާލީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެ ވާހަކަ އަށް ޝަމީމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އޭނާ ބައިވެރިވަޑައިގެންފައި ވާނީ ސަރުކާރަށް ތިން އަހަރު ފުރިގެން ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެ ބައްދަލުވުން އިންތިޒާމްކުރީ އަދި ހުށަހަޅައިދިނީ ވެސް ސިވިލް ސާވަންޓުން ކަމަށެވެ. އޭގެ ފަހުން އެއްވެސް ބައްދަލުވުމަކަށް ވަޑައިގެންފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަަމަ ރެކޯޑަށް ޓަކައި ދަންނަވާލަން އަޅުގަނޑު ސިޔާސީ ބޭފުޅަކާ އެކީ ކޮފީއެއްގައި ވެސް ތަނެއްގައި އިންދައެއް [ނުފެންނާނެ]، އަޅުގަނޑު މާލޭ މީހަކަށް ވީމާ މާލޭގައި ވެސް ނޯންނާނެ ގޮސްފައެއް،" ޝަމީމް ވިދާޅުވި އެވެ.

ސިވިލް ސާވިސް ގާނޫނު ފުރަތަމަ ފާސްކުރި އިރު އޮތީ ސިވިލް ސާވިސް މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ނޫޅެވޭ ގޮތަށެެވެ. އެކަމަކު އެއީ ކޮންމެ މީހަކަށް މެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށް ބުނެ 2018 ވަނަ އަހަރު ވަނީ ގާނޫނުގެ އެ މާއްދާ އުވާލައިފަ އެވެ.